English Edition
Dhivehi Edition

ހިތުގެ ބަލިތަކާއިބެހޭ ގައުމީ މަރުކަޒަށް އެއް އަހަރު ފުރުމާއި ގުޅިގެން އައްޑޫގައި “ސުޕަރ ސްޕެޝަލިސްޓް މެޑިކަލް ކޭމްޕް”އެއް ބާއްވަން ނިންމައިފިއެވެ. މި ކޭމްޕްގައި، ޖުލައި މަހުގެ 23އަދި 24 މި ދެ ދުވަހު އަ.އި.ޖީ.އެމް.އެޗް ގެ ޑޮކްޓަރުންގެ ހާއްސަ ޓީމެއް ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގައި ބަލިމީހުން ބައްލަވާ ފަރުވާ ދެއްވާގޮތައް ވަނީ ހަމަޖެހިފައެވެ. މިކޭމްޕުގައި އައިޖީއެމްއެޗްގެ ފަސް ޑޮކްޓަރުން ބަލިމީހުންނަށް ފަރުވާ ދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ކޭމްޕްގައި ޑރ. އަލީ ޝަފީގް، ޑރ. ޕްރަތާޕް ކުމާރް، ޑރ. އަހުމަދު މުޖީބް، ޑރ. އިބްރާހީމް ޝިހާމް އަދި ޑރ. ކުމާރް ޕްރަބޫ ބަލިމީހުން ބަލާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މި ގޮތުން ހިތުގެ ބަލިތަކާއި ބެހޭ ހާއްސަ ޑޮކްޓަރު، އަލީޝަފީގު ބައްލަވަނީ ބައިޕާސް ، އެންޖިއޮޕްލާސްޓީ ، ނުވަތަ އެނޫނަސް ހިތުގެ އޮޕްރޭޝަނެއް ކުރިން ކޮށްފައިވާ ބަލިމީހުންނެވެ. ހިތުގެ ބައްޔަށް ކުރިން ފަރުވާ ހޯދާފައިވާ ބަލިމީހުން ޑޮކްޓަރަށް ދައްކަން ވަޑައިގަންނަވާއިރު ކުރީގެހުރިހާ ލިޔެކިއުމެއް ގެންނަންޖެހެއެވެ މީގެ އިތުރަށް ޑޮކްޓަރ އަލީ ޝަފީގުއަށް ދައްކަން ބޭނުންވާ ބަލީމީހުން ޑރ. ޕްރަތާބް ، އަދި ޑރ. މުޖީބުއަށް ދެއްކުމުން ޑރ. އަލީ ޝަފީގަށް ދައްކަންޖެހޭ ބަލިމީހެއްނަމަ ދެއްކޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ ހެލްތު މިނިސްޓްރީ އާއި ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) ގުޅިގެން ބާއްވާ ކޭމްޕުގައި ޑޮކްޓަރުންނަށް ދައްކަވަން ބޭނުންފުޅުވާ ފަރާތްތަކުން އެޕޮއިންޓްމެންޓް ހެއްދެވުމުގެ ސުންގަޑިއަކީ 19 ޖުލައި 2017 ވާ ބުދަދުވަހުގެ 3:00 އެވެ. މި ކޭމްޕުގައި ޑޮކްޓަރަށް ދައްކަން ބޭނުންފުޅުވާ ފަރާތްތަކުން އެރަށެއްގެ ސިއްހީމަރުކަޒަށް ނުވަތަ ހިތަދޫ ރީޖަނަލް ހޮސްޕިޓަލްގެ ފޯނަށް ގުޅުއްވައިގެން ނަންނޯޓްކުރެއްވުމުގެ އިންތިޒާމް މިހާރުވަނީ ހަމަޖެހިފައެވެ.