“ހެލޯ”. އެއީ ބަރު އަޑެކެވެ. “އެކަމަކު ހިތްގައިމު އަޑެކެވެ. އަހަރެން މިހާތަނަށް އަޑު އެހި އެންމެ އަސަރު ގަދަ އަޑެވެ. “ގުޅުނީ އޮޅުމަކުން.” އަހަރެން ބުނީމެވެ. އޮޅުމަކުން ގުޅުނިއްޔާ އެހެން އޭނާ ގާތަކު ކޮންމެހެން ބުނާކަށް ނުޖެހޭނެތާއެވެ. ފޯނު ކަނޑާލީމަ ނިމުނީ ނޫންހެއްޔެވެ؟ އެކަމަކު އަހަންނަކަށް ފޯނު ކަނޑާލާނެ ހިތްވަރެއް ނުލިބުނެވެ. “ތިއީ ނުބައި ނަމްބަރެއް.”
“ ނޫން . އެއްގޮތަކަށް ވެސް މިނަމްބަރު ނުބައެއްނޫން. އަދި ކީއް؟ މިއީ ރީތި ވެސް ނަމްބަރެއް.”
އޭނާވެސް ބޭނުންވީ ސަމާސާކޮށްގެން ވާހަކަ ކުރިއަށް ގެންދާށެވެ. “ރީތި ނަމްބަރެއް ވިއްޔާ ނުބައެއް ނުވާނެތަ؟” އަހަރެން ވެސް ދުލެއް ނުކުރީމެވެ. “ ރީތި އެއްޗެހީގެ ތެރޭގައި ހުރޭ ނުބައި އެއްޗެހިވެސް.”
“މަށަށް ޔަގީން ތީ ރީތި ކުއްޖެއްކަން. އެކަމަކު ތިކުއްޖާއަކީ ނުބައި ކުއްޖަކަށް ނުވާނެ.”
“ކިހިނެއް އެނގެނީ މަހުރި ސިފައެއް؟” މިހާރު އަހަރެން ބޭނުންވީ ގޮތް ވާން ފަށައިފިއެވެ. އޭނާވެސް ގަޔާވެގެން ވާހަކަ ކުރިޔަށް ގެންދަނީ އެވެ. އަހަރެން ބޭނުންވަނީ އެރީތި އަޑު އަހަރެންގެ ކަންފަތުގައި ބީއްސަމުން ގެންދާށެވެ.“ތިހެން ވިއްޔާ ބުނެބަލަ އަހަރެން ލައިގެން މިހިރީ ކޮން ކުލައެއްގެ ހެދުމެއް.”
“ފެހި!” އަވަހަށް އޭނާ ބުނެލިއެވެ. “އޭނ!” އަހަރެން ހައިރާންވިއެވެ. އޭނައަށް އަހަރެން ފެންނާނީ ކިހިނެއް ހެއްޔެވެ. “ ފެހިކުލައިގެ ޓީޝާޓަކާ ނޫ ޖީންސެއް.”
އެއީ ހަމަ ރަނގަޅަށެވެ. އޭނާ އެހާ ސާފުކޮށް ދިމާ ކުރީއެވެ.
“އާނ! އެކަމަކު ކިހިނެއް އެނގުނީ؟ ތީ އަނެއްކާ އަހަރެން ދަންނަ މީހެއްތަ؟”
“ ނޫން. މަށެއް ނުދަންނަން. ތިކުއްޖާއަކަށްވެސް އަހަންނެއް ނޭނގޭނެ.”
“އެހެންވީ އިރު ކިހިނެއް އަހަރެން ލައިގެން ހުރި ހެދުމުގެ ކުލަ އެނގުނީ.”
“އެއީ ސިއްރެއް.” އޭނާ ހީނލިއެވެ. އެހީނލުމުގެ އަޑު ހީވަނީ އަހަރެންގެ ކަންފަތާ ކުޅެލި މޫސީގީ އެއް ހެންނެވެ.
“ތީ ނިމާލް. ޔަގީން. މަށަށް އެނގިއްޖެ. ހެނދުނު މިގޭ ދޮށުން ދިޔައިރު އަހަރެން ފެންނާނެ.”
“ނޫން. މީ ޝިމާލް.”
“ސަކަރާތް ނުގަނޭ ނިމާލު ގަނޑާ.
“އަހަރެން މީ ނިމާލެއް ނޫން. އަހަރެން ސަކަރާތެއް ވެސް ނުގަންނަން. އަހަރެންގެ ނަމަކީ ޝިމާލް.”
