English Edition
Dhivehi Edition

މިއަދަކީ ދިވެހި ބަހުގެ ދުވަހެވެ. ދިވެހިބަހާ ބެހޭ ގޮތުން ވާހަކަ ދައްކަން އެންމެ އެކަށީގެންވާ ދުވަހެވެ. ދިވެހި ކާބަފައިން އަހަރުމެންނާ ހަމައަށް ވާރުތަކޮށްދެއްވާފައިވާ ކޮންމެ ބަހަކީވެސް ދިވެހި ބަހެވެ. ދިވެހިން ވާހަކަދައްކައި އުޅޭ ކޮންމެ ބަހަކީވެސް އެބަހަކާމެދު ދިވެހިން ފަޚުރުވެރިވާންވީ ބަހެކެވެ. އެހެންކަމުން ވަކި ބަހެއް އިސްތިސްނާ ނުކޮށް ދިވެހިބަސް ރައްކާތެރި ކުރުމަކީ ދިވެހި ކޮންމެ ދަރިއެއްގެ ފަރުދީ ޒިންމާއެކެވެ.

ދުނިޔޭގެ ނިސްބަތުން ބަލާއިރު ދިވެހިރާއްޖެއަކީ ކުޑަ ޤައުމެކެވެ. އާބާދީ އަކީ ގާތް ގަނޑަކަށް 3 ލައްކައެއްހާ މީހުންނެވެ. ކިތަންމެ ކުޑަޔަސް އަދި ބައި މަދަސް މިރާއްޖެއަކީ މުއްސަނދި ބަހެއް ﷲ މިންވަރު ކުރައްވާފައިވާ ޤައުމެކެވެ. ރާއްޖޭގައި އަމިއްލަވަންތަ ބަހާއި އެ ބަސް ލިޔާނެ އަކުރެއް އެބައޮތެވެ. އެންމެ ބަހެއް ނޫނެވެ. ޒަމާނުއްސުރެ މިއަދާހަމައަށްވެސް ދިވެހި ރައްޔިތުން ވާހަކަދައްކާ ހަތަރު ބަހެއް އެބައޮތެވެ. އެއީ ރާއްޖޭގެ ވެރިކަން ކުރާ މާލޭގެ މީހުން ވާހަކަ ދައްކާ މާލޭބަހާއި، ރާއްޖޭގެ ދެކުނުގެ 3 އަތޮޅަށް ނިސްބަތްވާ ހުވަދޫބަހާއި ފުވައްމުލަކުބަހާއި އައްޑޫބަހެވެ. މީގެތެރެއިން ރަސްމީ ދަރަޖައެއް ލިބިފައިވަނީ ޒަމާނުއްސުރެ ރާއްޖޭގައި ވެރިކަންކުރާ މާލޭގެ މީހުން ވާހަކަދައްކާ މާލޭބަހަށް އެކަންޏެވެ.

ރަސްމީ ހައިސިއްޔަތު ލިބިފައި ނުވި ކަމުގައިވިޔަސް ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ބަސްކަމުގައި ޢިލްމީ ލިޔުއްވުންތަކުގައި ޢލްމުވެރިން ލިޔުއްވާފައިވެއެވެ. ދިވެހިރާއްޖެއާއި މަލިކުގެ ބަސްބަހާއި މެދު ހޯއްދެވުންތައް ހޯއްދެވި ސްޕޭނުގެ ލިންގުއިސްޓެއް ކަމަށްވާ ޝޭވިއޭ ރޮމޭރޯ- ފްރިއަސް ލިޔުއްވާފައިވާ ގޮތުގައި ހުވަދޫ ބަހާއި ފުވައްމުލަކުބަހާއި އައްޑޫބަހަކީ މާލޭބަހާއި ބަހަވީގޮތުން ބޮޑެތި ތަފާތު ތަކެއްހުރި ވަކި ބަސްބަހެވެ

.

