English Edition
Dhivehi Edition

ލިޔުނީ: މުޙައްމަދު ހިޒްޔަމް

ސ.އަތޮޅު މަދަރުސާގެ 35ވަނަ އަހަރީ ދުވަސް ފާހަގަކޮށްފިއެވެ.

މިއަދު ހެނދުނު 8:00 ޖެހި އިރު ފެށި ޚާއްޞަ އެސެމްލީގެ ޝަރަފުވެރި މެހުމާނުންނަކީ ސ.އަތޮޅު މަދަރުސާގެ މުސްކުޅި ދަރިވަރުންނެވެ. މި ޚާއްޞަ އެސެމްލީގައި ރަށުގެ އިއްޒަތްތެރީން ވަނީ ބައިވެރިވެފައެވެ.

ޖަލްސާގައި ސ.އަތޮޅު ސްކޫލަށް އެހީވެދެއްވާ މުއައްސަސާތަކަށް ވަނީ ހަނދާނީ ލިޔުން އަރުވާފައެވެ. އަދި އޭރާއި މިހާރުގެ މުސްކުޅި ދަރިވަރުންގެ ޕެނަލް ޑިސްކަޝަންއެއް ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ. ޕެނަލް ޑިސްކަޝަންގައި އޭރުގެ ދަރިވަރުންގެ ގޮތުގައި ބައިވެރިވެފައިވަނީ ޝޫލާ އަދި ނިއުމަތު ޢަބްދުﷲ އެވެ. މިހާރުގެ ދަރިވަރުންގެ ގޮތުގައި ބައިވެރިވީ ޒަހުވާ ޒަރީރާއި އަސީން ނަސްރުﷲ އެވެ. ދެ ފަރާތުންވެސް ވަނީ އޭރާއި މިހާރު ސްކޫލަށް އައިސްފައިވާ ބަދަލުތަކާއި ކުރިއެރުންތަކާ ބެހޭ ގޮތުން ވާހަކަދައްކާފައެވެ.

ހަފްލާގައި އިތުރަށްވަނީ އޭރުގެ ދަރިވަރުންގެ ތަހުނިޔާގެ މެސެޖްތައް ވީޑިއޯ ޕްރެޒެންޓޭޝަނެއް ގޮތުގައި ދައްކާފައެވެ. ސ.އަތޮޅު ސްކޫލުގެ އިންޑެކްސް ނަންބަރ 1ގެ ދަރިވަރުގެ ޚާއްޞަ ޕްރެޒެންޓޭޝަނެއް މީގައި ހިމަނާފައި ވެއެވެ.

މި ޚާއްޞަ ހަފްލާގައި ސްކޫލްގެ ޕްރިންސިޕަލް އާމިނަތު ޒީނިޔާ ވަނީ ދުވަހާ ގުޅޭ ވާހަކަފުޅުތަކެއް ދައްކަވާފައެވެ. މެޑަމްގެ ވާހަކަފުޅުގައި މެޑަމްގެ ތަޢުލީމީ ހަޔާތާ ބެހޭގޮތުން މަޢުލޫމާތު ޙިއްޞާކުރެއްވިއެވެ. އަދި މިހާރުގެ ޖީލަށް ލިބިފައިވާ ރަނުގެ ފުރުޞަތުގެ ބޭނުން ހިފުމަށް ނަޞޭޙަތް ދެއްވިއެވެ.

ޖަލްސާގައި ސ.އަތޮޅު ސްކޫލް ކެޑޭޓް ކޯގެ ޑްރިލް ޑިސްޕްލޭއެއްވެސް ކުރިއަށް ގެންދިޔައެވެ.

ރަސްމިއްޔާތު ނިންމައިލީ ކޭކްފެޅުމަކުންނެވެ. ކޭކު ފެޅީ މިއަދާއި މާދަމާ އުފަންދުވަސް އޮތް ދަރިވަރުންނެވެ.

ސ.އަތޮޅު މަދަރުސާގެ ދިގު ތާރީޚުގައި ގިނަގުނަ ފަންނާނުންތަކެއް މުޖުތަމަޢުތެރެއަށް ނެރުއްވި އެވެ. 35 އަހަރު ފުރުމުގެ މުނާސަބާގައި ދެން އޮތީ ޓެލެންޓް ޝޯވ އަކާއި ރޯޑް ޝޯވ އެކެވެ. މި ދެ ހަރަކާތުގެ ތާރީޚް އަދި ފައިނަލެއް ނުވެއެވެ.