އުނޫޝާ މިގަޑީގައިވެސް ހުންނާނީ ގޭގައި ކާން ހަދާފައިކަން އަހަންނަށް ޔަގީނެވެ. އެކަމަކު އަހަރެން މީނީ އެހެން އަންހެންކުއްޖަކާއެކު ކެފޭއެއްގައެވެ.
އުނޫޝާއާ އަހަރެން އިނީ މީގެ ފަސްއަހަރުގެ ކުރީންނެވެ. އެއީ އޭނާ ހަމަ ސްކޫލް ނިންމި ތަނާއެވެ. އޭނާގެ މައިންބަފައިންގެ ކިބައިގައި މާބޮޑު ތަނަވަސްކަމެއް ނެތުމުން އެމީހުން ގަސްތުކުރީ އޭނާ މީހަކާ ދެވުމަށެވެ. އެއީ އަހަރެންވެސް ވަޒީފާއަށް ނުކުންނަން ފެށިތަނާއެވެ. އަހަރެން އަދާ ކުރަން ޖެހުނީ އާއިލީ ވިޔަފާރިވެރިއެއްގެ ފަސް ފިހާރައިގެ ހިސާބު ބެލެހެއްޓުމެވެ. އަދި އެ ފިހާރަތަކުން ހުސްވާ ތަކެތި ހަމަކޮށް އަލަށް ތަކެތި ގެނެސް ހެދުމުގެ ވަޒީފާއެވެ. މިއީ ބުރަކަމެއް ވިޔަސް މިއީ ކޮމްޕިއުޓަރ އެހީގައި ނިކަން ފަސޭހަވެސް ކަމެކެވެ.
އުނޫޝަގެ މައިންބަފައިންނާ ގާތްތިމާގެ މީހުންނަށް އަހަރެން ފާހަގަވާކަށް އުނދަގުލެއް ނުވިއެވެ.
އަހަރެމެންގެ ކާވެނީގެ ޚިޔާލު ދެފަރާތުގެ މައިންބަފައިންގެ މެދުގައި ދެކެވުނުތާ މާގިނަދުވަހެއް ނުވެ އަހަރެމެންގެ ކާވެނި ކުރެވިއްޖެއެވެ. އާއިލާގެ ރޭވުމެއް ނަމަވެސް އަހަރެން އެކަމަކާ ދެކޮޅެއް ނަހަދަމެވެ. ރީތި ކުއްޖަކާ އިންނަން ބޭނުންވާ މީހަކަށް އުނޫޝާ ފެނިއްޖެއްޔާ ދޫކޮށެއް ނުލާކަން އަހަންނަށް އެނގެއެވެ. އަހަރެންވެސް ބޭނުންވީ އަހަރެންގެ އަންހެނުންނަކީ ރީތި ކުއްޖެއް ކަމުގައި ހެދުމަށެވެ.
ރާވައިގެން ކުރާ ކާވެނީގައި ލޯތްބެއް ނުވެޔޭ މީހުން ބުނެއެވެ. ވިޔަސް އަހަރެމެންގެ ދިރިއުޅުމަކަށް އިތުރު ލޯތްބެއް ބޭނުމެއް ނުވެއެވެ. އަހަރެން ދުށްގޮތުގައި އުނޫޝާއަކީ ރީތި އެހެން ނަމަވެސް ޖަވާހިރެކެވެ.
ޖަވާހިރަކީ ބަލާލަން ރީތި އެއްޗަކަށް ވާފަދައިން އަގުވެސް ބޮޑު އެއްޗެކެވެ. އަންހެން ކުއްޖެއްގެ ބޭރުފުށުން ކިތަންމެ ރީއްޗަކަސް އުޅުމެއް ނެތިއްޔާ އެއަކު އަގެއް ނުހުންނާނެއޭ މީހުން ބުނެއުޅެއެވެ. އެކަމަކު އުނޫޝާއަކަށް ވުރެން އުޅުން ހުރި ގޮތް ހުރި މަޑުމައިތިރި ނިޔަނެތި އަންހެން ކުއްޖަކު ތަނެއްގައި ހުރެދާނެ ކަމާމެދު އަހަރެންނަށް ޝައްކުވެއެވެ. ހަމަ ޔަގީނުންވެސް އަހަންނަކަށް އެއްވެސްތާކުން އެވަރެއް ފެނިފައެއް ނެތެވެ.
