ހެންނެއި އަރާ އިރާއިއެކީ އެނދުންތެދުވޭލެކައް ތެޅިމަރަވެމުން އެނދެ ތަންމަތިއެއި އެއްކޮއް ފޮޑައިބަލާއް ޖެހެނީ ނިދަފެއި އޮއް ކުދުކުއްދާ ގާއް ފަނިއެމެން އަރަފެއިތިބިތޯ. އެނދެ ތަންދަށާއި އެއްކޮއް ލިއެށިފަތިނާގެން ފުހަގައްމެއި އެނުކުމިގަތީ އެއްކަލަ މިބެނާ ރޭލުފަނި. މީ އައްޑޫސިޓީއެ ދިރިވޭނޑޭ ގިނަބާކިން މިކޯ ތަޙައްމަލްކެރަމުންއޭ ރޭލުފަނީގެ ވާހަކަ.
ކުރިން ނިފެނޭ ފާނައް މިޅިން އަލައް އައްޑޫން ފެނޭއްފެށީ 2014 ވަނަ އަހަރި އެތެރެ އައްޑޫ ކޮންވެންޝަން ސެންޓަރަ ޢިމާރާއްކެޑެ ސަރަޙައްދުނާއު ބެނަތާ. އެނައްބާކިން ގަބޫލު ކެރަނީ މީފެނެނެއި ކުނިކޮށިން ކަމައް. އަދި ކޮންމި ތާކުން ފެނެނަސް، ކޮންމި ބާކިން ގިނާހަސް މީފެނި، މީފެތުރި މިއާމެންގެ އުދަގު ހިތަދޫގެ ބޮނޑަ އާބާދީއަކައް ފޯރަމުން ގޮސް މިކޯ ފޭދޫއެއަސް ހިކިފަތަކި ރޯކެޑެމެއި އަނދަގަންނެހެއި ހަލޫކޮއް މީފެތުރި ރައްފެޅައެޑަގެ. ހިތަދޫއެއި ފޭދޫއަކީ ބިންބޮނޑަވެފެއި ފަޅަގެވަޑަތަކާއި ޗަސްބިން އޮއްތާކައްވީމެއި މިއާމެންގެ ދުނިޔެރަންވީފަދަ. އެޑާ ފިޔަވަޅާއި ދަށިއަސް ހުސްފަނި . ކުނިކަހާކަލަކިއަސް ހިކިފަނީގެ ހަންދަރައް ކުނިއެއި އެއްކޮއް ނެގެއި.
މިފަނިއެމެންގެ އުދަގުލާއި ހެދީ ޢާއްމު ދިރިވޭނޑުމައް ދަތިވެގެން މިޝަކުވާ ކޮއްކޮއް މީހުން ވަރަބަލިވެގެ. ހެންނެއި ތެދުވެ އެއްތައް އަންނިފަލުވައި ނިކާއި ނިބޯއިތިބެ ކަރާސީނިތެލާއި ހުނުފެނާއި އަލިފާނާއި ޝެލްޓެކުހާއި ދެނަސް އަތިޖެހެނެހެއި އެއްތަކުން މިހަނގަރާމައް ކޮއްލާއި ގެއްވަންނެކޯއަސް އެނައްދުވެހިއަސް ހަމަ މިވަރައް މީ ތިބޭހެއްކަން އެނގެއި.
“މިލިޕީޑްސް އައުކޭ މި ފަނިއެ އޮންނެއި ކެޓަޕިލާމެންނަސް މިތިބޭ ބްރޭންޑައް. ކުދުކުދު ފާ ޖަހަމުން ހަލޫހަލޫކޮށްދިވާ މިފަނިމީ ތެއްފީނެ ދިރިވޭނޑޭ ސޫއްޕައް. ފެންފޮދައް ގަރަފީފެހޭ ބޮލާއި ނިކުޅަދާނަ ވޭހެއި ގިނަވެގަނި. ދެވާލި އައުއަރަގައްމެއި ގަލިދަށަށާއި ތެއްވޭލެ ދަށަށާއި އަނދިރި ތަންތާން ވެދެ ހޮރަޖަހަގަނުތާ. އެނައްކަލަސް އިރިއަރާތަނުން ރޫޅިގަނުތާ. މިފަނީގެ އަންހެން އެއްތާގެ ކިބައި 500 ވަނި ގިނައިން ބިސްއެޑުމުގެ ގާބިލުކަން ހިއްމެއި މީގިނަވޭނެ އަވަސްމިން އަންދާޒާވެވެއި.
މިފަނިއެގައި ޖެހޭކަލަކި ކުރުގެޅި ހަރަވެގެންއޮވެ ނިބެއިވަސްގަނޑައް ބޭރަކޮއްލައި. އަދި މިއާގައި މިހިންނެ ބޮލި ފަށަލާކުގެ ސަބަބުން ފޮގްކެޑަސް މާބޮނޑަ އަސަރައް ނިކެރައި. މެހެއިސާބުން އުފެދޭ ސުވާލާކީ މިއާމެންނައް އޮއު ހައްލައް ދެން ތެބޯއްތައު. ރޭލުފަނީގެ މައްސަލާއް ހައްލައް ހޯދުމައް އައްޑޫސިޓި ކައުންސިލުނަސްވެނީ އެކި ފަހަރަމަތިން މަސައްކައް ކޮއްފެއި.
މޭޔަރު ޢަލީ ނިޒާރު ވިދާޅަވީ މިކަމައް ޙައްލައް ގިނޭއް ކެރާ މަސައްކައް ނިހުއްޓާހެއް ކަމައް. އެހެންފެހެނާސް މިވަގުތާއި ހަމާށަސް ރޭލުފަނީގެ މައްސަލާއް އެއްވިއަސް ހައްލައް އަދި ނެއް ކަމައް މޭޔަރު އަސް އެއްބަސްވެއި.އަދި މޭޔަރުގެ ވާހަކައިން މިކަން ކެޑަކި ޖެހޭނެ ހިސާބަކަސް އަންދާޒާސް ނިވެއި.
އައު ކައުންސިލާއި އެއްކޮއް އައްޑޫސިޓިއެ މިގޮތަށް ފެންމަތިވެފެއިތިބި ކަންތައްތަކައް ޙައްލުހޯދައިދިނުމައް ކެރަމުން އޭ މަސައްކަތި އެތެރުން މިކަމަށަސް އަލިމަގައް ހޯދާހެއް ކަމުގެ ޔަގީންކަން ރައްޔިތުންގެ ހިތެ މިކައުންސިލާއިމެދެ ތެބޮއް. ނިއެނގޭކަމަކީ މިކަން ކާމިޔާބުވޭނެ އަވަސްލަސްމިނައް.
ރޭލުފަނީގެ ސަބަބަން އައްޑޫސިޓީ މިއޮއުހާލަތައް އެހެން އެއްވިއަސްބާކިން ވެއްޓުމުގެ ކުރިން މިއާމެންގެ ކިބައިން ސަލާމައްވުމަކީ މިވަގުތައް ކެރާއްޖެހިފެއި އޮއް މުހިއްމު ކަމައް ކަމައް ގަބޫލުވެވެއި