ހަމަ އެއާއެކު ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ބަސްކަމުގައި އެބަހުގެ އަހުލުވެރިންގެ ތެރެއިން ގިނަބަޔަކު ޤަބޫލުކޮށް ހެކިތައް ދައްކައެވެ. އެގޮތުން އެބައިމީހުން ދައްކާ އެއް ހެއްކަކީ ދެކުނުގެ ބަސްތައް އެހެން އަތޮޅު ތަކުގެ މީހުންނަށް ދޭހަނުވާ ނުވުމެވެ. ވަކި ސަރަހައްދެއްގެ ބަޔަކު މުއާމަލާތުކުރަން ބޭނުންވާ އަޑާއި އެޔާއި ގުޅިފައިވާ ގަވައިދާއި ހަމަތަކުގެ މުޅި ނިޒާމަކީ އަނެއް ބަހަކުގެ ބަހުރުވައެއްތޯ ނުވަތަ ނޫންތޯ ބެލެވޭ އެންމެ އަސާސީ މިންގަނޑަކީ ދޭހަވުމެވެ. އެއްބަޔަކު ދައްކާ ވާހަކަ އަނެއްބަޔަކަށް ދޭހަނުވާނަމަ އެއްރަށެއްގެ ދެއަވަށެއްގައި އެބަޔަކު އުޅުނަސް އެއީ ބަހެކެވެ. އެގޮތުން ބަލާއިރު ދެކުނުގެ ތިން އަތޮޅުގެ ބަސް އެހެން އަތޮޅުތަކުގެ ދެކެ ފަރިތަ މީހަކަށް ނޫނީ ދޭހައެއް ނުވެއެވެ. ނުވަތަ ފަހުމުނުވެއެވެ. ނަމަވެސް ރާއްޖޭގެ ހުރިހާ ސްކޫލެއްގައި އިނގިރޭސިބަސް ކިޔަވާދޭ އުސޫލުން މާލޭބަސް ނުވަތަ ރަސްމީބަސް ވަކި މާއްދާއެއްގެ ގޮތުން ކިޔަވައިދޭތީ ދެކުނުގެ އަތޮޅުގެ މީހުންނަށް މާލޭބަސް ރަނގަޅަށް ދޭހަވެ ފަހުމުވެއެވެ. އެހެން ކަމުން މި މިންގަނޑުން ބަލާނަމަ ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ތިން ބަހެވެ. .

ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ބަސްކަމުގައި ވިދާޅުވާ ފަރާތްތަކުން ދައްކާ ހެކި ތަކުގެ ތެރޭގައި އައްޑޫ ބަހުގައި މާލޭބަހުގައި ނޯންނަ އިތުރު އަޑެއް އޮތުން ހިމެނެއެވެ. އެއީ ‘ޱ’ މިއަކުރު ރަމްޒުކޮށްދޭ އަޑެވެ. އައްޑޫ މީހުން ވާހަކަދައްކާއިރު މިހާރުވެސް އެއަޑު ބޭނުންކުރުމަކީ ފެންނާން އޮތް ހަޤީޤަތެކެވެ. އަދި އައްޑޫ ބަހުން ލިޔާ ލިޔުންތަކުގައި މިއަކުރު ބޭނުން ކުރެއެވެ. ނަމަވެސް މާލެއާއި އުތުރުގެ ގިނަ މީހުންނަށް މިއަޑު ނެރެންވެސް ނޭނގޭ ކަމުގައި ބަހާ ބެހޭގޮތުން ވާހަކަދައްކަވާ ބައެއް ފަރާތްތަކުން ހާމަކުރެއެވެ.

މިގޮތުން ސުކުން ކުރެވޭ އަކުރު ތަކުގެ ތަފާތުތަކަކީވެސް ދިވެހި ބަހުގެ ޤަވައިދާއި މިބަސް ބޭނުން ކުރެވޭ ގޮތާ ދެމެދު ހުރި ފަރަޤެކެވެ. އައްޑޫބަހުން ލިޔާ ލިޔުން ތަކުގައި ށަވިޔަނީގައި ސުކުން ނުކުރެއެވެ. ނަމަވެސް ރަސްމީ ދވެހި ބަސް ނުވަތަ މާލޭބަހުގެ ޤަވައިދުގައި ބުނާގޮތުން ށަވިޔަނިއަކީ ސުކުން ކުރެވޭ އަކުރެކެވެ. ސުކުން ކުރުމުގެ ފަރަޤެއް ފުވައްމުލަކުބަހުގައިވެސް އެބަހުއްޓެވެ. އެއީ މާލޭ ބަހުގައި ސުކުން ނުކުރެވޭ އަކުރެއްގައި ސުކުން ކުރުމެވެ. ފުވައްމުލަކުބަހުގައި ސުކުން ކުރެވެ އިތުރު އަކުރަކީ ‘ލ’އެވެ. މިސާލަކަށް ރަސްމީ ބަހުގައި ބޭނުންކުރާ ބޯ މި ލަފްޒަށް ފުވައްމުލަކު ބަހުން ‘ބޮލް’ ކިޔައެވެ. ލާމުގައި ސުކުންކުރާ މިފަދަ ކިތަންމެ މިސާލެއް ފުވައްމުލަކު އެބަހުގައި ވެއެވެ.

