English Edition
Dhivehi Edition

ރަމަޟާން މަހުގެ ފަހު ދިހަ އަށް އަމާޒު ކޮށްގެން ކުޑަކުދިންގެ އޮންލައިން ގުރުއާން މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު އޭއޯ ނިއުސް އިން ހުޅުވާލައިފިއެވެ.

އޭއޯ ނިއުސްގެ ސްކޫލް މީޑިއާއިން އިންތިޒާމު ކުރާ މި މުބާރާތަކީ ކޮވިޑް 19 އާއި ގުޅިގެން ލޮކްޑައުން އެއްގައި ތިބުމުގެ ސަބަބުން ދަރިވަރުންނަށް ގޭގައި ބެލެނިވެރިންގެ އެހީތެރިކަމާއެކު މުބާރާތެއްގައި ބައިވެރިވުމުގެ ފުރުސަތު ހޯދައި ދިނުމުގެ ގޮތުންނާއި ދީނީ ކަންކަން އާލާކޮށް ގުރުއާނަށް ދަރިވަރުންގެ ހިތްތަކުގައި ލޯބި އިތުރުކުރުވުމުގެ ގޮތުން ހުޅުވާލި މުބާރާތެކެވެ.

މި މުބާރާތުގައި ބައިވެރިވާން ބޭނުން ދަރިވަރުން ގޭގައި ގުރުއާން ކިޔެވުމަށް ފަހު ވީޑިއޯ އޭއޯ ނިއުސް ގެ ފޭސްބުކް ޕޭޖަށް މެސެންޖަރ އިން ފޮނުވުމުން މުބާރާތުގައި ބައިވެރި ކޮށް ދެވޭނެއެވެ. އެގޮތުން ފޮނުވާ ވީޑިއޯ ގައި ކިޔަވަން ޖެހޭނީ 5 ފޮޅުވަތާއި 6 ފޮޅުވަތާއި ދެމެދުގެ މިންވަރެކެވެ. މުގައްރަރުން އެކުއްޖަކު ބޭނުން ތަނެއް ކިޔެވޭނެއެވެ. ކިޔަވަން ޖެހޭނީ ބަލައިގެންނެވެ.

މުބާރާތުގައި ބައިވެރިވުމަށް ފޮނުވާ ވީޑީއޯ ހުންނަން ވާނީ ލޭންޑް ސްކޭޕް ކޮށް ނަގާފައި އަޑާއި މަންޒަރު ސާފުކޮށް އެނގޭ ގޮތަށެވެ. މި ޝަރުތު ހަމަނުވާ ވީޑިއޯ މުބާރާތުގައި ބައިވެރި ނުކުރެވޭނެ އެވެ.

ފޭސް ބުކް ޕޭޖް ލިންކު http://www.facebook.com/www.aonews.mv/

މުބާރާތުގައި ބައިވެރި ކުރާ ވީޑިއޯ އާއެކު އެކުއްޖެއްގެ ފުރިހަމަ ނަމާއި އެޑްރެސް އަދި އުމުރު އެނގޭ ގޮތަށް އައިޑީކާޑުގެ ކޮޕީއަކާއެކު މެސެޖް ކުރަން ވާނެއެވެ. މުބާރާތުގައި ބައިވެރިވުމަށް ބޭނުންވާ ވީޑިއޯ 15 ރަމަޟާން 1441 އިން ފެށިގެން ރަމަޟާން މަހުގެ ނިޔަލަށް ފޮނުވެވޭނެއެވެ. އަދި ލިބޭ ވީޑިއޯ ތަކުގެ ތެރެއިން ޝަރުތު ހަމަވާ ވީޑިއޯ ތައް ފޭސް ބުކްގައިވާ އޭއޯނިއުސް ޗެނެލް އަދި އޭއޯ ނިއުސްގެ ފޭސްބުކް ޕޭޖުގެ އިތުރުން އޭއޯ ޔޫޓިއުބް ޗެނަލަށް ލެވޭނެއެވެ. ރާއްޖޭގެ ކޮންމެ ސަރަހަައްދަކުންވެސް މުބާރާތުގައި ދަރިވަރުންނަށް ބައިވެރިވެވިދާނެއެވެ.

މުބާރާތުގައި ބައިވެރިވުމުގެ އުމުރުފުރާތައް:

6 އަހަރުން ދަށް

8 އަހަރުން ދަށް

10 އަހަރުން ދަށް

12 އަހަރުން ދަށް

14 އަހަރުން ދަށް

16 އަހަރުން ދަށް

މުބާރާތުގައި އުމުރުފުރާ ބަލާނީ މުބާރާތް ބާއްވާއިރު ކުއްޖާގެ ހުންނަ އުމުރަށް ބަލައިގެންނެވެ.

މުގައްރަރު: (އައްމާ ފޮތުން ފެށިގެން ފަހަތުން )

6 އަހަރުން ދަށް – އައްމާފޮތް

8 އަހަރުން ދަށް- 3 ފޮތް (އައްމާ ފޮތުން ފެށިގެން ފަހަތުން )

10 އަހަރުން ދަށް – 5 ފޮތް (އައްމާ ފޮތުން ފެށިގެން ފަހަތުން )

12 އަހަރުން ދަށް – 7 ފޮތް(އައްމާ ފޮތުން ފެށިގެން ފަހަތުން )

14 އަހަރުން ދަށް- 9 ފޮތް (އައްމާ ފޮތުން ފެށިގެން ފަހަތުން )

16 އަހަރުން ދަށް- 10 ފޮތް (އައްމާ ފޮތުން ފެށިގެން ފަހަތުން )

މުބާރާތުގައި ފަނޑިޔާރުންގެ މާކުހަށް ބަލައި ކޮންމެ އުމުރުފުރައަކުން 1، 2 އަދި 3 ވަނަ ހޮވޭނެއެވެ. މީގެ އިތުރުން ކޮންމެ އުމުރުފުރައަކުން ސޯޝަލް މީޑިއާގައި އެންމެ ކަމުދިޔަ ކިޔެވުމަކަށް ވެސް އިނާމު ދެވޭނެ އެވެ. މި ބައިން ހޮވާނީ ކޮންމެ އުމުރުފުރައަކުން 1 ކުއްޖެކެވެ. މިވަނަ ހޮވާނީ އޭއޯ ނިއުސް ފޭސް ބުކް ޕޭޖާއި އޭއޯ ނިއުސް ޓުވިޓަރ އަދި ޔޫޓިއުބްގައި ވީޑިއޯ އަށް ލިބޭ ލައިކްސް އާއި ކޮމެންޓްސް އަދި ޝެއަރ ކުރާ މިންވަރަށް ބަލައިގެންނެވެ.

ގުރުއާން މުބާރާތާއި މީގެ ކުރިން އޭއޯ އިން ކުރިއަށް ގެންދިޔަ “ކޮވިޑް ޓޭލްސް” މުބާރާތުގެ ނަތީޖާ ފާޅުކުރުން އޮންނާނީ ކޮވިޑް 19 އާއި ގުޅިގެން މިހާރު އަޅާފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމުންނެވެ.

މުބާރާތާއި ބެހޭ ގޮތުން މައުލޫމާތު ސާފުކުރުމަށް 7782034 މި ނަމްބަރަށް ގުޅުއްވުމަށް އެދެމެވެ.