English Edition
Dhivehi Edition

ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މިރޭ އަމިއްލަ ދަނޑުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ޖެހޭއިރު އެންމެ ޖެހިލުންވަނީ ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ ހުރުމުންކަމަށް ބަޔާން މިއުނިކްގެ ކޯޗު ޔުޕް ހެއިންކެސް ބުނެފި އެވެ

މިދިޔަ ސީޒަނުގައި ބަޔާން މުބާރާތުގެ ކުއާޓާ ފައިނަލުން ކެޓި މެޗުގައި ރޮނާލްޑޯ ވަނީ ބަޔާން ކޮޅަށް ހެޓްރިކެއް ހަދާފައި ކަމަށާއި އެނާ އަކީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ނަތީޖާ ބަދަލު ކޮށްލާނެ ކުޅުންތެރިއެއް ކަމަށް ހެއިންކެސް ބުންޏެވެ.

“ހެއިންކެސް ބުނީ، އޭނާ އުންމީދު ކުރަނީ މިރޭގެ މެޗަކީ ރޮނާލްޑޯ އަށް ރަނގަޅު ދުވަހަކަށް ނުވުން ކަމަށާއި އޭނާ ކުޅެފި ނަމަ މެޗު ފަސޭހަ ނުވާނެ ކަމަށް” ކުރިން ރެއާލަށް ކޯޗުކޮށްދިން ހެއިންކެސް ބުންޏެވެ.

“ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯއާ މެދު ސުވާލު އުފެއްދޭނެ ޖާގައެއް ނެތް. އޭނާ އެ އަންނަނީ ކޮންމެ ޓީމަކާ ދެކޮޅަށް ތަފާތު ދައްކަމުން. ހަގީގަތަށް ބުނަންޏާ ކޮންމެ ޓީމަކުން ވެސް ރޮނާލްޑޯއާ މެދު ވިސްނާނެ. އޭނާ ދެކެ ޖެހިލުން ވެސް ވާނެ،” ހެއިންކެސް ބުންޏެވެ.

ރެއާލަކީ އެންމެ ފަހުން ދެ ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކުރި ޓީމެވެ. ރެއާލުން މި ފަހަރު މުބާރާތް ކާމިޔާބު ކުރުމަށް އަމާޒު ހިފާފައިވާއިރު، ޖެހިޖެހިގެން ތިން ފަހަރު މި މުބާރާތް އެންމެ ފަހުން ކާމިޔާބު ކުރުމުގެ ރެކޯޑް އޮތީ ބަޔާން އަތުގަ އެވެ. އެއީ މީގެ 43 އަހަރު ކުރިންނެވެ.

މި ސީޒަނުގައި ހެއިންކެސް ބަޔާނާ ހަވާލުވީ ސީޒަންގެ ކުރީކޮޅުގައި އެ ޓީމުން ކާލޯ އަންޗެލޮޓީ މަގާމުން ދުރު ކުރުމުންނެވެ. ހެއިންކެސް ހަވާލުވީ މި ސީޒަނުގެ ނިޔަލަށެވެ. އަންނަ ސީޒަނުގައި ބަޔާނަށް އިރުޝާދުދޭނީ މިހާރު އެއިންޓްރެކްފްރޭންކްފާޓްގައި ހުރި ކްރޮއޭޝިއާގެ ނިކޯ ކޮވަޗް އެވެ.