English Edition
Dhivehi Edition

އައްޑޫސިޓީގައި ވިޔަފާރިކުރާ ވިޔަފާރިވެރިންނަށް ޚާއްސަ ކޮށްގެން ހިތަދޫގައި ވިޔަފާރި ފޯރަމެއް ބާއްވައިފިއެވެ. މި ފޯރަމް ބާއްވާފައިވަނީ ހިތަދޫގައި ހުންނަ މޯލްޑިވްސް ނެޝަނަލް ޔުނިވަރުސިޓީ ކެމްޕަހުގައެވެ. މިމަހުގެ 14 ވަނަދުވަހުގެރޭ، ބޭއްވި މި ފޯރަމުގައި މައުލޫމާތު ދެއްވީ ރަޖިސްޓްރަރ އޮފް ކޮމްޕެނީސް މަރިޔަމް ވިސާމާއި މިނިސްޓްރީއޮފް އިކޮނޮމިކް ޑިވެލޮޕްމެންޓުގެ ޑެޕިޔުޓީ މިނިސްޓަރ އަބްދުﷲ މުހައްދެވެ. މި ބައްދަލުވުމުގައި އައްޑޫގެ ބައެއް ވިޔަފާރިވެރިން ބައިވެރިވެފައިވެއެވެ. މި ފޯރަމުގެ ބޭނުމަކީ ވިޔަފާރިއެއް ރަޖިސްޓްރީ ކުރުމަށްފަހު ދެން ކުރިއަށްދާންވީ ގޮތް ވިޔަފާރިވެރިންނަށް އޮޅުންފިލުވައިދީ އެކަންކަމަށް ހޭލުންތެރި ކުރުމެވެ. ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ދެންކުރަންވީ ކަންކަން ނޭނގިގެން ވަރަށްގިނަފަހަރު ގޮންޖެހުންތަކާ ކުރިމަތިލާންޖެހޭ ކަމަށް ވިސާމް ވިދާޅުވިއެވެ. “ވިޔަފާރި ރަޖިސްޓްރީކޮށްފައި ކޮންޓިނިއުސްކޮށް ވިޔަފާރި ކުރިއަށްދާއިރުގައި ވަރަށްގިނަފަހަރު ގޮންޖެހުންތައް ކުރިމަތިވޭ ރަޖިސްޓްރީ ކުރުމަށްފަހު ދެންކުރަންޖެހޭ ކަންތައްތައް އެނގިވަޑައިނުގަންނަވާތީ. ވަރަށްގިނަ ފަހަރުވާގޮތަކީ ރަޖިސްޓްރީކޮށްފައި މަހެއްދެމަހެއްކޮށްފައި ވިޔަފާރިކުރާތަން ބަދަލްވިޔަސް މިނިސްޓްރީއަށް އަންގާފައެއް ނޯވޭ. އެހެންވެ އަޅުގަނޑުމެން މިދިޔަ ދެއަހަރު ދުވެހުގެތެރޭގައިވެސް ވަރަށްބޮޑު އިސްކަމެއް މިދެނީ އޮންލައިންކޮށް ބައިވަރު ސާވިސްތަކެއް ޑިޕްލޮއިކުރަން. އަޅުގަނޑުމެންގެ ޕޯޓަލްގައި އެއްފަހަރު ރަޖިސްޓްރީ ކޮށްލީމައި ޚިދުމަތްތަކަށް އެދެވޭގޮތް ހަދަން،” ވިސާމް ވިދާޅުވިއެވެ. “އެގޮތުގެ މަތިން އަޅުގަނޑުމެން މިހާރުމިއޮތީ ސީލް ރަޖިސްޓްރޭޝަނާއި، ލޯގޯ ރަޖިސްޓްރޭޝަނާއި، އޭގެ އިތުރަށް ވިޔަފާރި ނަންރަޖިސްޓްރީ ކުރުމާއި އަމިއްލަ ފަރުދުންގެ ވިޔަފާރި ރަޖިސްޓްރީ ކުރުމަށްފަހު ގާނޫނީ ގޮތުން އަޅުގަނޑުމެންދޭ ހުރިހާ ޚިދުމަތްތަކެއް ފޯރުކޮށްދިނުމާއި ޚިދުމަތްތަކަށް ނަގަންޖެހޭ ފީތައް މިނިސްޓްރީއަށް ދެއްކުމުގެ ނިޒާމް އޮންލައިންކޮށް ގާއިމްކޮށްފައި އެހެންވެ އެއާބެހޭ މައުލޫމާތު ފިޔަފާރިވެރިންނަށް ފޯރުކޮށްދިނުން ފޯރަމްގެ މަގުސަދަކީ” ވިސާމް ވިދާޅުވިއެވެ. ވިޔަފާރިވެރިންނަށް އެކަންކަމާބެހޭ މައުލޫމާތު ދެއްވުމަށްފަހު ސުވާލުކުރުމުގެ ފުރުސަތުވެސް ވަނީ ދެއްވައިފައެވެ. ވިޔަފާރިވެރިންގެ ސުވާލުތަކަށް ވިސާމާއި އަބްދުﷲ ވަނީ ޖަވާބު ދެއްވައިފައެވެ.