English Edition
Dhivehi Edition

އައްޑޫސިޓީ ހިތަދޫގައި ވިލާކޮލެޖުން ހިންގާ ކެމްޕަހުގެ ސަނަދު ދިނުމުގެ ޖަލްސާ މިރޭ ބާއްވައިފިއެވެ. ހިތަދޫ ޝަރަފުއްދީން ސްކޫލު މާލަމުގައި މިރޭ 9:00 ގައި ބޭއްވި މި ޖަލްސާ ޝަރަފުވެރި ކޮށްދެއްވީ އައްޑޫސިޓީ މޭޔަރު އަބްދުﷲ ސާދިގެވެ. މިރޭގެ ޖަލްސާގައި ޖުމްލަ 129 ދަރިވަރުން ސަނަދު ހާސިލް ކުރިއެވެ. އެއީ ސެޓްފިކެޓް ލެވެލް ތިނަކާއި، ހަތަރަކާއި، ޑިޕްލޮމާ ފުރިހަމަ ކުރި 52 ދަރިވަރުންނާއި، އެކޮލެޖުން ހިންގި ކެރިއަރގައިޑެންސް ވޯކްޝޮޕް ފުރިހަމަކުރި 77 ދަރިވަރުންނެވެ. އެކުދިންނަށް ސަނަދު ބައްސަވައި ދެއްވީ ވިލާކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރާއި، އެގްޒެކެޓިވް ޑިރެކްޓަރ-އެކެޑެމިކް އާއިޝަތު މުހައްމަދު ދީދީއާއި، އެންއައިއީގެ ސްޕްރިންޓެންޑެންޓް ފާތިމަތު ނަސީރާއި ޖަލްސާގެ ޝަރަފުވެރި މެހުމާން އަބްދުﷲ ސާދިގެވެ. މިޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޝަރަފުވެރިމެހުމާން އަބްދުﷲ ސާދިގު ވިދާޅުވީ ސްކޫލްތައް ނިންމާ ދަރިވަރުންނަށް އެ ސްކޫލްތަކުންނާއި ކަމާގުޅޭ ރަސްމީ އިދާރާތަކުންވެސް މާބޮޑަށް އަޅައިލާ ތަނެއް ފެނިވަޑައި ނުގަންނަވާ ކަމަށެވެ. އޭގެ ބަދަލުގައި ކުދިންނަށް ކެރިއަރގައިޑެންސް ދަސްކޮށްދީ އެކުދިން ކުރިއަށް ދިޔުމަށް މަގު ދައްކައިދޭންޖެހޭ ކަމަށް ވިދާޅުވިއެވެ. ވިލާ ކޮލެޖުން ބޭއްވި ކެރިއަރގައިޑެންސް ވޯކްޝޮޕުގެ ސަބުން ކުރިއަށްދާނެ މަގު ދަރިވަރުންނަށް ކޮންމެވެސް ވަރަކަށް އެނގިގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ޝަރަފްވެރި މެހުމާން ވިދާޅުވިއެވެ. އަބްދުﷲ ސާދިގު ވިދާޅުވީ ސަނަދެއް ހޯދައިގެން މުޖުތަމައުގައި ކުރިއަށްދާން ބަލާއިރު ތިމާގެހުރި ހުނަރެއް އަމިއްލައަށް ދަނެގެން އޭގެ ބޭނުން ހިފައި ތިމާ ބޭނުންވާ ދާއިރާއަކުން ކުރިއަށް ދިޔުމަށް ބާރުއަޅަންޖެހޭ ކަމަށެވެ. މިރޭގެ ޖަލްސާގައި ވިލާކޮލެޖުގެ ރެކްޓަރ ޑރ. އަހުމަދު އަންވަރާއި، އެގްޒެކްޓިވް ޑިރެކްޓަރ-އެކެޑެމިކް އާއިޝަތު މުހައްމަދު ދީދީ ވާހަކަ ދެއްކެވިއެވެ.