ދެކުނުގެ ތިން އަތޮޅަށް ނިސްބަތްވާ ތިން ބަހަކީވެސް މިނިވަން މުސްތަޤިއްލު ބަސްކަމުގައި ވިދާޅުވާ ފަރާތްތަކުން ދައްކާ އަނެއް ހެއްކަކީ މި ތިން ބަހުގައިވެސް މާލޭބަހުގައިނުހިމެނޭ އާ ގިނަ ބަސްތައް ހުރުމެވެ.

ވުމާއެކު ދެކުނުގެ ތިން ބަހާއި ބެހޭގޮތުން އިތުރު ޢިލްމީ ދިރާސާތައް ކޮށް މިއީ މިނިވަން ބަހެއްތޯ ނުވަނަ މާލޭ ބަހުގެ ބަހުރުވައެއްތޯ ހޯދައި ބަލައި ޢިލްމީ ގޮތުން ނުވަތަ ސިޔާސީ ގޮތުން ވިޔަސް މިކަމުގައި ރަސްމީ ނިންމުމެއް ކަނޑައެޅުމަކީ ވަރަށް ބޭނުންތެރި މުހިއްމު ކަމެކެވެ.

ހުވަދޫބަހާއި ފުވައްމުލަކުބަހާއި އައްޑޫބަހަކީ، ބަހަކަށް ވިޔަސް ނުވަތަ ބަހުރުވައަކަށް ވިޔަސް ދިވެހި ކާބަފައިންގެ ތެރެއިން ބަޔަކު ވާރުތަކޮށްދެއްވާފައިވާ ދިވެހިންގެ ތަރިކައެކެވެ. ނަމަވެސް މިބަސްބަހަކީ މިއަދު ނިކަމެތި ކުރެވިފައިވާ ބަސްބަހޭ ބުނުމަކީ ދޮގަކަށް ނުވާނެއެވެ

މިބަސް ނިކަމެތި ވެފައިވާކަމުގެ ހެއްކަކީ މި ބަސްބަހަށް ޒަމާނުއްސުރެ ލިބިފައިވާ ނަމާއި ޤަދަރާއި ހައިސިއްޔަތުވެސް މިއަދުގެ ޒުވާނުންނަށް އޮޅިފައިވުމެވެ. ޒުވާން ކުދިންނާއި ޅަފުރައިގެ ކުދިން މި ބަސްބަހަށް ‘އައްޑޫބަހުރުވަ’، ‘ހުވަދޫބަހުރުވަ’، ‘ފުވައްމުލަކު ބަހުރުވަ’ ކިއުމާއި މިއީ މާލޭ ބަހުގެ ބަހުރުވަކަމުގައި ދުށުމަކީ ބަހަށް ލިބުނު ނިކަމެތިކަމެކެވެ..

އެހެނީ ޒަމާނުއްސުރެ މީހުން މިބަސްބަހަށް ކިޔަމުންދިޔަ ނަމަކީވެސް ‘އައްޑޫބަސް’ ‘ހުވަދޫބަސް’ ”ފުވައްމުލަކުބަސް’ ކަމީ ޝައްކެއް އޮތް ކަމެއްނޫނެވެ. ތުޙްފަތުލް އަދަބިއްޔާތުގައި ފަޟީލަތުއްޝައިޚް ޙުސައިން ޞަލާހުޢްދީން ލިޔުއްވާ ފައިވާ ލިޔުންކޮޅަކުންވެސް މިކަން ހާމަވެގެން ދެއެވެ. ވުމާއެކު މިއީ މިނިވަން މުސްތަޤިއްލު ބަސްބަހެވެ. އެހެން ބަހެއްގެ ބަހުރުވަ ތަކެއް ނޫނެވެ.

އެބަހަކުން ވާހަކަދައްކަން ލަދުގަންނަ ޝުޢޫރުތައް ފާޅު ނުކުރެވޭ ބަހެއްކަމުގައި ގިނަބަޔަކު ދެކޭކަމީވެސް މިބަސް ނިކަމެތި ވެފައިވާ ކަމުގެ ހެއްކެކެވެ. އެއް އިރެއްގައި ދިވެހި ދަރީންތަކެއް އެބަހަކުން އެބައެއްގެ ހުރިހާ ޝުޢޫރެއް ފާޅުކޮށް ދިރިއުޅުމުގެ ހުރިހާ މުއާމަލާތެއް ކުރި މި ބަސްބަހަކީ މިއަދުގެ ޖީލަށް މުއާމަލާތު ކުރެވޭ ވަރަށްވުރެ ފަޤީރު ބަހެއްކަމުގައި ދެކެންފަށައިފިއެވެ. އިނގިރޭސި ބަހާއި މާލޭބަހާއި ތަފާތު އެތައް ބަހެއް އެބަހުގެތެރެއަށް ވައްދައިގެން މަސްހުނިކޮށްގެން ނޫނީ މުއާމަލާތެއް ކުރެވޭ ކަމަކަށް ނުވެއެވެ. މިއީ މުސްތަޤުބަލުގައި މިބަސްތަކުގެ އަސްލު ނެތިގެން ހިނގައިދާނެ ކަމުގެވެސް ނިޝާނެކެވެ.

މިބަސް ނިކަމެތި ވެފައިވާކަމުގެ އަނެއް ހެއްކަކީ މިބަހުގެ އަހުލުވެރީންގެ ތެރެއިން ބައެއްގެ ކުރިމަތީގައި އެއްވެސް ޤަދަރެއް ނެތް މަގުމަތީގެ ބަހުރުވައެއް ކަމުގައި މިބަސް ވުމެވެ. މިކަން ހާމަވާ އަނެއް ކަމަކީ މިބަސްބަހަކީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ލިބިފައިނުވާ ބަހެއް ކަމުގައި މީސްމީޑިއާގައި ބައެއް ފަރާތްތަކުން އަޑުތައް ފަތުރަމުންދާ ދިއުމެވެ. މިއީ ދިވެހި ކާބަފައިން ދޫކޮށްފައިދިޔަ އަގުބޮޑު ތަރިކައެއްގައި ކޮޅުފައިންޖެހުން ފަދަ ކަމެކެވެ.

މިފަދަ ނިކަމެތިކަމެއް ބަހަށް ލިބިގެންދިޔަ އެތަށް ސަބަބެއް އެބައޮތެވެ. ބަސް ނިކަމެތިވުމުގެ މައިގަނޑު އެއް ސަބަބެއްކަމުގައި ފާހަގަ ކުރެވެނީ ދިވެހި ސަރުކާރުން މިބަހަށް ރަސްމީ އެއްވެސް ހައިސިއްޔަތެއް ދެއްވާފައި ނުވުމެވެ. މިކަމުގެ ސަބަބުން ބަހުގެ އަހުލުވެރިންނަށް އެއްވެސް ރަސްމީ މުއާމަލާތެއްގައި މިބަސް ބޭނުންކުރެވޭކަށް ނެތެވެ. މިބަހުގެ އަހުލުވެރިންގެ ތެރެއިންވާ ކިޔަވާ ކުއްޖާ އޭނާގެ އުމުރުން ހަތް އަހަރުގައި ސްކޫލަށް ވެއްދުމާއެކު އޭނާއަށް އެންގެނީ ސްކޫލު މާހައުލުގައި އޭނާގެ މާދަރީބަސް ބޭނުން ނުކުރުމަށެވެ. ބާރަ އަހަރު ފަހުން ސުކޫލުން ދަރިވަރުވެ ނުކުންނަ އިރު އެދަރިވަރަށް އޭނާގެ އަސްލު މާދަރީބަހަކީ ކޮބައިކަން ބުނެވެސް ނުދެވެއެވެ. މިސަބަބާހެދި ޖީލުތަކެއް ފަސްވެ ދިޔައިރު މިބަހަކީ އަގެއް ނެތް ބޭނުމެއް ނެތް އެއްޗެއް ކަމުގައި ބަހުގެ އަހުލުވެރިންގެ ތެރެއިން ބަޔަކަށް ވިސްނެންފެށީއެވެ. މިފަދަ ވިސްނުން އެބައެއްގެ ސިކުނޑީގައި ހަރުލާފައިވާ ފަރާތްތަކުން އެބައިމީހުންގެ ދަރިންނާ އެބައިމީހުންގެ މާދަރީބަހުން ވާހަކަދެއްކުން ހުއްޓާލާފައިވެއެވެ. އެބައިމީހުން ދެކޭ ގޮތުގައި ކުދިން ބަހަށް މޮޅު ކުރެވޭނީ ގޭތެރޭގެ މާހައުލުގައި ރަސްމީ ދިވެހި ބަހުން ވާހަކަ ދެކެވިގެންނެވެ. ވުމާއެކު މަޑުމަޑުން މާދަރީބަސް ދޫކޮށް އެހެން ބަހެއް އިޚްތިޔާރު ކޮށްފިއެވެ. މިއީ މިބަސް ނެތި ދިއުމަށް މަގުފަހިވެފައިވާ ކަމެކެވެ

