English Edition
Dhivehi Edition

މިނިވަންކަޕް 2017ގައި މިއަދު ކުޅުނު ދެވަނަ މެޗު ބޮޑު ތަފާތަކުން މަރަދޫ އެފްސީ ކާމިޔާބުކޮށްފިއެވެ. ކެނެރީފް ޓީމާއި ބައްދަލުކޮށް މަރަދޫ އެފްސީ އިން މި މެޗު ކާމިޔަބުކުރީ 8 ލަނޑު ދެ ލަނޑުންނެވެ. މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ދާދި ހަމަ ހަމަ ކުޅުމެއް ފެނިގެން ދިޔަ މި މެޗުގައި ދެ ޓީމަށްވެސް ވަނީ ލަނޑު ޖަހާނެ ގިނަފުރުސަތު ތަކެއް ލިބިފައެވެ. މި ގޮތުން މެޗުގެ ތިންވަނަ މިނިޓާއި ހަތްވަނަ މިނިޓްގައި ކެނެރީފު ޓީމުގެ ގާގާ ވަނީ މަރަދޫ އެފްސީގެ ގޯލަށް އަމާޒުކޮށް ހަމަލާ ދީފައެވެ. އެހެންނަމަވެސް ކުޅަދާނަ ކަމާއެކު މަރަދޫ އެފްސީގެ ކީޕަރުވަނީ މި ހަމަލާތައް ދިފާއުކޮށްފައެވެ.މެޗުގެ ހަތްވަނަ މިނިޓާއި ދިހަވަނަ މިނިޓްގައި މަރަދޫ އެފްސީ އިންވެސް ވަނީ ނުރައްކާތެރި ހަމަލާތައް ކެނެރީފުގެ ގޯލަށް އަމާޒުކޮށްފައެވެ. މި ގޮތުން މެޗުގެ ފުރަތަމަ ލަނޑު މަރަދޫ އެފްސީއަށް ކާމިޔާބުކޮށްދިނީ އެ ޓީމަށް ލިބުނު ހިލޭ ޖެހުމަކުން ހުސެއިން ވިފާގުއެވެ. އެ ޓީމުން ލަނޑު ޖެހިތާ އެއް މިނިޓްފަހުން ކެނެރީފު ޓީމުގެ ނައުފަލު ނަގައި ދިން ހުރަސް ގޯލަށް އަމާޒުކޮށް މެޗުގެ ނަތީޖާ އެއްވަރުކޮށްދިނީ އެ ޓީމުގެ މުހައްމަދު ރިފާހުއެވެ. މެޗުގެ ދެވަނަ ހަފްގައި މަރަދޫ އެފްސީއިން މޮޅުކުޅުމެއް ދައްކާފައިވާއިރު މެޗުގެ ބާވީސްވަނަ މިނިޓްގައި ވިފާގު ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ ބަދަލުކޮށްލާފައެވެ. ކެނެރީފު ޓީމުން މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށް މަސައްކަތްކޮށްފައިވާއިރު މަރަދޫ އެފްސީއިން ވަނީ މެޗުގެ ދެވަނަ ހާފްގައި ހަތް ގޯލުޖަހާފައެވެ. އެ ޓީމުގެ ގޯލުތައް ޖަހާފައިވާ ކުޅުންތެރިންނަކީ އަބްދުއްﷲ ވާޒިއު، އަހްމަދު ނާދިރު، މުހައްމަދު އިނާހް، ހަސަން އައިކްގެ އިތުރުން އަހްމަދު ތަލާލްއެވެ. ދެވަނަ ހާފްގައި އަހްމަދު ތަލާލް ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ކެނެރީފުން ޖެހި ދެވަނަ ލަނޑަކީ އަބްދުއްﷲ ޝިފަޒު ކާމިޔާބުކޮށްދިން ލަނޑެކެވެ. މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ހުސެއިން ވިފާގުއެވެ. މިއަހަރުގެ މުބާރާތުގެ ޗެމްޕިއަން ޓީމަށް 30000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައިވާ އިރު ރަނަރަޕް ޓީމަށް ވަނީ 20000 ރުފިޔާގެ ފައިސާގެ އިނާމް ހުށަހަޅާފައެވެ. މި އަހަރުގެ މުބާރާތުގެ މެއިން ސޮޕޮންސަރަކީ އައްޑޫ ސިޓީ ހުޅުދޫ ދާއިރާގެ މަޖިލީސް މެމްބަރު ޝަހިދު އެވެ. ކޯ ސްޕޮންސަރަކީ އައިލެންޑް އެކްސްޕްރެސް އެވެ. އަދި މީޑިއާ ޕާޓްނަރަކީ އޭއޯ ނިއުސްއެވެ.