English Edition
Dhivehi Edition

މމިނިވަންކަޕް 2017ގައި މިއަދު ކުޅުނު ފުރަތަމަ މެޗު ގައި ފްރެންޑްސްކްލަބު ބޮޑު ތަފާތަކުން ބަލިކޮށް އެޓީ ސްޕޯޓްސް އިން މުބަރާތުގައި އެ ޓީމު ކުޅުނު ފުރަތަމަ މެޗު ކާމިޔާބުކޮށްފިއެވެ. މިއަދު ހަވީރު ހުޅުދޫ ފުޓްސެލް ދަނޑުގައި ކުޅުނު މި މެޗު އޭޓީ ސްޕޯޓްސް އިން ކާމިޔާބުކުރީ 10 ލަނޑު 2 ލަނޑުންނެވެ. އޭޓީ ގެ ކުޅުންތެރިންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެން ދިޔަ މި މެޗުގެ ފުރަތަމަ 9 މިނިޓްގެ ތެރޭގައި އޭޓީއިން ވަނީ 3 ލަނޑު ކާމިޔާބުކޮށް ހަމަޖެހިލާފައެވެ. މި ތިން ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ އަހްމަދު ޝިރާޒު(ޝިރައްޓޭ) އެވެ. މެޗުގެ ނަތީޖާ ބަދަލުކޮށްލުމަށްޓަކައި ފްރެންޑްސް ކްލަބް އިން ގިނަ މަސައްކަތްތަކެއް ކޮށްފައިވާ އިރު އޭޓީ ގެ އަބްދުއްﷲ ޝާފިއު ޖެހިލަނޑާއެކު އެ ޓީމުން ވަނީ މެޗުގެ ލީޑު އިތުރަށް ފުޅާކޮށްފައެވެ. މެޗުގެ ފުރަތަމަ ހާފް ނިމެން 2 މިނިޓަށް ވެފައިވަނިކޮށް ހުސެއިން ޝަރީފު(އޮންލީ) ވަނީ އޭޓީއަށް އިތުރު ލަނޑެއް ކާމިޔާބުކޮށްދީފައެވެ. މި މެޗުގައި ފްރެންޑްސް ކްލަބުގެ ޑިފެންސްލައިން ފޫއަޅުވާލުމަށްފަހު ގިނަ ހަމަލަތަކެއް އޭޓީއިން ވަނީ ފޮނުވާލާފައެވެ. މެޗުގެ ދެވަނަ ހާފްގައި ސިޔާމު އެއް ލަނޑު ޖެހިއިރު އަބްދުއްﷲ ޝާފިއު ވަނީ އެ ޓީމަށް ދެ ލަނޑު ކާމިޔާބުކޮށްދީފައެވެ. ފްރެންޑްސް ކްލަބުގެ ފަރާތުން ގިނަ ފައުލްތަކެއް ހެދުމުގެ ނަތީޖާއެއްގެ ގޮތުން ފަސް ފައުލް ހަމަވެ އޭޓީއަށް ވަނީ ދެ ޕެނެލްޓީ ލިބިފައެވެ. މީގެ ތެރެއިން ފަސީ ފޮނުވާލި ޕެނެލްޓީ ގޯލަށް އަމާޒުވެފައި ނުވާއިރު ޝާފިއުވަނީ އޭނާ ޖެހި ޕެނެލްޓީ ކާމިޔާބުކޮށް މެޗުގެ 10 ވަނަ ލަނޑު އޭޓީއަށް ކާމިޔާބުކޮށްދީފައެވެ. ފްރެންޑްސ ކްލަބުން އޭޓީ ހިފެހެއްޓުމަށްޓަކައި ގިނަ މަސައްކަތެއްކޮށްފައިވާއިރު އެ ޓީމަށް ކާމިޔާބުކުރެވުނު ދެ ލަނޑު ކާމިޔަބުކޮށްދިނީ މިފްޒާލް ލަތީފު އާއި ހަސަން ހާސިގުއެވެ . މި މެޗުގެ މޮޅު ކުޅޚުންތެރިއަކަށް ހޮވިފައިވަނީ އޭޓީ ސްޕޯޓްސްގެ ޝާފިއު އެވެ.