“އެހެންވީ އިރު ބުނެބަލަ އަހަރެންގެ ހެދުމުގެ ކުލަ ތިހާ ރީއްޗަށް އެނގުނު ގޮތެއް.”
“އަހަންނަށް އިތުރު ކަމެއް ވެސް އެނގޭ.”
“އެއީ ކޮންކަމެއް؟” މިހާރު ހީވަނީ އަހަރެން ރައްޓެއްސަކާ ވާހަކަ ދައްކާހެންނެވެ. “ތިކުއްޖާގެ ބުރުގާއެއް ނެތް.”
“އައްދޭ އެވަރު އެނގޭނެތާ އަހަރެން މީނދީ ކޮޓަރީގަ ވިއްޔާ.”
“މަށަށް ކިހިނެއް ކޮޓަރީގައި އިންކަން އެނގެންވީ؟”
އެއީ ނިމާލެއް ނޫންކަން ޔަގީނެވެ. ނިމާލުގެ އަޑު މިހާ ބަރެއް ނުވާނެއެވެ.
“އެހެންވީ އިރު މަވެސް ބުނެލާނަން ނިމާލު ލައިގެން ތިހިރަ ގަމީހުގެ ކުލަ.”
“އަޅެ ބުނެބަލަ މޮޅިއްޔާ.”
“ފަނޑު ނޫ!”
“ހާހާ” އޭނާ ހީނލި އަޑުގައި ހުރީ ޖާދޫއެވެ.
“ދިމާވީނު.”
“ޔަހުޔާވެސް ކާޅު ހިފާ.”
“ތިހެންވީ އިރު ތިވެސް ޔަހުޔާ. ދެން ހަމަ ބުނެލީމާ ދިމާވީ.”
“ބުނެބަލަ އަހަރެން މިކުރާ ކަމެއް؟”
“ތީނީ ކޮފީއެއް ބޯން.”
“ކޮފީގެ ވަސްދުވީ.” މިހާރު ހާސްވީ އޭނާއެވެ.
“ތިހެންވީ އިރު އަހަރެން މީނީ ކޮންތާކު.”
“ތީނީ އެނދުމަތީގައި ދެފައި ވައްކޮށްލައިގެން.”
“އީ….”އަހަންނަށް ބުނެވުނެވެ. އަދި މިތާ ކެމެރާއެއް ހުރިތޯ ބަލަން ހޯދާވެސް ލެވުނެވެ.
“ތީ އަހަރެން ދަންނަ މީހެއް.” އަހަރެން ހާސް ކަނޑާލާފައި ބުނެފީމެވެ. އެހެންނޫންނަމަ އަހަރެން ފެންނާނެ ގޮތެއް ނެތެވެ. އަނެއްކޮޅުން އަހަރެން މިހާރު ބިރުވެސް ގަނެފިއެވެ. އަނެއްކާ މިކޮޓަރި މީހަކަށް ފެންނަނީ ބާއެވެ.
“އަޅެ ދޮގުނުހަދާ ބުނެބަލަ، ތީ ހަމަ ނިމާލުގަނޑު ދޯ.”
“މަގޭނަން ބުނެފީމެއްނު. ވައްތަރު ނަމެއް ބުނެވުނީ އިއްތިފާގުން ދޯ؟ އަހަރެން ހީކުރީ ތިކުއްޖާއަށް އަހަރެން އެނގެނީ ކަމަށް. މީ ހޮނިހިރު ދުވަސްވީމާ އަހަރެން އޮފީހަށް އައިސް މިގަޑީގައި އިންނާނީ ކޮފީ ބޯން ކަން އެނގުނީ ކަމަށް އަހަރެން ހީކުރީ. އެހެންވީ އިރު ތީ ނާދިރާ ދޯ؟”
“ނޫން. އަހަރެން މީ ނާދިޔާ!” އަސްލު އަހަރެން އޮޅުވާލީ އޭނާވެސް އަހަންނަށް އޮޅުވާލީ ކަމަށް ހީކޮށެވެ. މިހާރު އޭނާ އެއީ ނިމާލު ނޫންކަން އަހަންނަށް މިވަނީ ޔަގީނާ ގާތުގައި ކަށަވަރު ވެފައެވެ. އެކަމަކު މިއީ ކާކު ބާއެވެ. ނޭނގޭ މީހަކާ ވާހަކަ ދައްކަމުންގޮސް އެންމެ ފަހުން ރައްޓެހި ވެވުނީއެވެ.
“މިހާރު ދެން ނަންވެސް މިއެނގުނީނު. ދެން ނުވެ އޮތީ ކޮންކަމެއް؟” މިހެން އެހީވެސް އަހަރެންނެވެ. ކިހާ ހެއްވާހެއްޔެވެ؟ ރޯންގ ނަމްބަރަކަށް ގުޅީ އަހަންނެވެ. މިހާރު ރައްޓެހިވެގެން ގޮސް ސަމާސާ ކުރާ ހިސާބަށް ދިޔައީއެވެ.
“ނުވެ އޮތީ ބައްދަލު.”
“ތިޔަ ކަމެއް ނުވާނެ.”
“އެއީ؟”
“އަހަރެން ނުދަންނަ މީހުނާ ބައްދަލެއް ނުކުރަން.”
“އެހެންވީ އިރު ނުދަންނަ މީހުންނާ ވާހަކަ ދައްކަނީޔޯ؟”
“މިހާރަކު ޝިމާލް ތީ ނުދަންނަ މީހެއް ވެސް ނޫނެއްނު؟”
“ދަންނަ މީހެއްވިއްޔާ ކީއްވެ ބައްދަލު ނުކުރަންވީ؟”
އަހަރެން ދިން ޖަވާބު އެއައީ އަހަންނާ ދިމާއަށެވެ. އާނއެކެވެ. ނުދަންނަ މީހަކާ ވާހަކަ ދެއްކެންޏާ ނުދަންނަ މީހަކާ ބައްދަލު ނުކުރެވެންވީ ސަބަބެއް ނެތެވެ. ދަންނަ މީހެއް ވިއްޔާ ބައްދަލު ނުކުރަންވީ ކީއްވެހެއްޔެވެ؟
އަހަރެން މީހަކާ ރައްޓެހި ނުވެ މިހުންނަނީވެސް ކިޔަވާ ނިމެންދެންނެވެ. ގެޔަކު އެކަމަކަށް ބާރެއް އަޅާ މީހަކު ނުހުރެއެވެ. އެކަކުވެސް އަނެކަކު ކުރާ ކަމަކާ ނުބެހޭނެއެވެ. އަހަރެން ނޫނީ ސިންގަލް އެއްކުއްޖަކުވެސް ނުއުޅެއެވެ. ތިބެނީ ހަތަރު ދައްތައިންނެވެ. އެންމެންގެ ކޮއްކޮއަކަށް ހުރީ އަހަރެން އެކަންޏެވެ. ކޮއްކޮ ކުރާނެ ކަމެއް އެނގޭނީ ކޮއްކޮއަށޭ އެމީހުން ބުނެއެވެ. “އެކަމަކު ނަމަނަމަ މިއުޅޭ ވިޔާ ނުދާ މީހުންގެ ތެރޭން މީހަކާ ރައްޓެހި ނުވާތި.” އެމީހުން އަބަދު ބުނެއެވެ. ރައްޓެހިވާން ވާނީވެސް އާނބަސް ބުނަންވާނީވެސް ނިކަން ރަނގަޅަށް ބަލާފައެވެ. އެކަމަކު އަހަރެން މިއޮތްގެން މީހަކަށްޓަކައި ފިދާވަނީއެވެ. ނުވެސް ފެނި އެވެ. އިވުނީ ހަމަ އެކަނި ދައްކާ ވާހަކައިގެ އަޑެވެ.
ކޮންމެ މީހަކަށްވެސް ކިތަންމެ ހިތް ދަމައިގައިންނަ ގޮތަށް ވާހަކަ ދެއްކުމުގެ ކުޅަދާނަކަން ލިބިފައި ހުރެދާނެއެވެ. ކުރީރެއެއްގައި ޓީވީއަށް އަރާ މަސްވެރިޔަކު ވާހަކަ ދައްކާލި މޮޅުކަން ފެނި އަހަރެން ހުރީ ކޮސްވެފައެވެ.
“އެއްޗެއް އަހާލަންތަ؟” އަހަރެން އޭނާއަކީ ކޮން ފެންވަރެއްގެ މީހެއްތޯ އޮޅުން ފިލުވާލަން ބޭނުންވިއެވެ.
“މަނާކުރިންތަ؟” އޭނާ މިހެން ބުނީ ލޯބިވެތި ގޮތެއްގައެވެ.