މިހުރިހާ ކަމަކަށް ވުރެންވެސް އެންމެ ފާހަގަކޮށްލެވެނީ އޭނާގެ ޚަރަދު ކުޑަކަމާއި ގެވެހިކަމެވެ. ލިބޭ މުސާރައިން ގޭގެ ހުރިހާ ކަމަކަށް މަހެއްގެ މައްޗަށް ހާހެއްވެސް ޚަރަދެއް ނުވެއެވެ. އެކަމަކު ދެފަހަރަކު އެކައްޗެއް ކައްކާފައެއް ވެސް ނުހުރެއެވެ. ރަހަ އެހާ ވެސް މީރެވެ. އޭނާގެ ކިބާގައި މިވާ ރިވެތި އުޅުން ހޯދި ގޮތެއްވެސް އަހަންނަކަށް ނޭނގެއެވެ. އޭނާގެ މައިންބަފައިން އަހަންނަށް އެނގުނެއް ކަމަކު އެމީހުންގެ ގޭތެރޭގެ ކަންތައް ހުންނަ ގޮތެއް އަހަންނަކަށް ނޭނގެއެވެ. އެއީ ކުޑައާއިލާއަކަށް ވިޔަސް ނުހަނު ރަނގަޅަށް ދަރީން ތަރުބިއްޔަތު ކުރަން ދަންނަ ބައެއްކަން އަހަންނަށް މިވަނީ ޔަގީން ކުރެވިފައެވެ.
އަހަރެންނަށް އުނޫޝާ އަންބެއްގެ ގޮތުން ލިބިފައިވުމުން ދިރިއުޅުމުގެ އެއްވެސް ކަމަކާ އަހަރެން ވިސްނާކަށް ނުޖެހެއެވެ. ދުވަހުން ދުވަހަށް ކުރާ މަސައްކަތުގައި ކުރިއަރައި އެންމެ ފަހުން ވިޔަފާރި ދާއިރާގައި އަހަރެން އުޅޭ ތަނުގެ އެމްޑީކަން އަހަންނަށް ލިބިއްޖެއެވެ.
މިއަދު އަހަންނަކީ މިހާ ޒިންމާ ބޮޑު މީހަކަށް ވިޔަސް ސިކުނޑިއަކަށް ކުޑަވެސް ބުރަކަމެއް ނެތެވެ. ގޭތެރެ އުފާވެރިއެވެ. ފުރަތަމަ ދަރިފުޅު އައުމުން އެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެއްޖެއެވެ. ދިރިއުޅުން ހިތްފަސޭހަވިއެވެ.
ކަންތައް މިހެން އޮތުމުން ކާމިޔާބު ވިޔަފާރިވެރިއެއްގެ ގޮތުގައި އަހަރެން މަޝްހޫރުވެގެން ދާކަށް ގިނަ ދުވަހެއް ނުނެގިއެވެ. އެއާއެކު ގިނަ ބައެއްގެ ލޮލުގައި އަހަރެން އަޅައިވެސް ގެންފިއެވެ.
ޒަމާނީ ޒުވާން އެތައް ކުދީންނެއްގެ ކަތި ނަޒަރު އަހަންނަށް އަމާޒުވަމުން ދިޔައެއްކަމަކު މިހާތަނަކަށް މީން އެއްވެސް ކުއްޖަކަށް އަހަރެން ސަމާލުކަމެއް ނުދެމެވެ. ވިޔަސް އަހަރެންގެ ކުންފުނީގެ ލޯޔަރަކަށް ފަހުން ހަމަ ޖެހުނު އައިޝާގެ ޖާދޫގައި މަޑުމަޑުން އަހަރެން ޖެހެމުން ދާން ފެށިކަން އަހަންނަށް ޔަގީންވާން ފަށައިފިއެވެ.
އަހަރެންގެ ހަޔާތުގެ ހަމަހިމޭން ކަނޑުގައި އަލަށް މިއުފެދެންފެށި ރާޅިބާނިތައް ދުވަހުން ދުވަހަށް އުފުލި މަޑުމަޑުން އަހަރެންގެ ހިތުގައި ގަދަ އޮއިވަރެއް ދެމެން ފެށިއެވެ. އަހަރެން މިކަމާ ހައިރާން ވެސް ވިއެވެ. ހަމަ ގައިމުވެސް އަހަރެންގެ އަންހެނުން އުނޫޝާއަކަށް ވުރެން އަސްލުގައި ރީއްޗެއް ނުވާނެއެވެ. ވިޔަސް އޭނާގެ މޭކަޕާއި ފެޝަނާއި ހަރަކާތް ކުރާގޮތާއި ހިތް ދަމައިގަންނަ ފަދަ އަދާތައް އެއީ އެކަކަށްވެސް ދެބަހެއްވެވެން ނެތް ފާޅުކަން ބޮޑު ހަގީގަތެއް މެއެވެ.
އައިޝާގެ ކިބާގައި ކިތަންމެ ހިތްދަމައިގަންނަ ގޮތްތަކެއް ހުރި ނަމަވެސް އަހަރެން އެކަމާ ވިސްނަންވީ ކީއްވެހެއްޔެވެ؟ ހަމަގައިމުވެސް އުނޫޝާހާ ގެވެހި އެއް ނުވާނެއެވެ. ޚަރަދު ކުޑައެއް ނުވާނެއެވެ. ބައްޔެއް ވެގެން ދައްޗެއް ވެގެން ދުވަހަކުވެސް ފޯނެއްކޮށް އުނދަގުލެއް ކޮށްފައެއް ނުވެއެވެ. އެއްވެސް ކަމަކާ ބޮލަށް ކުޑަވެސް ތުރާލެއް ކޮށްފައެއް ނުވެއެވެ.
އައިޝާގެ މޭކަޕާއި ހެދުންތަކާއި ގަހަނާތަކާއި ޖަހާ ސެންޓަށް އެކަނި ވިސްނާލިޔަސް މުސާރައިން ބާކީ ސަތޭކަ ރުފިޔާ އޮތަސް ނަސީބެކެވެ.
ތެދެކެވެ. އައިޝާއަކީ އައްޑޫގައި ނެތްވަރުގެ މޮޅު ލޯޔަރެކެވެ. އޭނާ ދިމާކޮށްފި ކޭހެއް ކާމިޔާބު ކޮށްފައި ނޫނީ ދުލެއް ނުކުރާނެއެވެ. ފައިވް ސްޓާލިންގ ކުންފުންޏަށް އައިޝާ ލޯޔަރެއްގެ ގޮތުގައި ގެނެސްފައި ވަނީ ވެސް އޭނާގެ ކުޅަދާނަ ކަމާހެދި ނޫނެކޭ އެކަކުވެސް ނުބުނާނެއެވެ. އޭގެ އިތުރުން އޭނާގެ ކިބާގައި ހުރި ޖާދުވީ އަސަރުތައް ނުހިމެނެޔެކޭވެސް ބުނަން ދަތިވާނެއެވެ.
އައިޝާ އައިސް އަހަރެންގެ ހިތާ ކުޅެން ފެށީ އަހަންނަށް އެއްވެސް ވަރަކަށް އެނގުމެއް ނެތިއެވެ. އަހަރެންގެ ހިތުގެ ހަމަހިމޭން ކަނޑުގެ ފެންމަތީގައި އުފެދެން ފެށި ކުދި ރާޅުބާނިތައް އިސާހިތަކު ބިޔަވެހަލަބޮލިވެގެންފިއެވެ. އެގަދަ އޮއިވަރުތެރޭގައި މަޑުމަޑުން އަހަރެންގެ ބާރެއް ނުހިނގާ ހިތް އޮޔާ ދާން ފަށައިފިކަން އަހަންނަށް ޔަގީން ވެއްޖެއެވެ.
އަހަރެންގެ ދެވަނައެއް ނުވާފަދަ އަނބިމީހާގެ ކިބައިން އަހަންނަކަށް ކުށެއް ނުފެނުނެވެ. އުނިކަމެއް ނުފެނުނެވެ. ބަހަނާއެއް ނުފެނުނެވެ. އަހަރެންގެ މައުސޫމު ދަރިފުޅަށް އޭނާގެ މަންމަ ގެއްލުވާލުމުގެ ހައްގެއް އަހަންނަކަށް ނެތެވެ. އެދަރިފުޅުގެ މަންމައާ ވަކިކޮށްލައިގެން އަހަރެން އޭނާ ގެންދާނީ ކާކުގެ ގާތަށް ހެއްޔެވެ؟ ދަރިޔަކަށް މަންމަވަރެއް ދުނިޔެމައްޗަކު ނުވާނެއެވެ. އަހަރެންގެ އުފާވެރި ދުނިޔެ އަހަރެންގެ އަތުން އަލިފާން ޖަހައި ރޯކޮށްލާނީ ކިހިނެއްހެއްޔެވެ. ފުރަތމަ ފަހަރަށް އަހަރެންގެ ހަޔާތަށް ބިޔަ ނަގޫރޯޅިއެއް އައިސް ބިންދާލިއެވެ.
އައިޝާ އަހަންނަށް މުހިންމެވެ. އަހަރެންގެ ކުންފުނީގެ އިންޖީނަކީ އޭނާ ކަމުގައި ވެއްޖެއެވެ. އަހަރެން ދާ ކޮންމެ މީޓިންގއަކަށް އޭނާ ދާން ޖެހެއެވެ. ނިންމާ ކޮންމެ ނިންމުމެއްގެ މުގުލުގައި ހުންނަނީ އޭނާއެވެ. އޭނާއަކީ ހަމައެކަނި ލޯޔަރަކަށް ވުމުގެ ބަދަލުގައި އޭނާއަކީ ފައިނޭންސް އެޑްވައިޒަރެއްވެސް މެއެވެ. އޭނާ މިމަގާމަށް ގެނައުމުގެ ޒިންމާ ނަގަން ޖެހޭ އަހަރެން ނޫން މީހެއް ވެސް ނެތް މެއެވެ.
އައިޝާ ގެނައިކަމުގެ ތާރީފު ކުންފުނީގެ އޯނަރުން ކުރީ އަހަންނަށެވެ. މިދިޔަ ދެ އަހަރުގެ ތެރޭގައި މިވިޔަފާރި ދިހަ ގުނައަށް ކުރިއަރައިގެން ދިޔައީތީއެވެ. އެއަކީ އަހަރެންގެ އެކަނި މަސައްކަތެއް ނޫންކަން އެމީހުންނަށް ގަބޫލު ކުރެވޭތީވެސް މެއެވެ.
އަހަރެންގެ ރަންގަނޑެއްފަދަ އަންހެނުންނަކީ ގޭގެ ހިންގުންތެރިޔާއެވެ. އަހަރެންގެ ހަޔާތުގެ ހުންގާނެވެ. އަހަރެންގެ ދަރިފުޅުގެ މުސްތަގުބަލުގެ ކުރިއެރުމަށް އަމާޒު ހިފައިދޭ ސަމުގާއެވެ. އެދަރިފުޅުގެ ސިއްހަތާއި ތައުލީމާއި އަހަރެންގެ ގެޔާއި ދިރިއުޅުމުގެ ބިންގާވެސް މެއެވެ. އެކަމަކު އަހަރެން ކުރާނީ ކީއްހެއްޔެވެ؟ މިއަދު އައިޝާއާ ނުލާ އަހަންނަކަށް ނޭވައެއްވެސް ލެވޭ ހެނެއް ހިޔެއް ނުވެއެވެ. އޭނާ ނުވާނަމަ އަހަރެންގެ ދިރިހުރުމެއްވެސް ނުވެއެވެ.
އައިޝާ އަހަރެން ދެކެ ލޯބިވާކަމަށް އަހަންނަށް ހުށަހެޅުމާއެކު އަހަރެންގެ ގޭގެ ފުރާޅު މައްޗަށް ނިއުކްލިއަރ ބޮމެއް ވެއްޓުނު ކަހަލައެވެ. އެއާއެކު އަހަރެންގެ މުޅި ދިރިއުޅުން އަނދާ ހުލިވެއްޖެއެވެ.
އައިޝާއާ އަހަރެން ގުޅި ވަކިނުވާވަރަށް ތަތްލައި އެކަތިގަނޑަކަށް ވުމުން އެންމެ ފަހުން އަހަރެންގެ ލޯބިވާ އަނބިމީހާގެ ކުރިމައްޗަށް އައިޝާގެ ނަން ގެނެސް ދައްކާލީމެވެ. އެކަން ހިމެނުނީ އޭނާގެ ކުރިމައްޗަށް ވިހަލާ ހަރުފައެއްގެ ނިގުލުގައި ހިފައިގެން އައިސް ވައްޓާލުން ފަދަ ކަމަށެވެ. ވިޔަސް އަހަރެންގެ ކުރިމަތީގައި އޭނާ ޗުއްޕުވެސް ނުބުންޏެވެ. މޫނުމައްޗަށް ނުރުހުމުގެ ކުލަވަރެއްވެސް ނޭރުވިއެވެ. އޭނާ ރުއި ރުއިމާއި އޮއްސި ކަރުނައެއް އަހަންނަކަށް ނުދެއްކިއެވެ. އޭނާ އަހަރެންގެ ކިބައިން އެދުނީ ދަރިފުޅަށް މިއިން ކަމެއް ނޭންގުމަށެވެ.
އަހަރެންނާ އުނޫޝާ ނިދަނީ އެއް އެނދެއްގެ ދެފަރާތުގައެވެ. ހީވާ ގޮތުން އެ ދެމެދުގައި އައްޑުއާ ކެލަޔާ ދެމެދުގެ ދުރުމިން ހުންނާނެއެވެ. ނިދީގައި ނަމަވެސް އަހަރެންގެ އަތްވެސް އޭނާގެ ހަށިގަނޑުގައި ބީއްސާލާކަށް މިއަދަކު އަހަންނަކަށް ކެތެއް ނުވެއެވެ. އެއާ ޚިލާފަށް އައިޝާގެ އަތުން އަތް ދޫކޮށެއް ނުލެވެއެވެ. ލޮލުން ލޯ ނައްޓައެއް ނުލެވެއެވެ.
އަހަރެންގެ ލޯބި ދަރިފުޅު އޭނާގެ މަންމައާ އެކު ކުޅެ ސަކަރާތް ގަންނަމުން ދާއިރަކު އޭނާއަކަށް އިސާހިތަކު އޭނާގެ އެ އުފާވެރިކަން ގެއްލި އޭނާގެ މުޅި މުސްތަގުބަލް ބަނަވެގެން ހިނގައިދާނެކަމުގެ ކުޑަވެސް ޚިޔާލެއް ނެތެވެ. އޭނާގެ މެއާ ދިމާއަށް އޭނާގެ އަމިއްލަ ބައްޕަ އުފުލާފައި ހުރި ޚަންޖަރެއް އޭނާއަކަށް ނުފެނެއެވެ.
އުނޫޝާ އަހަންނަށް ދިނީ އެއް މަސް ދުވަހެވެ. އޭނާ އަހަރެންގެ ކިބައިން އެދުނީ ކޮންމެ ދުވަހަކުވެސް އޮފީސް ނިންމާލާފައި އައިސް އޭނަޔާ ދަރިފުޅާއެކު ވަގުތު ހޭދަކޮށްދިނުމެވެ. އެކީގައި ކުޅެން އުޅެ ދިނުމަށެވެ. އެދަރިފުޅަށް ކިޔާ އެންމެ ފަހުގެ އަލްވަދާއެއްގެ ގޮތުގައި އެކަންތައް ކޮށް ދިނުމަށެވެ.
އަހަރެން އެކަމާ އެއްބަސްވީމެވެ. އަހަރެންވެސް ހަމަ އެވަރަށް އެދަރިފުޅު ދެކެ ލޯބިވޭމެއެވެ. މިހާތަނަށް އަހަރެން ކޮންމެހެން ކަމާކަން ފަށާ އެދަރިފުޅަށްޓަކައި ވަގުތު ހުސްކޮށްގެން ގެޔަށް ނާންނަނީ އެއްކަމެއްވެސް އެދަރިފުޅަށް މަދު ނުވާތީއެވެ. އޭނާގެ މަންމަ އެހުރިހާ އުފާތަކެއް އޭނާއަށް ބަރާބަރަށް ދެމުން ގެންދާތީއެވެ.
އަހަރެން އަހަރެންގެ ދަރިފުޅާއި އޭނާގެ މަންމައާ އެކު ކުޅެމުން މަޖާ ކުރަމުން ގެންދަން ފެށުމުން އެކުޑަ ދަރިފުޅުގެ އުފާވެރިކަން އިންތިހާއަށް ދިޔައެވެ. ބަލަބަލާ ހުއްޓާ ގޮފިފަޅައިގެން ހެދިފޯދޭ ގަހެއް ފަދައިން އޭނާވެސް ހެދި ބޮޑުވެ ވިސްނުންތޫނުވެ ހުޝިޔާރުވާން ފަށައިފިއެވެ.
މަހެއްހާ ދުވަސްތެރޭގައި އަހަރެންގެ ދަރިފުޅަށް މިއައި ބަދަލު ފެނުމުން އަހަރެން ހައިރާންވީ އެކަންޏެއް ނޫނެވެ. އަހަރެންނަކަށް އެދަރިފުޅާއެކު އެގޮތުގައި ވަގުތު ހޭދަކުރަމުން ދިއުން ހުއްޓައެއްވެސް ނުލެވުނެވެ.
އައިޝާ އަހަރެންގެ ހުށަހެޅުން ގަބޫލުކޮށް އެއް މަސްދުވަސް އެގޮތުގައި އަހަރެން އާއިލާއާއެކު ހޭދަ ކުރުމަށް ރުހުނީ ބާކީ އޮތް ހުރިހާ ދުވަހެއް އަހަންނާއެކު އޭނައަށް ހޭދަކުރެވިދާނެ ކަމުގެ އުންމީދާވެސް އެކުގައެވެ. އެހެންނަމަވެސް މަސްދުވަސް ހަމަވީ އިރު އަހަރެންގެ ޚިޔާލުގެ އޮއިވަރުވެސް މިވަނީ ބަދަލުވެފައެވެ. އަހަރެން އައިޝާގެ ގާތު ބުނީމެވެ.
“އައިޝާއަށް އަހަރެން ފަދަ ކިތަންމެ ފިރިހެނުންނެއް ހާސިލްވެދާނެ. އެހެންނަމަވެސް އަހަންނަކަށް އަހަރެންގެ އަންހެނުންނާއި ދަރިފުޅެއް ހާސިލެއް ނުވާނެ. ކާވެނީގައި ވޭތިވީ ހަނދާންތަކެއް އަނބުރައެއް ނުލިބޭނެ. އަހަންނަށް ޖެހޭނީ އައިޝާ ނޫނީ އަންހެނުންނާ ދަރިފުޅު ޚިޔާރު ކުރަން. އަހަރެންގެ ހިތް ބޭނުމީ އައިޝާ. ވިޔަސް އަހަރެންގެ ނަފްސު ބޭނުންވަނީ އަހަރެންގެ އާއިލާ.”
