English Edition
Dhivehi Edition

ސްޓައިލްކޮށް ޒަމާނީ ވައްޓަފާޅިއަށް ހެދުން އެޅުމާއި، ޙަފްލާއަކާއި ގުޅޭގޮތަށް މޭކަޕް ކުރުމާއި ބުރުގާ އެޅުމަކީ މިއީ މިހާރު ގިނަ ދިވެހިން ލޯބިކުރާ ދިވެހިންގެ އެއް އާދައެވެ. މޭކަޕް ކުރުމަކީ މީހާގެ ރީތިކަން އިތުރަށް ފުރިހަމަކޮށްދޭ ކަމެކެވެ. މިގޮތުން މޭކަޕްކޮށް ނަލަކޮށްދިނުމުގައި ހުނަރުވެރި ގިނަ ޒުވާނުން ފެންނަމުންދާކަމީ މިފަދަ އާދަތަކަށް ލޯބިކުރާ މީހުންނަށް ލިބޭ ނުހަނު ބޮޑު ހިތްހަމަޖެހުމެކެވެ.

މި ދާއިރާގައި ފާހަގަކޮށްލެވޭ އެއް ހުނަރުވެރިޔަކީ ގދ. ތިނަދޫއަށް އުފަން، ޝަފާޢަތު އަބްދުއްﷲ ނުވަތަ އެންމެން ދަންނަ ނަމުންނަމަ ޗޮމްޕީ އެވެ. އެންމެންނާވެސް ގުޅޭ އުފާވެރި މިޒާޖެއްގެ ޗޮމްޕީ އަކީ މޭކަޕްކޮށް ދިނުމާއި ބުރުގާ ސްޓައިލްކޮށް ދިނުމުގައި ތިނަދޫގެ އެއްވަނަ އޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ.

އެންމެ ކުޑައިރުވެސް މޭކަޕް އާޓިސްޓަކަށްވުމުގެ ހުވަފެން ދެކެމުން އައި ޗޮމްޕީގެ އެ ހުވަފެން މިހާރު މިވަނީ ހަޤީގަތަކަށް ހަދާފައިއެވެ. 2013 ވަނައަހަރު ފޭސްބުކް ގައި “ޝައިން ވިތް ޝަފާ” ނަމުގައި ޕޭޖެއް ހުޅުވައި ހިލޭސާބަހަށް މަސައްކަތް ފެއްޓި ނަމަވެސް މިހާރު ޗޮމްޕީ މަސައްކަތް ކުރަމުންދަނީ އަގު ނަގައިގެންނެވެ. އޭނާގެ މި މަސައްކަތް ތިނަދޫގެ އިތުރުން ކައިރި ރަށްތަކަށާއި މުޅި އަތޮޅަށް ވަނީ ފުޅާވެގެންް ގޮސްފައެވެ.

ކަސްޓަމަރުންގެ އިތުބާރާއި ލޯބި ލިބިފައިވާ ޗޮމްޕީއަށް މިމަސައްކަތް ކުރުމުގައި އަމިއްލަ ރަށުން މޭކަޕްކުރަން ސާމާނު ނުލިބުމީ ހުރި ދައްޗަކަށް ވީނަމަވެސް މޭކަޕްގައި އޭނާ ބޭނުން ކުރަމުންދަނީ ބްރޭންޑެޑް ސާމާނުކަން ފާހަކުރެވެއެވެ. އެގޮތުން ނޯޓް ކޮސްމެޓިކްސްގެ ފަރާތުން ހަދިޔާ ކޮށްފައިވާ ސެޓް ބޭނުންކޮށްގެން ގދ،ވާދޫ ގައި ކުރި ބްރައިޑަލް މޭކަޕްއަކީ ޗޮމްޕީގެ އެންމެ ކާމިޔާބު އެއް މަސައްކަތްކަން އޭނާ ފަހާގަކުރެއެވެ.

އެއްވަގުތަކަށް 11 ދަރިވަރެއްގެ ދަސްވެނިވުމުގެ ޙަފްލާއަށް މޭކްއަޕް ކުރަންޖެހުނު ދުވަހަކީ ހިތުން ފިލުވައިލަން ދަތި ދުވަހެއް ކަމަށާއި އަދި އެރޭ އެދަރިވަރުންގެ ފަރާތުން ލިބުނު ފާޑުކިޔުމަކީ ވަރަށްވެސް ހިތްހަމަޖެހޭ އަދި މި މަސައްކަތުގައި ކުރެވުނު އުފާވެރި ތަޖުރިބާއެއްކަމަަށް ޗޮމްޕީ ބުނެފައިވެއެވެ.

“ޗޮމްޕީގެ މޭކަޕް ފުރިހަމަވެފައި ނަލަވާނެ. ހަމަ މެޖިކް ހޭންޑެއް އެއީ. ނިމޭއިރު ބުނާނެ އެއްޗެއްވެސް ނޭގިފައި ހުރެވެނީ. ވަރަށް ހިތްހަމަޖެހޭ.” ޝައިން ވިތް ޝަފާ ގެ ކަސްޓަމަރަކު ކިޔައިދިނެވެ.

އާއިލާ، ޙާއްސަކޮށް މަންމަ އާއި ބައްޕަ އަދި ދަރިފުޅުގެ ބައްޕަ ވެދެއްވާ އެހީތެރިކަމާއީ ރަޙްމަތްތެރިންގެ ފަރާތުން ލިބޭ އެހީތެރިކަމާއި ހިތްވަރަކީ މިކަމުގައި ކުރިޔަށްދިޔުމަށް ލިބޭ ހިތްވަރެއްކަން އޭނާ ފާހަގަކުރެއެވެ. އަދި ރާއްޖޭގައި ފާހަގަކޮށްލެވޭ މޭކަޕް އާރޓިސްޓުންގެ ތެރެއިން ބަލްގިޝް، ތާތު، ރިޒްނާ، އެވްލީން އަދި ނަދާގެ ފަރާތުން ލިބޭ ސަޕޯރޓަކީ މި މަސައްކަތުގައި ދެމިހުރުމަށް ލިބޭ އިތުރު ހިތްވަރެއްކަމަށް އޭނާ ވަނީ ފަހާގަކޮށްފައެވެ.

ގޭގެ ކޮޓަރިއެއްގައި މިވަގުތު މަސައްކަތް ކުރިނަމަވެސް އަމިއްލަ ސެލޫނެއް ރަށުގައި ހުޅުވުގެ މަސައްކަތް ފެށިގެން ކުރިޔަށް ގެންދިޔުމުގައި އަތުކުރި އޮޅާލައިގެން ހުރި ޗޮމްޕީ އަކީ ޒުވާން ކުދިންނަށް ނަމޫނާއެކެވެ. ދިރިއުޅުމުގައި ދިމާވި ހުރަސްތައް ގިރާކޮށް އަމިއްލަ ހުވަފެނުގައި ހަގީގީ ކުލަޖެއްސި ޗޮމްޕީ އަކީ ތިނަދޫގެ ނަމޫނާ ދަރިއެކެވެ.

އޭ އޯ ނިއުސް ގެ ފަރާތުން ޗޮމްޕީއަށް އަބަދުވެސް އެދެނީ ކަމިޔާބީއަށެވެ.