English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ސެމީފައިނަލް ފުރަތަމަ ލެގު ގައި ލިވަޕޫލްގެ މިސްރުގެ ތަރި ސަލާހްގެ ކުރީގެ ކުލަބް ރޯމާއާއި ދެކޮޅަށް ލިވަޕޫލު ކުޅުނު މެޗުގައި ސަލާޙް ދެއްކި މޮޅު ކުޅުމާއި އެކު ރޯމާ ބަލިކޮށް ލިވަޕޫލް ޗެމްޕިއަންސް ލީގު ފައިނަލާ ގާތަށް ޖެހިލައިފިއެވެ.

ލިވަޕޫލުގެ އަމިއްލަ ދަނޑުގައި ރޭ ކުޅުނު މި މެޗު ލިވަޕޫލުން ކާމިޔާބު ކުރީ 5-2 ގެ ނަތީޖާއަކުންނެވެ. ރޭގެ މެޗުން ރޯމާ ބަލިވިނަމަވެސް އަންނަ ހަފްތާގައި އަމިއްލަ ދަނޑުގައި 3-0 ލަނޑުން މޮޅުވެގެން ރޯމާއަށް ފައިނަލަށް ދެވިދާނެއެވެ.

ރޯމާ މުބާރާތުގެ ސެމީފައިނަލުން ޖާގައެއް ހޯދާފައިވަނީ ކުއާޓާ ފައިނަލުގައި މުބާރާތުގެ ފެވަރިޓުންގެ ގޮތުގައި ބެލެވުނު ބާސެލޯނާ އާއި ކުޅުނު މެޗުގެ ފުރަތަމަ ލެގުގައި ބާސާގެ ދަނޑުގައި 4-1 އިން ބަލިވި ނަމަވެސް މުބާރާތުގެ ދެ ވަނަ ލެގުގައި އަމިއްލަ ދަނޑުގައި ބާސާ 3-0 ލަނޑުގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

ލިވަޕޫލުގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި އެޓީމުގެ ފުރަތަމަ ލަނޑމެޗުގެ 36 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ރޯމާގެ ކުރީގެ ކުޅުންތެރިޔާ މުހައްމަދު ސަލާހެވެ. އަދި އޭގެ 10 މިނެޓު ފަހުން ސަލާޙް ވަނީއިތުރު ލަނޑެއް ޖަހާ ފުރަތަމަ ހާފް ނިމުމުގެ ކުރިން ލިވަޕޫލްގެ ލީޑު 2-0 ލަނޑަށް ފުޅާކޮށްދީފައެވެ.

ދެވަނަ ހާފު ފެށިގެން ލިވަޕޫލުން ވަނީ ގާތްގާތުގައި ތިން ލަނޑު ރޯމާ ކޮޅަށް ވައްދާލާފައެވެ. ލަނޑުތައް ޖެހީ ރޮބާޓޯ ފިރްމީނޯގެ އާއި ސަޑިއޯ މާނޭ އެވެ. ސަޑިއޯ މާނޭ ލަނޑެއް ޖަހާފައިވާއިރު ފިރްމީނޯ ވަނީ ދެ ލަނޑު ޖަހާފައެވެ. ރޭގެ މެޗުގައި ލިވަޕޫލުން މާނޭ އާއި ފިރްމީނިއޯ ކާމިޔާބުކޮށްދިން ދެ ލަނޑު ޖެހުމުގައި ވެސް އެހީތެރިވެ ދީފައިވަނީ ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ސަލާހް އެވެ.

މެޗުގެ ފަހު ހާފުގައި ރޯމާއިން ވަނީ ކުޅުން ރަނގަޅުކޮށް ދެ ލަނޑު ޖަހާފައެވެ.މިގޮތުން މެޗުގެ 81 ވަނަ މިނެޓުގައި ޗެކޯ ރޯމާގެ ފުރަތަމަ ލަނޑު ކާމިޔާބުކޮށްދިންއިރު އޭގެ 4 މިނެޓު ފަހުން ލިބުނު ޕެނަލްޓީއަކުން ޑިއޭގޯ ޕެރޯޓީ ވަނީ ރޯމާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

ރޭގެ މެޗުގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދެއްކި ސަލާހް އަންނަނީ މި ސީޒަންގައި ލިވަޕޫލްއަށް މޮޅު ކުޅުމެއް ދައްކަމުންނެވެ.ސަލާޙް ވަނީ ދާދި ފަހުން ހޮވި އިނގިރޭސި ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ.