ދުނިޔޭގެ އެންމެ ކުރިއަރާފައިވާ އެއްގައުމު ކަމަށްވާ އޮސްޓްރޭލިއާގައި އެތަނުގެ ރިސޯޓެއް ހިންގުމަށް މެނޭޖްމަންޓު ލެވެލްގައި އެންމެ އިސްކޮށް މަސައްކަތް ކުރުމަށް ލިބުމަކީ ކޮންމެ ކޮންމެ މީހަކަށް ލިބޭނެ ފުރުސަތެއް ނޫނެވެ. އެފަދަ މަގާމަކަށް ދިއުމަށް ގާބިލް ކަމަކާއި ކުޅަދާނަ ކަމާއި ހިކުމަތް ތެރިކަން ބޭނުންވާނެ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ. އައްޑޫސިޓީއަށް އުފަން ދަރިންގެ ތެރެއިން އެފަދަ ގާބިލް ޒުވާނުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ފެންނަކަމީ އެދަރިންނަށްޓަކައި މުޅި އައްޑޫސިޓީ ފަޚުރުވެރިވާނެ ކަމެކެވެ.
އޮސްޓްރޭލިއާގެ ޕާތުގެ ބަސަލްޓަން ގައި ހަދާފައިވާ ބޭވިއު ޖިއޮގްރަފް ރިސޯޓުގައި މިއަދު ޖީމެއްގެ މަގާމުގައި ހުންނެވި ބޭފުޅަކީ އައްޑޫސިޓީގެ ހިތަދޫ އަށް ނިސްބަތް ވާ ކުޅަދާނަ ހިންގުންތެރިއެކެވެ. ސ.ހިތަދޫ އަލްމާސް، މުޙައްމަދު އާތިފް އަކީ އޮސްޓްރޭލިއާގެ ރިސޯޓެއްގައި ޖެނެރަލް މެނޭޖަރެއްގެ ލެވެލް ގައި މަސައްކަތް ކުރުމުގެ ފުރުސަތު އެންމެ ފުރަތަމަ ލިބުނު ދިވެއްސަކަށް ވާނެއެވެ.
އަމިއްލަ ރަށުގައި ތައުލީމީ ޙަޔާތުގެ ފުރަތަމަ މަރުޙަލާ ނިންމުމަށް ފަހު މަތީސާނަވީ މާލޭގައި ފުރިހަމަ ކުރެއްވެވި އާތިފު ،ލިބިލެއްވެވި ފުރުސަތަކާއެކު ރިސޯޓު ދާއިރާގެ ފުރަތަމަ މަސައްކަތް ފެށިފައިވަނީ ލެގޫނާ ބީޗް ރިސޯޓުންނެވެ. ގެސްޓް ރިލޭޝަންސްގެ ދާއިރާއިން އާތިފް ފެއްޓެވި މި ކެރިއަރުގައި ރާއްޖޭގެ ބައެއް ރިސޯޓު ތަކުގައި ވަނީ މަސައްކަތް ކުރައްވަވާފައެވެ. އެވަޒީފާ ދޫކޮށްލެއްވެވީ މަތީ ތައުލީމު ހާސިލް ކުރެއްވުމަށް ލިބިލެއްވި ފުރުސަތާއެކީގައެވެ.
މެނޭޖްމަންޓުގެ ދާއިރާއިން ތައުލީމު ހާސިލް ކުރެއްވެވުމަށްފަހު އާތިފް ވަނީ ރާއްޖޭގެ ނަން މަޝްހޫރު ކުންފުނި ތަކުގެ އިސް މަގާމުތައް އަދާކުރައްވަވާފައެވެ. އެގޮތުން ސޭލްސް ޑިރެކްޓަރ ކަމާއި ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ ގެ އިތުރުން މެނޭޖިންގ ޑައިރެކްޓަރ ގެ މަގާމުވެސް އާތިފް ވަނީ އަދާކުރައްވަވާފައެވެ. އޭގެ ފަހުގައި އަނެއްކާވެސް މަތީތައުލީމު ހާސިލް ކުރެއްވުމަށް އާތިފް ރާއްޖެއިން ބޭރަށް ދުރުވީއެވެ.
އޮސްޓްރޭލިއާގެ ޕާތުގެ އެޑިތް ކޮވަން ޔުނިވަރސިޓީގައި މާކެޓިންގެ ދާއިރާއިން އެމްބީއޭ ހައްދަވަމުން ގެންދެވި އިރު ޕާޓްޓައިމް މަސައްކަތެއްގެ ގޮތުގައި ބަސަލްޓަންގެ އަބޭ ބީޗް ރިސޯޓުގެ ފްރޮންޓް އޮފީސް މެނޭޖަރ އެއްގެ މަގާމުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު އާތިފަށް ލިބިލެއްވެވިއެވެ.
