އޭއެފްސީ ކަޕްގެ ގްރޫޕް އީ ގައި އިންޑިޔާ ލީގުގެ ޗެމްޕިއަން ބެންގަލޫރު އާއި ދިވެހި ރާއްޖޭގެ ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު ނިއުއިން ކާމިޔާބުކޮށްފިއެވެ.
އޭއެފްސީ ކަޕްގައި މި ދެޓީމް މާލޭގައި އިއްޔެ ކުޅުނު މެޗު ނިއުއިން ކާމިޔާބު ކުރީ 2-0 ލަނޑުންނެވެ.
މިމެޗުގެ ކުރިން މި ދެ ޓީމު އިންޑިޔާގައި ކުޅުނު މެޗްގެ ފަހު ވަގުތު ބެންގަލޫރުން 1-0 ލަނޑުން ކާމިޔާބުކޮށްފައިވާއިރު އިއްޔެގެ މެޗަކީ ދިވެހި ކުލަބެއްގެ އަތުން ބެންގަލޫރު ބަލިވި ފުރަތަމަ މެޗެއެވެ. މީގެ ކުރިން ބެންގަލޫރުން ވަނީ ރާއްޖޭގެ ކްލަބްތަކާ ދެކޮޅަށް ކުޅުނު ހަތް މެޗު ވެސް ކާމިޔާބު ކޮށްފަ އެވެ. އެއީ މާޒިޔާ އަތުން ހަތަރު ފަހަރު، ޓީސީ އަތުން ދެ ފަހަރު އަދި ނިއު އަތުން އެއް ފަހަރެއެވެ.
މިނަތީޖާއަށް ފަހު ގްރޫޕް ގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ނިއު ރޭޑިއަންޓާއި ބެންގަލޫރަށްވެސް 9 ޕޮއިންޓް ލިބިފައިވާއިރު ފައިދާ ގޯލުގެ ތަފާތުން އެއްވަނަ މަގާމް ލިބިފައިވަނީ ނިއު ރޭޑިއަންޓަށެވެ.މި ގުރޫޕުން ދެވަނަ ބުރުގެ ޖާގައެއް ކަށަވަރުވާނީ ގުރޫޕްގެ އެއްވަނަ ހޯދާ ޓީމަށެވެ.
އިއްޔެ އަމިއްލަ ސަޕޯޓަރުން ކުރިމަތީގައި ވަރުގަދަ ބެންގަލޫރާއި ދެކޮޅަށް މޮޅު ކުޅުމެއް ދެއްކި މި މެޗުގެ 30 ވަނަ މިނިޓްގައި ނިއުގެ ފުރަތަމަ ލަނޑު އަލީ ފާސިރު ކާމިޔާބުކުރި އިރު ދެވަނަ ހާފްގެ ކުޅުން ފެށުނުތާ ދެ މިނިޓް ފަހުން އަލީ އަޝްފާގް ވަނީ އިތުރު ލަނޑެއް ކާމިޔާބުކޮށް އަމިއްލަ ދަނޑުގައި ބެންގަލޫރު އަތުން ތިންޕޮއިންޓް ކަށަވަރުކޮށްފައެވެ.