.

ދިވެހި ސަރުކާރުން ރަސްމީ ހައިސިއްޔަތެއް ދެއްވާފައި ނެތުމުގެ އިތުރަށް ދިވެހި ސަރުކާރުން މި ބަސް ރައްކާތެރިކޮށް ދިރުވުމަށް ރަސްމީ ސިފައެއްގައި އެއްވެސް އަމަލެއް ނުކޮށް ދޫކޮށްލެވިފައިވާކަން ފާހަގަކުރެވެއެވެ. ދިވެހިބަސް ކުރިއެރުވުމުގެ ނަމުގައި ކުރިއަރުވަން މަސައްކަތް މިކުރެވެނީ ރަސްމީބަހެއް ކަމުގައި ކަނޑައެޅިފައިވާ މާލޭބަސް އެކަނި ކަމީ ހިތާމަ ކުރަންޖެހޭ ހަޤީޤަތެކެވެ.

ސުވާލަކީ ކާބަފައިންގެ ދޫކޮށްފައި ދިޔަ މިތަރިކަ އުވި ނެތިދާން ދޫކޮށްލަންވީ ހެއްޔެވެ؟ ބަހާއި ތާރީޚާއި ޘަޤާފަތް ދިރުވުމަށް ކުރެވޭ މަސައްކަތުގައި ހިމެނެންވީ ހަމައެކަނި ވަކި ބަހަކާއި ތާރީޚަކާއި ޘަޤާފަތައް ހެއްޔެވެ؟ ދެނުކުގެ ތިން އަތޮޅުގައިވެސް ދިރިއުޅުނީ ދިވެހި ކާބަފައިންނެވެ. ދޫކޮށްފައި ދިޔައީ ދިވެހީންގެ ތަރިކަތަކެވެ. އެބައިމީހުން މޮށެ އުޅުނު ބަސްތައް ނެތި ދިއުމަކީ ދިވެހީންނަށް ލިބިފައިވާ ބަހުގެ މުއްސަނދިކަން ނެތިދިއުމެވެ. މިއީ ދިވެހި ކޮންމެ ދަރިއަކަށް ލިބޭ ގެއްލުމެއްކަން ކަށަވަރެވެ.

ވީމާ ކިލަނބުވަމުން ނެތެމުންދާ އައްޑޫބަހާއި ހުވަދޫބަހާއި ފުވައްމުލަކުބަސް ހިމާޔަތްކޮށް ރައްކާތެރި ކުރުމަކީ ވަޠަނީ ލޯތްބާއި ދިވެހި ޤައުމިއްޔަތުގެ ވިންދު އެމީހެއްގެ ހިތުގައި ހިނގާ ކޮންމެ ދިވެހި ދަރިއެއްގެ ފަރުދީ ޒިއްމާއަކަށް ހަދަން އެބަޖެހެއެވެ. އަދި އެބަޔަކަށް ބަސް ނިސްބަތްވާ ބަހުގެ އަހުލުވެރިން އެބަސް ފަހުގެ ޖީލުތަކާ ހަމައަށް ވާރުތަކޮށްދިނުމުގައި އިސް ރޯލެއް އަދާކުރުމަކީ އެބައި މީހުންގެ ކޮނޑުގައި އެޅިފައިވާ ޒިންމާއެއްކަމުގައި ހަދަން ޖެހެއެވެ

 

1 ކޮމެންޓް
ޙަސަން ލަބީބު
އޭޕްރީލް 14, 2018
ވަރަށް ރަނގަޅަ ޙަގީގީ ލިޔުމައް މީ. އަފިރިންގެ ބަހާއި އަޅާލާ އެއްވިޔަސް ބާކިޔެ ނެތާ.