“ބަސަލްޓަން އަށް ތައާރަފްވީ ޑރ މަރިޔަމް ޝަކީލާގެ އެހީތެރިކަމާއެކު . ކިޔަވަމުން ދިޔަ ދުވަސްވަރު އިތުރު މަސައްކަތެއް ކުރުމަށް ބޭނުންވެފައި ހުއްޓާ ލިބިގެން ދިޔަ ފުރުސަތެއް އެއީ” އާތިފް ވިދާޅުވިއެވެ.
2011 ވަނަ އަހަރު ފެށިގެން 2015 ވަނަ އަހަރާ ހަމައަށް އެތަނުގައި މަސައްކަތް ކުރެއްވެވިއެވެ. އޭގެ ފަހުން ބޭވިއު އިންޓަނޭޝަނަލް ހޮޓެލުން ލިބިލެއްވެވި އޮފަރ އަކާއެކު އެތަނުގެ އެގްޒެކްޓިވް އެސިސްޓެންޓް މެނޭޖަރ އެންޑް ސޭލްސް މާކެޓިން މެނޭޖަރ ގެ މަގާމަށް އާތިފް ބަދަލުވެލެއްވެވިއެވެ. އާތިފް މިހާރު މަސައްކަތް ކުރައްވަވަމުން ބޭވިއު ޖިއޮގްރަފް ރިސޯޓަކީ މިދެންނެވި މެނޭޖްމަންޓުގެ ދަށުން ހިންގާ ތަނެކެވެ.
ރާއްޖެއާއި މުޅިން ތަފާތު މާހައުލެއްގައި ގިނަ އަދަދެއްގެ އެތަކެއް ގައުމެއްގެ މުވައްޒަފުންނާއެކު މަސައްކަތް ކުރައްވަން ލިބިލެއްވެވި މި ފުރުސަތުގައި ވެސް ހިތްވަރާއި ކުޅަދާނަ ކަމާއި ގާބިލް ކަމާއެކު އާތިފް ކުރެއްވެވި މަސައްކަތުގެ ނަތީޖާއަކަށް ވެގެން ދިޔައީ 2018 ވަނަ އަހަރު އެ ރިސޯޓުގެ ޖެނެރަލް މެނޭޖަރުގެ މަގާމަށް އާތިފް ބަދަލުކުރެއްވުމެވެ. މިއާއެކު އޮސްޓްރޭލިއާގެ ރިސޯޓެއްގައި އެފަދަ މަގާމެއް އަދާކުރައްވާ ފުރަތަމަ ދިވެއްސަކަށް އާތިފް ވެގެން ދިއުމެވެ.
22 އަހަރު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރެއްވެވުމަށް ފަހު މިއަދު ރިސޯޓެއްގެ ޖެނެރަލް މެނޭޖަރުކަމުގެ މަގާމު އަދާކުރައްވަވަމުން ގެންދަވާ އާތިފް ވިދާޅުވީ ރާއްޖޭގެ ރިސޯޓެއްގައި މަސައްކަތް ކުރުމާއި ބޭރު ގައުމެއްގެ ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރުން ވަރަށް ތަފާތު ކަމަށެވެ.
“ޕްރޮޑަކްޓްސް ވަރަށް ތަފާތު. ރާއްޖޭގައި މި ހުންނަނީ ކުދި ކުދި ރަށް ތަކެއް. ވަރަށް ސެލްފް ޝަފިޝަންޓު ކޮށް ރާއްޖޭގައި ރިސޯޓު ހިންގަން ޖެހެނީ. ސްޓާފުންގެ އެކަމޮޑޭޝަން ހޯދައިދިނުމާއި ތަނުގެ ހުރިހާ އޮޕަރޭޝަންސް އަށް ބޭނުންވާ ކަންތައްތައް ރާއްޖޭގެ ރިސޯޓުތަކުގައި ހުންނަން ޖެހޭ. އެކަމަކު މިތަންތަނުގައި އެހުރިހާ ބައެއް މިހުންނަނީ އައުޓްސޯސްކޮށްފައި. ރާއްޖެއާއި ޚިލާފަށް މިތަނުގައި އެންމެ ބޮޑު ޗެލެންޖަކީ ސްޓާފުން. ދާއިރާއަށް ރަނގަޅަށް ތަމްރީން ލިބިފައިވާ ރަނގަޅު ސްޓާފުން ލިބުމަކީ ވަރަށް ބޮޑު ޗެލެންޖެއް. ފުދޭވަރަކަށް ލޭބަރ ކޮސްޓް ހައި ތަނެއް މިއީ .ވީމާ ސްޓާފުންގެ ޚަރަދަކީ ވަރަށް ބޮޑު އެއްޗެއް. ޕްރޮފިޓްކޮށް ހިންގަން ބޭނުންނަމަ ސްޓާފުން ވަރަށް ޕްރޮޑަކްޓިވް ކޮށް ބޭނުން ކޮށްގެން ނޫނިއްޔާ އެންމެ ރަނގަޅަކަށް ތަން ނުހިންގޭނެ.” އޭއޯ ނިއުސް އަށް މައުލޫމާތު ދެއްވަވަމުން އާތިފް ވިދާޅުވިއެވެ.
ފުދޭވަރަކަށް މޫސުމީ ތަފާތު އޮންނަ އޮސްޓްރޭލިއާގެ ބަސަލްޓަނުގައި ހިންގާ މި ރިސޯޓަކީ ވެސް ހަމަ ބީޗް ރިސޯޓެކެވެ.28 އޭކަރުގެ މި ރިސޯޓަކީ ވަރަށް ބަސަލްޓަނުގައި އެންމެ ފުރަތަމަ ހެދި ރިސޯޓެވެ. ފުދޭ ވަރަކަށް ދުވަސްވީ މި ރިސޯޓުގައި އާތިފް މަސައްކަތް ކުރައްވަވަން ފެއްޓެވިތަނުން 2.3 މިލިއަން ޑޮލަރުގެ ފުލް ރެނޮވޭޝަން ޕްރޮޖެކްޓެއް އެތަނުގައި ފަށާފައިވެއެވެ.
“މިދިޔަ އަހަރުގެ މެދު ތެރޭގައި އެ ޕްރޮޖެކްޓް ނިންމާލާފައި މިވަނީ ޕްރޮޖެކްޓް ނިންމާލާފައިވަނީ ކަނޑައެޅި މުއްދަތަށް ވުރެ ކުރިން އަދި ކަނޑައެޅި ބަޖެޓަށް ވުރެ ކުޑަކޮށް. ޕްރޮޖެކްޓްގެ ހުރިހާ ކަމެއް އިސްކޮށް ކުރީ އަޅުގަނޑު. މިއީ ލިބިގެންދިޔަ ވަރަށް ބޮޑު ކާމިޔާބީއެއްކަމަށް ގަބޫލުކުރަން”
ކާމިޔާބުކަމާއެކު ނިންމާލި އެ ޕްރޮޖެކްޓާއެކު މިހާރު 20 މިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން ޕްރޮޖެކްޓެއް އެ ރިސޯޓުގައި އަލުން މިވަނީ ފަށާފައެވެ. މި ޕްރޮޖެކްޓްވެސް މެނޭޖްކުރުމުގެ ހުރިހާ ޒިންމާއެއް ނަންގަވަނީ ހަމަ އާތިފް އެވެ.
“މުޅި ތަނަށް ވަރަށް ބޮޑު ބަދަލެއް އަންނާނެ ޕްރޮޖެކްޓް ނިމޭއިރު. އާ އިމާރާތާއި ފެންވަރު ރަނގަޅު އޯޝަން ވިއު ރޫމް ތަކާއި އާދައިގެ ރޫމްތަކުގެ އިތުރުން ރެސްޓޯރެންޓް ފަދަ ތަން އިތުރުވެގެން ދާނެ. ޕްރޮޖެކްޓްގެ މަސައްކަތް ނިންމާލެވޭއިރު މިއީ ބަސަލްޓަނުގައި ހުރި އެންމެ އުސް, އެންމެ އާ އަދި ހަމަ އެންމެ މަޝްހޫރު ބިލްޑިންގ އަށް ވެގެންދާނެ ” ކަމަށް އާތިފް ވިދާޅުވިއެވެ.
ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކޮށްފައިވާއިރު އާތިފް އަށް ވަނީ ތަފާތު ގިނަ ގައުމުތަކުގެ މީހުންނާ ދިމާވެ އެފަދަ ތަފާތު ގައުމުތަކުގެ މީހުންނާއެކު މަސައްކަތްކޮށް ތަޖުރިބާ ލިބިލައްވަވާފައެވެ.
ބޭރު ގައުމެއްގައި މުޅިން ތަފާތު ސަގާފަތްތަކާއި ތަފާތު ދީންތަކުގެ އެކިއެކި ގައުމުތަކުގެ މީހުންނާ އެކު މަސައްކަތް ކުރުން އުނދަގޫ ކަމެއްތޯ ސުވާލުކޮށްލުމުން އާތިފް ވިދާޅުވީ ” އޮސްޓްރޭލިއާ އަކީ މަލްޓިކަލްޗަރަލް ތަނަކަށް ވާއިރު ތަފާތު ގައުމުތަކުން ހިޖުރަކޮށްފައިވާ 19 ތަފާތު ކަލްޗަރ ގެ މީހުން މިތަނުގައި އެބައުޅޭ. ތަފާތު ސަގާފަތް ތަކުގެ ތަފާތު ގައުމުގެ މީހުންނާއެކު މަސައްކަތް ކޮށްކޮށް އެތަޖުރިބާ ލިބިފައިވާތީ އެފަދަ މީހުންނާއެކު މަސައްކަތް ކުރަން މިހާރު އުނދަގުލެއް ނުވޭ” ކަމަށެވެ.
ބުރަ މަސައްކަތުގެ ތެރެއިން އާތިފަށް އެންމެ ބޮޑު ހިތް ހަމަޖެހުމެއް ލިބިގެންދަނީ ރިސޯޓަށް ތަފާތު އެކިފަހަރުމަތިން ރިޕީޓްކޮށް އަންނަ ގެސްޓުންގެ ފަރާތުން ލިބިންގެންދާ އުފާވެރި ކޮމެންޓްސް ތަކުންނެވެ. ރިސޯޓުގައި ހޭދަކުރެވުނު ދުވަސްތަކަކީ އެ ގެސްޓު މީހާއަށް ހިތްހަމަ ޖެހޭ އުފާ ލިބުނު ދުވަސްތަކެއް ކަމަށް ބުނެ ގެސްޓުން ބުނެލާ ބުނުން ތަކަކީ މި ދާއިރާގައި މަސައްކަތް ކުރާއިރު ލިބިގެންދާ އެންމެ ބޮޑު އުފާކަމަށް އާތިފް ވިދާޅުވިއެވެ.
އަދާ ކުރެއްވެވި ކޮންމެ ވަޒީފާއެއްގައި ވެސް އެކަށީގެންވާ ކާމިޔާބާއި ކުރިއެރުން ހޯއްދަވައި މިއަދު ފަތުރުވެރިކަމުގެ ފުންނާބު އުސް މަގާމެއްގައި ހުންނެވި އާތިފް ވިދާޅުވީ ރާއްޖޭން ބޭރުގައި ހުންނައިރު ރާއްޖޭގެ މަތިން ވަރަށް މިސް ވާ ކަމަށެވެ.
“ރާއްޖޭގައި އަދިވެސް ވަޒީފާ އަދާކުރަން ބޭނުން. އަދި ކޮންމެވެސް ދުވަހަކުން ހަމަ އެދުވަސް ފެނިގެން ހިނގައިދާނެ. އެކަމަކު މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ކުދިންގެ ތައުލީމަށް. ކުދިން ބޮޑެތިވެ އަމިއްލަ ފައިމައްޗަށް ތެދުވުމުން އަނެއްކާވެސް އެނބުރި ރާއްޖެ ދިއުމަކީ ހަމަ އެކަށީގެންވާ ކަމެއް” ކިތަންމެ ގިނަ ދުވަސްތަކެއް ވަންދެން ރާއްޖެއިން ބޭރުގައި ދިރިއުޅުއްވަން ޖެހިފައި ވިނަމަވެސް އާތިފްވެސް އަދި އާތިފްގެ އާއިލާވެސް ރާއްޖެމަތިން ހަނދާންކުރެއެވެ. ރާއްޖެ ދާން ބޭނުންވެއެވެ.
ބޭރުގައުމެއްގައި އާތިފްގެ އަމިއްލަ އާއިލާއާއެކު ދިރިއުޅުއްވެވި ނަމަވެސް އެއީ ހަމަ ސަތޭކަ ޕަސެންޓް ދިވެހި އާއިލާއެކެވެ. ގޭގައި އެންމެ މީރު ކެއުމެއްގެ ގޮތުގައި ބޭނުންކުރަނީ ގަރުދިޔައާއި ބަތެވެ. އަދި އައްޑޫގެ ހަނާކުރި ހަވާދާއި ދިވެހި ހުރިހާ ރަހަތަކެއް އެގޭގައި ލިބެން ހުރެއެވެ. އާތިފްގެ އަނބިކަނބަލުންނަކީ ފިލިޕިންސްގެ ބޭފުޅެއް ނަމަވެސް ދިވެހި ރަހަތައް މީރުކަމާއެކު ކައްކަން އެނގެއެވެ. ކުދިންނަށް ވެސް އެންމެ މީރީ ހަމަ ދިވެހި ރަހަތަކެވެ.