ފްރާންސް ލީގުގައި މޮނާކޯއާ ބައްދަލު ކުރި މެޗު ބޮޑު ތަފާތަކުން ކާމިޔާބުކޮށް ޕީއެސްޖީން ލީގު ކާމިޔާބު ކޮށްފިއެވެ.
ޕީއެސްޖީއާއި މޮނާކޯ ބައްދަލު ކުރި މެޗު ޕީއެސްޖީން ކާމިޔާބު ކުރީ 7-1 ގެ ތަފާތު ބޮޑު ނަތީޖާއަކުންނެވެ.
ފްރާންސް ލީގުގައި ބާކީ ފަސް މެޗު އޮއްވާ ޕީއެސްޖީއިން ލީގު ޗެމްޕިއަންކަން ކަށަވަރު ކުރީ ދެވަނާގައި އޮތް މޮނާކޯގެ މައްޗަށް 17 ޕޮއިންޓްގެ ލީޑެއް ހޯދައިގެންނެވެ. ލީގުގެ އެއްވަނައިގައި ޕީއެސްޖީ އޮތީ 87 ޕޮއިންޓާ އެކުއެވެ. ދެވަނައިގައި އޮތް މޮނާކޯ އަށް 70 ޕޮއިންޓް ލިބޭއިރު މޮނާކޯ ބާކީ އޮތް ފަސް މެޗުން މޮޅުވިޔަސް ދެން ޕީއެސްޖީއާ އަރާ ހަމަ ނުކުރެވޭނެއެވެ.
ޕީއެސްޖީގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި އެޓީމުން ކާމިޔާބުކުރި ހަތް ގޯލުގެ ތެރެއިން ލޮ ސެލްސޯ އާއި ޑިމަރިޔާ، މިއިން ކޮންމެ ކުޅުންތެރިއަކު ދެ ގޯލު ކާމިޔާބުކޮށްފައިވާއިރު ޕީއެސްޖީގެ އެއް ލަނޑަކީ މޮނާކޯގެ ކެޕްޓަން ފަލްކާއޯ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ. ޕީއެސްޖީގެ އަނެއް ދެލަނޑު ކާމިޔާބުކޮށްދީފައިވަނީ ކަވާނީ އާއި ޑްރެކްސްލާއެވެ.
މޮނާކޯ އިން ރޭގެ މެޗުގައި ކާމިޔާބުކުރި ހަމައެކަނި ގޯލު ކާމިޔާބުކޮށްދިނީ ރޮނީ ލޮޕޭސްއެވެ.
ބޮޑެތި ޓްރާންސްފާތަކަކާ އެކު ސީޒަނަށް ތައްޔާރުވި ޕީއެސްޖީއަށް ސީޒަންގައި ދެ ތަށި ލިބުނު ނަމަވެސް ޕީއެސްޖީ ވަނީ ޗެމްޕިއަންސް ލީގުގެ ގަދަ 16ގައި ރެއާލް މެޑްރިޑް އަތުން ބަލިވެ މުބާރާތުން ކަޓާފައެވެ. އަދި މި ސީޒަންގައި އެންމެ އަގުބޮޑުކޮށް ގެނައި ނޭމާ އަށް ސީޒަންގެ ފަހު ކޮޅުގައި ކުޅުނު ހުރިހާ މެޗެއް ވަނީ އަނިޔާގެ ސަބަބުން ގެއްލިފަ އެވެ.
މިއީ ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޕީއެސްޖީ އިން ހޯދި ހަތްވަނަ ފަހަރެއެވެ.
ފްރެންޗް ލީގުގެ އިތުރުން ޕީއެސްޖީ އިން ވަނީ މިދިޔަ މަހުގެ ފަހުކޮޅު މޮނާކޯ ބަލިކުރުމަށްފަހު ފްރެންޗް ލީގު ކަޕް ވެސް ކާމިޔާބުކޮށްފައެވެ. މީގެއިތުރުން ޕީއެސްޖީ އަށް ފްރެންޗް ކަޕް ހޯދުމުގެ ފުރުސަތު ވެސް މި ސީޒަނުގައި އަދި އެބައޮތެވެ.
މިދިޔަ ސީޒަންގައި ފްރާންސްގެ ލީގު ޗެމްޕިއަންކަން ހޯދީ މޮނާކޯއެވެ.