މިއަދު ހެނދުނު އެމެރިކާ އާއި ފްރާންސް އަދި އިނގިރޭސި ވިލާތުން ސީރިއާ އަށް ދިން ހަމަލާތަކުގައި 100 އަށް ވުރެ ގިނަ މިސައިލް ފޮނުވާލި ކަމަށާއި މީގެ ތެރޭން ގިނަ މިސައިލް ވައްޓާލާފައިވާ ކަމަށް ރަޝިޔާ އިން ބުނެފި އެވެ
ރަޝިޔާގެ ޑިފެންސް މިނިސްޓްރީން ބުނެފައިވަނީ ސީރިއާގެ އަސްކަރީ އަދި މަދަނީ ތަންތަނަށް ވެސް ހަމަލާދީފައިވާ ކަމަށާއި އެމެރިކާ އިސްވެ ދިން ހަމަލާތަކުގައި ފޮނުވާލި މިސައިލްތައް ވައްޓާލުމަށް ބޭނުންކޮށްފައި ވަނީ ސީރިއާގެ ވައިގެ ދިފާއީ ނިޒާމް ކަމަށެވެ. އަދި މި ހަމަލާތަކުގައި ސީރިއާގައި ގާއިމްކޮށްފައިވާ ރަޝިޔާގެ އަސްކަރީ އެއްވެސް މަރުކަޒަކަށް މިސައިލް ހަމަލާ އަރާފައި ނުވާކަމަށް ރަޝީޔާއިން ވަނީ ބުނެފައެވެ
މިއަދުގެ ހަމަލާތައް އަމާޒުކޮށްފައިވަނީ ވެރިރަށް ދިމިޝްގުގައިވާ ސައެންޓިފިކް ރިސާޗް ސެންޓަރަކަށާއި ހިމްސްގެ ހުޅަނގުގައިވާ ކެމިކަލް ހަތިޔާރު ރައްކާކުރާ ތަނަކަށާއި އަދި ހިމްސްއާ ކައިރީގައިވާ ކެމިކަލް ހަތިޔާރުގެ އިކުއިޕްމަންޓް ރައްކާކުރާ ތަނަކަށެވެ. މި ހަމަލާތައްދީފައިވަނީ ރެޑް ސީގައިވާ އެމެރިކާގެ މަނަވަރުތަކުންނާއި މެޑިޓެރޭނިއަން އަދި ސީރިއާގެ އަލް ތަންފް ސިޓީގައި ގާއިމްކޮށްފައިވާ އެމެރިކާގެ ވައިގެ މަރުކަޒަކުންނެވެ. މީގެ އިތުރުން އިނގިރޭސި ވިލާތުން ސީރިއާ އަށް ހަމަލާ ދިނުމަށް ހަތަރުޓޯނޭޑޯ ޖެޓް ބޭނުންކޮށްފައިވާއިރު އެމެރިކާއިން ސީރިއާއަށް އަމާޒުކޮށް ހަމަލާ ދޭން ބޭނުން ކޮށްފައިވަނީ ޓޮމަހޯކް ކްރޫޒް މިސައިލް އެކެވެ