އައްޑޫ ބަސް ދިރުވައި އާލާކުރުމުގެ މަގުޞަދުގައި އައްޑޫބަހުން ލިޔެފައިވާ ލިޔުން ހިމެނޭ “އައްޑޫބަސް” ޕޭޖެއް އޭއޯ ނިއުސް ގައި ލޯންޗުކޮށްފިއެވެ.
އޭއޯ ނިއުސްގެ 7 ވަނަ އަހަރީ ދުވަހާ ގުޅިގެން ފެށި މި ޕޭޖް ރަސްމީކޮށް ލޯންޗްކޮށް ދެއްވެވީ ޗައިނާ މޯލްޑިވިއަން ކަލްޗަރަލް އެސޯސިއޭޝަން (ސީއެމްސީއޭ) ގެ ފައުންޑަރ މުޙައްމަދު ރަޝީދެވެ.
އިއްޔެ އީކުއޭޓަރ ވިލެޖްގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި ޕޭޖް ލޯންޗުކޮށް ދެއްވަވަމުން ރަޝީދު ވިދާޅުވީ އެބައެއްގެ ތެރޭގައި ވާހަކަ ދެއްކުމަށް ބޭނުންކުރާ ބަހާއި ސަގާފަތަކީ އެބައެއްގެ ހަގީގީ އައިޑެންޓިޓީ ކަމަށެވެ. އަދި އެއީ އެހެން މީހުންނާ އެބަޔަކާއި ތަފާތުކަން އަންގައި ދިނުމަށް ބޭނުންކުރެވޭ އެންމެ ޚާއްޞައެއް ވަސީލަތް ކަމަށެވެ.
އައްޑޫ ބަސް ކުރިއެރުވުމަށް މިފަހަކަށް އައިސް ސޯޝަލް މީޑިއާގައި ވެސް އައްޑޫގެ ބޭފުޅުން ވަރަށް ބޮޑަށް މަސައްކަތް ކުރައްވަވަމުން ގެންދަވާތަން ވެސް ދަނީ ފެންނަމުންނެވެ. އެގޮތުން “އައްޑޫ ބަސް” ގެ ނަމުގައި ފޭސްބުކް ގައި ހިންގާ ގުރޫޕުގައި ހުރި ލިޔުންތައް އެ ގުރޫޕްގެ އެޑްމިން އިން ވަނީ އޭއޯނިއުސް އަށް ހަދިޔާ ކުރައްވަވާފައެވެ.
އޭއޯގައި އަލަށް ތައާރަފް ކުރި އައްޑޫ ބަސް ޕޭޖުން އައްޑޫގެ ޚާއްޞަ ކެއުންތަކާއި އައްޑޫގައި ހިނގާފައިވާ ތާރީޚީ ހާދިސާ ތަކާއި އައްޑޫ ބަހުން ލިޔެފައިވާ ވާހަކަ ތަކުގެ އިތުރުން އައްޑޫގެ ދުވަސްވީ މީސް މީހުންގެ ވީޑިއޯ އިންޓަވިއުތައް ހިމަނާނެއެވެ. މި ފަދަ ލިޔުންތައް ޕޭޖަށް ފޮނުވުމަށް ބޭނުންވާ ފަރާތްތަކަށް ވެސް އެ ފުރުސަތު ވަނީ އާންމުކޮށް ހުޅުވާލާފައެވެ. މުޅިން އަލަށް އިއްޔެ ލޯންޗު ކުރި މި ޕޭޖު އެންމެ ރަނގަޅު ގޮތުގައި ކުރިއަށް ގެންދިއުމަށް ކިޔުންތެރިންގެ ބިނާކުރަނިވި ފާޑު ކިޔުންތަކަށް އަބަދުވެސް މި ނޫހުން މަރުޙަބާ ކިޔަމެވެ.
އައްޑޫބަސް ޕެޖާއެކު ނޫހުގެ ފަރާތުން މިވަނީ އައްޑޫ ބަހުން ވާހަކަ ދެއްކުމުގެ މުބާރާތެއް ވެސް ބޭއްވުމަށް ތައްޔާރުވަމުންނެވެ. މިއީ އީކުއޭޓަރ ވިލެޖްގެ މެނޭޖަރ މުޙައްމަދު ވަޙީދުގެ ޚިޔާލާއެކު އައްޑޫބަސް ކުރިއެރުވުމަށާއި ނެތިގެން އުވެމުންދާ މި ރީތި ބަސް ދިރުވައި އާލާކުރުމުގެ މަގުޞަދުގައި ބާއްވާ މުބާރާތެކެވެ. އޭއޯނިއުސް ގައި “އައްޑޫބަސް” ޕޭޖުގެ އިތުރުން ސްކޫލްތަކުގެ ދަރިވަރުންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދާ “ސްކޫލްމީޑިއާ” ޕޭޖާއި އައްޑޫސިޓީ ޕޮލިސް އާއި ގުޅިގެން ކުރިއަށް ގެންދާ “ދިވިލިމަތަ” ޕޭޖް ވެސް ވާނީ އުފައްދާފައެވެ. މިއީ ކޮމިޔުނިޓީ މަސައްކަތް ތަކެއްގެ ގޮތުގައި މުޅިން ހިލޭ ސާބަހަށް އޭއޯއިން ކުރިއަށް ގެންދާ މަސައްކަތްތަކެކެވެ.