ރައީސް އަބްދުއްﷲ ޔާމީންގެ ވެރިކަމަކީ ބޮޑެތި ‘ބާގަނޑުތައް’ ގިނަ ވެރިކަމެއްކަމުގައި ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރ ޢަލީ ނިޒާރު ވިދާޅުވެއްޖެއެވެ
ސުޕްރީމް ކޯޓުން ފެބްރުއަރީ 01 ގައި ނެރުނު އަމުރާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގުތަކުގެ ބަޔާން ލީކްވެފައިވާއިރު އެ ކަމަށް އިޝާރަތްކުރައްވާ އަލީ ނިޒާރު ވިދާޅުވީ ލީކުވަނީ ބާގަނޑުތައް ހުރުމުން ކަމަށެވެ
ލީކް ކޮށްލާފައިވާ ބަޔާންތަކުގެ ތެރޭގައި ބައެއް އާންމުންގެ ބަޔާނާއި، ފުލުހުންނާއި، ފަނޑިޔާރުންގެ ބަޔާންތައް ހިމެނޭ އިރު ބަޔާންތައް ލީކް ކޮށްލާފައި ވަނީ ފުލުހުންގެ ތެރެއިން ކަމެއް، ކޯޓުން ކަމެއް ނުވަތަ ޕީޖީގެ ތެރެއިން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ
މިކަމާއި ގުޅިގެން މިއަދު ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް ސުޕްރިންޑެންޓެންޓް އޮފް ޕޮލިސް އަހުމަދު ޝިފާން ވިދާޅުވީ ސިއްރު ބަޔާންތައް ލީކު ކޮށްލީ އިސް ފަރާތްތަކެއްގެ ނުފޫޒުން ކަމަށާއި އެ މައްސަލާގައި ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށެވެ