ބައިނަލް އަގުވާމީ އަންހެނުންގެ ދުވަހެއް ފާހަގަކުރަމުންދާއިރު ރާއްޖޭގައި އަންހެނުން ދަރަޖަ ކުރެވިފައިވާ މިންވަރަކީ ކޮބައިތޯ ކޮންމެ މީހަކުވެސް ސުވާލުކުރެއެވެ. އަންހެނުންނަށް ލިބެން ޖެހޭ ހައްގުތައް އެންމެ ފުރިހަމަ ގޮތުގައި ލިބޭތޯ ބަލައެވެ. އަންހެނުން ބާރުވެރިކޮށް މުޖުތަމައުގައި އެ ކަނބަލުންނަށް ލިބިދެވެންޖެހޭ އެކަށީގެންވާ މަގާމުގައި އަންހެނުން ތިބޭތަން ދެކެން ބޭނުންވެއެވެ.
ނިސްބަތުން އަންހެނުންނާއި ފިރިހެނުންގެ ތަފާތުކުރުން ކުޑަ މި ރާއްޖޭގައި އަންހެނުންނަށް ގިނަ ފުރުސަތުތައް ހުޅުވިފައިވާ ކަމީ އުފަލާއެކު ފާހަގަކޮށްލެވޭ ކަމެކެވެ . ވަކިން ޚާއްޞަކޮށް ޒުވާން އަންހެން ކުދިންނަށް ލިބޭ އެފަދަ ފުރުސަތުތައް ގިނައެވެ. އެކިނަން ނަމުގައި ބޭއްވޭ ފޯރަމްތަކާއި ތަމްރީން ޕްރޮގްރާމުތަކުން އޭގެ އެކަށީގެންވާ ފައިދާ ލިބިގަނެ މުޖުތަމައުގައި ބޭނުންތެރި އަންހެނަކަށް ވުމަށް މަސައްކަތް ކުރާ ޒުވާން ހުނަރުވެރި އަންހެންދަރިން އަންނަނީ ގިނަ ވަމުންނެވެ.
އަންހެނުންގެ ދުވަހުގެ މި ޚާއްޞަ ކަވަރޭޖްގައި ގެނެސް މިދެނީ މިފަދަ ހުނަރުވެރި ކުއްޖެއްގެ އުއްމީދީ ވާހަކަތަކެވެ. ދެކޭ ހުވަފެންތަކެވެ. ކުރިއަށް ދިއުމަށް ބޭނުންވާ މިންވަރެވެ.
ސ.ހިތަދޫ ވިޖިނިންގެ ފާތިމަތު ހިޝްމާ އަކީ މި ދެންނެވިފަދަ އުއްމީދީ ދަރިއެކެވެ. އައްޑޫހައިސްކޫލުން ސާނަވީ ތައުލީމް ހާސިލް ކުރުމަށްފަހު މިއާންޒް އިންޓަނޭޝަނަލް ސްކޫލުގައި ވަގުތީ މުދައްރިސެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ހިޝް ބޭނުންވަނީ ތިމާވެށި ހިމާޔަތް ކުރުމުގެ ރޮނގުން މަސައްކަތްކޮށްކުރިއަށް ދިއުމަށެވެ. އަމިއްލަ ރަށަށް ދިމާވެފައިވާ ތިމާވެށީގެ ތަފާތު މައްސަލަތަކަކީ ހިޝް އެންމެ ކަންބޮޑުވާ އެއް މައްސަލައެވެ. ސްކޫލްގައި އުޅުނު ދުވަސްވަރު ރާއްޖޭގައި ބޭއްވި މިފަދަ މައްސަލަތަކާ ބެހޭ ސިމްޕޯޒިއަމް ގައި ބައިވެރިވާން ލިބުނު ފުރުސަތަކީ ހިޝް މި ރޮނގުން ވިސްނަން ފެށި ހިސާބެވެ.
“އަސްލު ރާއްޖޭގައި އަންހެންކުދިންނަށް މަތީ ވަޒީފަތަކުން އެހާ ގިނަ ފުރުސަތެއް ނުލިބޭ. ބައެއްފަހަރު އާއިލާއިން ޕްރެޝަރ ކޮށް ނޫނީ އެކަހަލަ ކޮންމެވެސް ސަބަބަކުން ކުރިއަށް ދިއުން ހުއްޓާލަން ޖެހެނީ. ހިޝް ގަބޫލުކުރާ ގޮތުގައި ކުރިއަށް ދާން ކޮންމެ މީހަކަށް ވެސް ފުރުސަތު ލިބެން ޖެހޭ، ވަކި އަންހެން ފިރިހެން ތަފާތު އޮވެގެން ނުވާނެ” ހިޝް ކިޔައިދިނެވެ.
އަންހެނުންގެ ދުވަހެއް ފާހަގަކޮށް އަންހެނުންގެ އަގު ވަޒަން ކުރުމަކީ އަންހެނުނަށް ލިބިގެންދާ ހިތްވަރެއް ކަމަށް ހިޝް ގަބޫލުކުރެއެވެ. އަދި އަންެހެނުންނަށް ޚާއްޞަކޮށްގެން ތަފާތު ޕްރޮގްރާމުތައް ހިންގައި ކުޅަދާނަ އަންހެނުން ފާހަގަކޮށް ހެދުމަކީ ޒުވާން އަންހެން ކުދިންނަށް މިރޮނގުން ކުރިއަށް ދިއުމަށް ލިބޭ ބާރެއްކަމަށް ހިޝް ބުންޏެވެ.
ރާއްޖޭގައި މަތީ ތައުލީމު ހާސިލް ކުރާ ދަރިވަރުންގެ ތެރެއިން އެންމެ މަތިން ޓޮޕް އެޗީވާސްގެ ތެރޭގައި އަންހެންކުދިން ގިނަ ނަމަވެސް ޕޮލިސީ ލެވެލް ހިސާބުން އަންހެންކުދިންގެ އަދަދު މަދުވާ މައްސަލައަކީ ހަމަ ގިނަ ފަހަރަށް އާއިލީ ޒިންމާގެ ސަބަބު ކަމަށް ހިޝްދެކެއެވެ.
“އަޅުގަނޑު ބޭނުމީ ހަމަ ވަރަށް ކާމިޔާބު ޚިދުމަތްތެރި އަންހެނަކަށް ވާން. އަޅުގަނޑަށް ވާނެ. ކުރެވޭނެ. އަޅުގަނޑު ގަބޫލު ކުރާ ގޮތުގައި މި މަސައްކަތުގައި އަޅުގަނޑުގެ އާއިލާއިން ފުރިހަމަ ސަޕޯޓު ލިބޭނެ. މިހާރުވެސް ލިބެމުންދޭ” ހިޝް ބޭނުންވާ ގޮތަކީ އެއީ އެވެ.
މިފަދަ ކެރޭ ޒުވާނުންނަށް ފުރުސަތު ދޭންވީއެވެ. މުޖުތަމައުގެ ތެރެއަށް ނެރެ ގާބިލް ދަރިއަކަށް ހެދުމަށް އެހީތެރިވެދޭންވީއެވެ. ބޭނުމީ އާއިލާއާއި މުޖުތަމައުގެ އެހީތެރިކަމެވެ. އެންމެންގެ އެއްބާރުލުމެވެ.