English Edition
Dhivehi Edition

އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މުބާރާތް 2018 އިއްޔެ ފަށައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫ ޝަރަފުއްދީން ސްކޫލްގައި އިއްޔެ ފެށި މި މުބާރާތުގެ މެޗްތައް މެންދުރު ފަހު ފެށުމަށް ހަމަޖެހިފައިވީ ނަމަވެސް މޫސުން ތަން ނުދިނުމުގެ ސަބަބުން މެޗްތައް ފެށިފައިވަނީ ހަވީރުވީ ފަހުންނެވެ. ތިނެއް ޖަހާއިރު ބޭއްވުމަށް ހަމަޖެހިފައި އޮތް ހުޅުވުމުގެ ރަސްމިއްޔާތު ވެސް ވަނީ ކެންސަލް ކޮށްފައެވެ.

ކަނޑު ގަދަވުމުގެ ސަބަބުން ހުޅުދޫ އަދި މީދޫގެ ސްކޫލް ތަކުގެ ދަރިވަރުންނަށް މެޗްތަކަށް ދެވެން ނެތުމުގެ ސަބަބުން ޝެޑިއުލް ކުރެވިފައިވާ އެ ސްކޫލްތަކުގެ އިއްޔެގެ މެޗްތައް ވަނީ ކެންސަލް ކުރެވިފައެވެ. އެހެން ކަމުން މުބާރާތުގައި ފުރަތަމަ ކުޅެވުނީ 11 އަހަރުން ދަށުގެ ގްރޫޕް “އޭ” ގެ މެޗެކެވެ. މި މެޗްގައި ބައްދަލު ކުރީ މަރަދޫފޭދޫ ސްކޫލް އަދި ފޭދޫ ސްކޫލެވެ. މި މެޗްގައި މަރަދޫފޭދޫ ސްކޫލުން ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ. މި މެޗް ނިމިގެން ދިޔައީ 13-0 ގެ ނަތީޖާ އަކުން މަރަދޫފޭދޫ ސްކޫލް މެޗް ކާމިޔާބު ކޮށްގެންނެވެ. މި މެޗްގެ “ކްއީން އޮފް ދަ މެޗް” އަށް ހޮވިފައިވަނީ މަރަދޫފޭދޫ ސްކޫލް ޓީމްގެ “ސެންޓަރ” އަށް ކުޅުނު ދަރިވަރު އައިޝަތު އީޝަލް ސިރާޖުއެވެ.

ދެވަނަ އަށް ކުޅެން ފެށި 13 އަހަރުން ދަށުގެ ގްރޫޕް “ބީ” ގެ ފުރަތަމަ މެޗްގެ ފުރަތަމަ ކުއާޓަރ ނިމުމަށްފަހު މޫސުން ގޯސްވުމުގެ ސަބަބުން ވަނީ ނުކުޅެ ހުއްޓާލާފައެވެ. އެމެޗްގައި ބައްދަލު ކުރީ ފޭދޫ ސްކޫލް އަދި މަރަދޫ ސްކޫލްއެވެ. އެ މެޗާއިއެކު އިއްޔެ ޝެޑިއުލް ކުރެވިފައިވާ އިތުރު މެޗްތައް ވަނީ މޫސުން ތަންނުދިނުމުގެ ސަބަބުން ކެންސަލް ކުރެވިފައެވެ. އެ މެޗްތައް ރީޝެޑިއުލް ކުރުމަށްފަހު ސްކޫލްތަކަށް އަންގާނެ ކަމަށް އިންތިޒާމް ކުރާ ފަރާތް ކަމަށްވާ ޝަރަފުއްދީން ސްކޫލްއިން ވަނީ ބުނެފައެވެ.

އައްޑޫ އިންޓަރ ސްކޫލް ނެޓްބޯޅަ މިއީ 3 ވަނަ މުބާރާތެވެ. މި މުބާރާތުގައި މިފަހަރު އަލަށް ފުވައްމުލަކުން ވެސް ވަނީ ބައިވެރިވެފައެވެ. ދެ ސިޓީއިން ބައިވެރިވާ މި މުބާރާތުގައި 15 ސްކޫލަކުން 43 ޓީމް ވަނީ ބައިވެރި ކޮށްފައެވެ. ޖުމްލަ 645 ކުދިން އަދި 129 އޮފިޝަލުން މި މުބާރާތުން ފެނިގެންދާނެއެވެ.