އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކާމިޔާބުކުރި ހެޓްރިކާއެކު ސްޕެނިޝް ލީގު ބާސެލޯނާ އިން ކާމިޔާބުކޮށްފިއެވެ.
ލީގުގައި ބާކީ ހަތަރު މެޗު އޮއްވާ ބާސާ އިން ލީގު ހޯދީ ޑިޕޯޓިވޯ ލަކަރޫނިއާ 2-4 އިން ކާމިޔާބުކޮށްގެންނެވެ.
ޑިޕޯޓިވޯ އަތުން މޮޅުވެ ބާސާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުވެފަފައިވަނީ ލީގުގެ ދެވަނާގައި 75 ޕޮއިންޓާއި އެކު އެތުލެޓިކޯ އޮތް އިރު ބާސާއަށް 86 ޕޮއިންޓް ލިބިފައިވުމުންނެވެ. މިއާއިއެކު އެތްލެޓިކޯ މެޑްރިޑް ކުރިއަށް ހުރި ހުރިހާ މެޗަކުން މޮޅުވިޔަސް ދެން ބާސާއާ އަރާ ހަމަ ނުކުރެވޭނެއެވެ.
ޑިޕޯޓިވޯގެ ދަނޑުގައި ކުޅުނު މި މެޗުގެ ފުރަތަމަ ގޯލު ބާސާ އަށް މެޗުގެ ހަތްވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ކުޓީނިއޯއެވެ. އަދި މެޗުގެ 38 ވަނަ މިނެޓްގައި މެސީ ވަނީ ބާސާގެ ދެވަނަ ގޯލު ކާމިޔާބުކޮށްދީފައެވެ. ނަމަވެސް މެސީ ލަނޑު ޖެހިތާ ދެ މިނެޓްފަހުން ލޫކަސް ޕެރޭޒް ވަނީ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލަނޑެއް ކާމިޔާބުކޮށް މެޗުގެ ފަރަގު އެއް ލަނޑައަށް ކުޑަކޮށްފައެވެ.
މެޗުގެ ދެވަނަ ހާފް ބާސާ ލީޑުގައި އޮވެ ފެށި ނަމަވެސް ދެވަނަ ހާފްގައި ވަރުގަދަ ކުޅުމެއް ދެއްކި ޑިޕޯޓިވޯ ވަނީ މެޗުގެ 64 ވަނަ މިނެޓްގައި މެޗުގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މި ލަނޑު ކާމިޔާބުކޮށްދީފައިވަނީ ކޮލަކްއެވެ.
ޑިޕޯޓިވޯ އިން ނަތީޖާ އެއްވަރުކުރުމާ އެކު ބާސާ އިން ވަނީ ކުޅުން އަލުން ރަނގަޅުކޮށް ޑިޕޯޓިވޯގެ ގޯލަށް ނުރައްކާ ކުރަން ފަށާފައެވެ. އެގޮތުން ސުއަރޭޒް ދިން ޕާހަކުން މެޗުގެ 82 ވަނަ މިނެޓްގައި މެސީ ވަނީ އެޓީމަށް ލީޑު ނަގާދީފައެވެ. އަދި އޭގެ ތިން މިނެޓްފަހުން މެސީ ވަނީ ބާސާގެ ހަތަރުވަނަ ގޯލު ކާމިޔާބުކޮށްދީ އޭނާގެ ހެޓްރިކް ފުރިހަމަކޮށް ބާސާއަށް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްދީފައެވ
މިއީ ބާސާ އިން ސްޕެނިޝް ލީގު ކާމިޔާބުކުރި 25 ވަނަ ފަހަރެވެ. ސްޕެނިޝް ލީގު މިހާތަނަށް އެންމެ ގިނައިން ކާމިޔާބުކޮށްފައިވަނީ މިދިޔަ ސީޒަންގެ ޗެމްޕިއަން ރެއާލް މެޑްރިޑުންނެވެ. އެ ކްލަބުން ވަނީ 33 ފަހަރު ލީގު ޗެމްޕިއަންކަން ހޯދާފައެވެ.
ލީގުގައި އަދި މިހާތަނަށް ކުޅުނު މެޗަކުން ބާސާ ބަލިވެފައިނުވާއިރު ލީގުގައި އެޓީމު ދެން ނިކުންނާނީ ރެއާލް މެޑްރިޑާއި ދެކޮޅަށެވެ.