English Edition
Dhivehi Edition

ޕްރިމިއާ ލީގުގައި ވާދަވެރި މެންޗެސްޓާ ޔުނައިޓެޑާއި ވެސްޓް ބްރޯމް ބައްދަލު ކުރި މެޗުން ޔުނައިޓެޑު ބަލިވުމާއެކު މެންޗެސްޓާ ސިޓީއަށް މިފަހަރު ޕްރިމިއާ ލީގު ތަށި ކަށަވަރު ވެއްޖެއެވެ.

މެންޗެސްޓަރ ޔުނައިޓެޑް އާއި ވާދަވެރި މެންޗެސްޓަ ސިޓީއަށް މިދިޔަ ހަފްތާގައި ވެސް ލީގު ޗެމްޕިއަންކަން ލިބެން އޮތް ނަމަވެސް އެފުރުސަތު ގެއްލުނީ ޔުނައިޓެޑްގެ ދަނޑުގައި ފަހަތުން އަރައި ޔުނައިޓެޑުން ސިޓީ ބަލިކުރުމުންނެވެ.

އެހެން ނަމަވެސް ބާކީ ފަސް މެޗު އޮތްވައި ސިޓީއަށް ލީގު ކަށަވަރު ވެފައިވަނީ ވެސްޓްބްރޮމް އަތުން 0-1 އިން ބަލިވުމާ ގުޅިގެންނެވެ

މި ސީޒަންގެ ޗެމްޕިއަންކަން މެންޗެސްޓާ ސިޓީން ކަށަވަރު ކުރީ ކުޅުނު 33 މެޗުން 87 ޕޮއިންޓު ހޯދައިގެންނެވެ. ވާދަވެރި ޔުނައިޓެޑަށް 33 މެޗުން ހޯދިފައިވަނީ 71 ޕޮއިންޓެވެ. އަދި ލިވަޕޫލަށް ހޯދިފައިވަނީ 70 ޕޮއިންޓެވެ.

މެންޗެސްޓާ ސިޓީން ޕްރިމިއާ ލީގު ތަށި ކާމިޔާބު ކުރިއިރު ލީގުގައި އަދި 5 މެޗު ބާކީ އެބައޮތެވެ. މިފަހަރު ލީގުގެ އިތުރުން މެންޗެސްޓާ ސިޓީ ވަނީ އިނގިރޭސި ލީގު ކަޕް (އީ.އެފް.އެލް) ކަޕު ވެސް ކާމިޔާބު ކޮށްފައެވެ.

މި ކާމިޔާބީއާއެކު ގާޑިއޯލާއަށް މިވަނީ ޔޫރަޕްގެ އެންމެ ވަރުގަދަ ފަސް ލީގުގެ ތެރޭން ތިން ލީގުގެ ޗެމްޕިއަންކަން ހޯދިފައެވެ.

ގާޑިއޮލާ ވަނީ ސްޕެއިންގެ ބާސެލޯނާއާއި ޖަރުމަނުގެ ބަޔާން މިއުނިކާއެކުވެސް ލީގުގެ ކާމިޔާބީތައް ހޯދައިފައެވެ. އަދި އޭނާ ވަނީ ބާސާއާއެކު ދެފަހަރު ޗެމްޕިއަންސް ލީގުވެސް ހޯދައިފައެވެ.މިއީ ކެރިއަރުގައި އޭނާ ހޯދި 24 ވަނަ ލީގު ޓްރޮފީއެވެ.

މެންޗެސްޓާ ސިޓީން މިފަހަރުގެ ލީގު ކާމިޔާބުކުރީ ޖެހިޖެހިގެން 18 މޮޅާއެކު ލީގު ރެކޯޑެއް ގާއިމްކޮށްފައެވެ.