“ޝިމާލު ތީ ކޮން މަސައްކަތެއް ކުރާ މީހެއްތަ؟”
“އަހަރެން އުޅެނީ ވިޔަފާރި ދާއިރާގައި.” އޭނާ ބުނެލިއެވެ. “ އެއީ އަނެއްކާ ކުށަކީތަ؟”
އަންހެން ކުދީން މަޅީގައި ޖައްސަން ވަރަށް ގިނަފަހަރު ފިރިހެނުން އެމީހުންގެ ނެތް ފެންވަރު ދައްކާކަން އަހަންނަށް ވަނީ އެނގިފައެވެ. އެކަން އެންމެ ރީއްޗަށް އެނގޭނީ ފޭސްބުކަށް ވަދެލީމައެވެ. އަންހެން ކުއްޖަކު ހަމަ އޮންލައިންކޮށް ފެންނަ އިރަށް ޗެޓް ކުރަން އުޅެގަންނާނެއެވެ. އަހާލާއިރަށް މާ މަތީ ފެންވަރެއްގެ މީހެއް ކަމަށް ބުނާނެއެވެ. ދުވަހަކުވެސް މީހަކާ ރައްޓެހިވި މީހަކަށް ވެސް ނުވާނެއެވެ. ޕްރޮފައިލްގައި ހުންނާނީ މާ ކުރީގެ ފޮޓޯއެކެވެ. އެވެސް ހުންނާނީ ފޮޓޯޝޮޕް ކޮށްފައެވެ.
“ވަކި ދާއިރާއެއްގައި އުޅުމެއް ނޫން ކުށަކީ.” އަހަރެން ބުނެލީމެވެ. “ކުށަކީ އޮޅުވާލަންޏާ.”
“އަހާނ. ނަން އޮޅުވާލުން ކުށަކަށް ނުވާނެތަ؟” އޭނާގެ ޖަވާބު އަވަހެވެ.
“ކިހިނެއް އެނގުނީ ނަން އޮޅުވާލިކަން.”
“ހެދުމުގެ ކުލަ އެނގެންޏާ އެކަން ވެސް އެނގިދާނެ ނު.” ކަންފަތުގައި އިއަރިންގެއް ވެސް އެބަ އިނެއްނު؟”
އަހަންނަށް ބޭއިޚްތިޔާރުގައި ކަންފަތުގައި އަތްލެވުނެވެ. އޭތި މިއަދު އެޅީ ދައްތަ މެންނާއެކު ބޭރަށް ދާން ތައްޔާރުވިއިރު އެވެ. މިހާރު ބޭރަށް ދިއުން ކެންސަލްވީ އެވެ. އެކަމަކު އަދިވެސް އެ ރިންގުތައް ހުރީ ހަނދާން ނެތިގެން ކަންފަތުން ނުނެގިއެވެ.
“އަހަރެން މިހާރު ބިރު ގަންނަން ފަށައިފި ޝިމާލް ދެކެ.”
އަހަރެން ހަމަ އަސްލުގައިވެސް ޖެހިލުންވީއެވެ. “ އެހެންވީ އިރު އަހަރެންގެ އަސްލު ނަމަކީ ކޮބާ؟”
“މަރިޔަން…”
“މަރިޔަން ދެން ކޮން ނަމައެއް.”
މީ އަނެއްކާ އެ ނިމާލެއް ނޫންބާވައޭ ހީވެއްޖެއެވެ.
“ އަނެއް ބައި ބުނާނީ ޝަރުތެއްގެ މަތީން.” އޭނާ ސަމާސާ ގޮތަކަށް ބުނެފިއެވެ.
“ދިމާވެއްޖެއްޔާ އަހަރެން ބުނާ ކޮންމެ ކަމަކަށް އާނއެކޭ ބުނާނެއްޏާ.”
“އަޅެ ބުނެބަލަ.”
އޭނާއަކީ ނިމާލު ނޫނީ އަހަރެންގެ އަސްލު ނަމެއް ނޭނގޭނެކަން އަހަންނަށް ހަމަ ޔަގީނެވެ.
“ތިބުނީ އާނއެކޭތަ؟”
“އާނ.” އަހަރެން ޚިޔާލެއްވެސް ނެތި ބުނެލީމެވެ.
“މަރިޔަމް ނަދާ!” އޭނާ އަވަހަށް ބުނެލިއެވެ. ދެން އޭނާ ހީނގެންފިއެވެ. “ތި ނަމްބަރު އަހަރެންގެ ފޯނަށް އަންނާނެކަން ހަނދާން ނެތުނީތަ؟ އަހަރެން ދެންމެގަ ދިރާގުން އޮޅުން ފިލުވީއޭ.”
