އަންނަ ސެޕްޓެމްބަރ މަހު ފަށާ ސަރަހައްދީ އެންމެ ބޮޑު ފުޓް ބޯޅަ މުބާރާތް “ސާފް ޗެމްޕިއަންޝިޕް”ގައި ރާއްޖެއާއި އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އަދި ސްރީލަންކާ އެއް ގްރޫޕެއްގައި ހިމެނިއްޖެއެވެ
ބަންގުލަދޭޝްގައި ސެޕްޓެމްބަރު 4ކުން15 ސާފް ސުޒުކީ ކަޕްގެ ނަމުގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިމުބާރާތުގެ ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ބޭއްވީ އިއްޔެ ބަންގްލަދޭޝްގެ ޑާކާގައެވެ.
ދެ ގުރޫޕްއަކަށް ބާހާލައިގެން ކުރިއަށް ގެންދާ މި މުބާރާތުގައި މިއަހަރުގެ ހިމެނެނީ ޖުމްލަ ހަތް ޓީމެވެ.ހަތް ޓީމު މުބާރާތުގައި ވާދަކުރަން ޖެހިފައިވަނީ މުބާރާތުގެ ޗެމްޕިއަންކަން 2013 ވަނަ އަހަރު ހޯދި އަފްގާނިސްތާން މި ފަހަރުގެ މުބާރާތުގައި ވާދަނުކުރުމުގެ ސަބަބުންނެވެ. އަފްގާނިސްތާން ބައިވެރިނުވަނީ އެ ގައުމު ސެންޓްރަލް އޭޝިއާ ސަރަހައްދަށް ބަދަލުކޮށްފައިވާތީ އެވެ.
ގްރޫޕް އޭ ގައި ހިމެނެނީ މުބާރާތް ބާއްވާ ގައުމު ބަންގްލަދޭޝާއި ނޭޕާލްގެ އިތުރުން ބޫޓާން އަދި ޕާކިސްތާނެވެ.އަދި ގްރޫޕް ބީ ގައި ރާއްޖެ ހިމެނޭއިރު ދެން މި ގިރޫޕްގައި އޮތީ އިންޑިއާ އަދި ލަންކާއެވެ.
ރާއްޖެއާ އެތް ގްރޫޕްގައި ހިމެނޭ އިންޑިއަކީ ސާފް ޗެމްޕިއަންޝިޕް މިހާތަނަށް އެންމެ ކާމިޔާބު ޓީމެވެ. އެޓީމު ވަނީ ހަތް ފަހަރު މުބާރާތުގެ ތަށި ހޯދާފައެވެ.
މުބާރާތުގައި ރާއްޖެ ވާދަކުރާ ފުރަތަމަ މެޗު އޮންނާނީ ސެޕްޓެމްބަރު މަހު ފަސް ވަނަ ދުވަހު ލަންކާއާ ދެކޮޅަށެވެ. އިންޑިއާއާ ދެކޮޅަށް ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗު އޮންނާނީ ސެޕްޓެމްބަރ އަތްވަނަ ދުވަހުގައެވެ. މި ގުރޫޕްގެ އެތް މެޗު ކާމިޔާބުކޮށްގެން ވެސް ރާއްޖެއަށް ސެމީފައިނަލަށް ދިއުމުގެ ފުރުސަތު އޮންނާނެވެ.
މުބާރާތުގެ ފުރަތަމަ ސެމީގައި ސެޕްޓެމްބަރު 11 ވަނަ ދުވަހު ބައްދަލުކުރާނީ ގްރޫޕް އޭ ގެ އެއް ވަނަ ޓީމާއި ބީ ގެ ދެ ވަނަ ޓީމެވެ. އެ ދުވަހު ކުޅޭ ދެ ވަނަ ސެމީގައި ވާދަކުރާނީ ގްރޫޕް ބީ ގެ އެއް ވަނަ އާއި އޭ ގެ ދެ ވަނަ ޓީމެވެ. ފައިނަލް މެޗު އޮންނާނީ ސެޕްޓެމްބަރު 14 ވަނަ ދުވަހު އެވެ.
ރާއްޖެއިން ސާފް ޗެމްޕިއަންޝިޕް އުފުލާލީ 2008 ވަނަ އަހަރުގައެވެ. އެހަރުގެ މުބާރާތުގެ ތަށި ރާއްޖެ ނެގީ އިންޑިއާ ބަލިކޮށްގެންނެވެ.
މިއީ ސާފް ޗެމްޕިއަންޝިޕްގެ 12 ވަނަ މުބާރާތެވެ. މި މުބާރާތުގެ އެންމެފަހުގެ ޗެމްޕިއަނުންނަކީ އިންޑިއާއެވެ.