އަހަރެން އެނބުރި ގެޔަށް ދިޔައިމެވެ. އެހެންނަމަވެސް އަހަންނަށް ފުރަތަ ފަހަރަށް އެގެ ފެނުނީ ފަޅުގެއެއްގެ ގޮތުގައެވެ. އަހަރެން ހޯދީމެވެ. އެކިތަންތަން ބެލީމެވެ. މިއިން އެއްތަނަކުންވެސް އަހަންނަކަށް އުނޫޝާއެއް ނުފެނުނެވެ.
އަހަރެންނަށް އުނޫޝާ ވީތަން އެނގުނީ އޭނާގެ ގެޔަށް އަހަރެން ދިއުމުންނެވެ. ދަރިފުޅު އޭރު އިނީ ރޮވިފައެވެ. ފެން ނެތް ތަނެއްގައި މިލާ މޯޅިވެފައިވާ ގަހެއް ފަދައިންނެވެ. އަހަރެން ފެނުމުން އޭނާ އައިސް އަހަރެންގެ ކޮނޑަށް އެރިއެވެ. އެކަމަކު މަންމަ ނެތް ކަމުގެ ހިތާމައެއް ނުފިލިއެވެ.
އަހަރެން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ދިޔައިމެވެ. ޑޮކްޓަރުންނާ ސުވާލު ކުރީމެވެ. ޝަކުވާ ކުރީމެވެ. އޭރަކު އަހަންނަކަށް އުނޫޝާގެ އެއްވެސް ސިއްހީ މައްސަލައެއް ހުރިކަމެއް އެނގިފައެއް ނެތެވެ. ކާޑިއޯމަޔަޕަތީ އެއީ އަހަރެން އަޑުވެސް ނާހާ ބައްޔެކެވެ. އޭނާގެ ހިތުގެ ވިންދު ޖެހުން ކޮންޓްރޯލުން ނައްޓައިފިނަމަ މިފަދަ ކަމެއް ދިމާވެދާނެ ކަން ކުޑަކޮށްވެސް އަހަންނަކަށް އެނގިފައެއްނެތެވެ.
އަހަރެންގެ ދިރިއުޅުން ވީރާނާ ކޮށްލުމުގެ ޒިންމާ ނަގަން ޖެހެނީ އަހަރެން އެކަންޏެވެ. އެ ދިރިއުޅުން އަލަކުން ދެނެއް އަހަންނަކަށް ލިބުމެއް ނެތެވެ. މިވީރާނާ ކަމުގެ ސަޒާ އަހަންނަށް ލިބުން ހައްގެވެ.
ލޮލަށް ފެންނަ ބެބުޅުމެއް އެއީ ދިރިއުޅުމަށް އަލިކޮށްދޭނެ އުޖާލާ އައްޔެއްކަމަށް ދެކި އެދިމާއަށް މިސްރާބު ބަދަލު ކޮށްލުމުގެ ހިތިރަހަ އަހަރެންގެ އަރަކުން ދުވަހަކުވެސް ފިލުމެއް ނެތެވެ. އަހަރެންގެ އަތުގައި އޮތް ޖަވާހިރު ފުން ވަޅުގަނޑެއްގެ ތެރެއަށް ވައްޓާލީ އަހަރެންގެ ދެއަތުން ނޫން އެހެން އެއްވެސް ގޮތަކުން ނޫނެވެ. އޭގެ ފަހަކުން އަހަރެންގެ ލޮލުން ކަރުނައެއް ނުހިކުނެވެ.
ނިމުނީ