އަހަރެންނަށް ލިބުނީ ޝޮކެކެވެ. އެވަރު އަހަންނަށް ނުވިސްނުނީ ކީއްވެހެއްޔެވެ؟ އެކަމަކު އަހަރެންގެ ހެދުމުގެ ކުލަ ދިރާގަކަށް ވެސް ނޭނގޭނެއެވެ. އިއަރިންގ ވެސް ނުފެންނާނެއެވެ.
“އޯކޭ ދެން މިހާރު ނަން މިބުނެވުނީނު. ދެން އަހަރެން އެދޭ ކަންތައްކަށް އާނއެކޭވެސް ތި ބުނެވުނީނު.”
“އެއީ ކޮން ކަމެއްކަން ނޭނގިއެއް ކޮށެއް ނުދެވޭނެއެއްނު؟”
“ބަހުގެ އިތުބާރު ހުންނަންވާނެ ދޯ؟”
އަހަރެން މިމެހުނު މަޅި އަހަންނަކަށް ވެސް ނޭނގުނެވެ. އާނއެކެވެ. މީހެއްގާތު އާއެކޭ ބުނެފިއްޔާ އެކަމެއް ޖެހޭނީ ކުރާށެވެ. ބުނެފަ ނުކޮށް ހުރެގެން ވެސް ނުވާނެއެވެ. އެކަމަކު އޭނާ ބުނާނީ ކޮންކަމަކު ބާއެވެ. އަހަރެން ގޮތް ހުސްވިއެވެ.
އެވަގުތު މަންމަ އަހަންނަށް ގޮވާލިއެވެ. “އޭ. މަންމަ އެބަ ގޮވާ. އަހަރެން ފަހުން ގުޅާލާނަން.”
އަހަރެން މިހެން ބުނެފައި ނުކުތުމުން މަންމަ ބުންޏެވެ. “ކަލެއަށް ގޮވަނީ ކަލޭގެ ބައްޕަ.
ދެން މަންމަ އަހާލިއެވެ. “ ކޮން އިރަކުތަ ކަލޭ ޝިމާލް ގާސިމްއާ ރައްޓެހިވީ؟”
އަހަންނަށް ލިބުނު ޝޮކުން ނާރައިގެން އުޅެނިކޮށް ބައްޕަ ގޮވާލިއެވެ. “ދަރިފުޅާ. އާދެ ބަލަ. ތިޔަށް ވުރެން ބައްޕަ ރުހޭ ކަމެއް ދަރިފުޅުގެ އެއްވެސް ދައްތަޔަކު ކޮށްފައެއް ނުވޭ. ޝިމާލް ގާތު ބުނޭ ބައްޕަ ރުހެޔޭ. މިރޭ ކުރިޔަސް ވަލީ ދޭނަމޭ.”
“ޝިމާލު އަހަރެންގެ ކިބައިން އެދުނީ އޭނާގެ ކާވެންޏެވެ. ލަސްކުރަން ޖެހޭ ސަބަބެއް ނެތެވެ. އެއްއަހަރު ދެއަހަރު ވަންދެން ރައްޓެހިވެގެން އުޅެފައިވެސް އިންނަތާ ގިނަ ދުވަހެއް ނުވެ ވަރިވެގެން ދާތަން ފެންނަނީ މަދެއްކޮށް ނޫނެވެ. މި ގުޅުން މިއަކީ އިއްތިފާގެކޭވެސް ބުނެވޭކަށް ނެތެވެ. އަހަރެން ބުނާނީ މީ އަހަރެންގެ ތަގްދީރު ކަމުގައެވެ.
ޝިމާލަށް ވުރެން ހިތްގައިމު ފިރިހެނަކު އަހަންނަށް ފެނިފައެއް ނެތެވެ. އެހާ ސްމާޓެވެ. އެހާ އިސްކޮޅު ހެޔޮވަރެވެ. އެހާ ހޭންސަމްއެވެ. ފުރަތަމަ ނަޒަރުންވެސް އަހަންނަށް އޭނާ ދެކެ ލޯބިވެވިއްޖެއެވެ. އޭކާވެނި ނުހަނު މަތީފެންވަރެއްގައި ކުރެވުނެވެ. މިލިއަނަރެއްގެ ހުރި ހަމަ އެކަނި ދަރިފުޅާއެވެ.
އަހަރެންނަށް ލިބުނު އުފަލުގެ ކޮޅެއްވެސް ނެތެވެ.