ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފާއިތު ވި ދެ އަހަރުގެ ޗެމްޕިއަން ސްޕެއިންގެ ރިއަލްމެޑްރިޑް އާއި ޖާމަން ބުންޑަސް ލީގާގެ ޗެމްޕިއަން ބަޔާން މިއުނިކް ބައްދަލު ކުރަން ޖެހުނު އިރު އިންގްލެންޑުގެ ލިވަޕޫލާއި އިޓަލީގެ އޭއެސް ރޯމާ ސެމީގައި ކުޅޭ ގޮތަށް ހަމަ ޖެހިއްޖެ އެވެ.
ޗެމްޕިއަންސް ލީގުގެ ސެމީގައި ވާދަ ކުރާ ޓީމެއް ބެލުމަށް ސްވިޒަލޭންޑް ނިއޯންގައި ހުންނަ ޔޫއެފާ ހެޑްކުއާޓާސްގައި މިއަދު ކުރިއަށްދިޔަ ގުރުއަތު ނެގުމުގެ ރަސްމިއްޔާތުގައި ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ގުރުއަތު ނަގައިދިނީ، މިއަހަރުގެ ޗެމްޕިއަންސް ލީގުގެ އެމްބެސެޑަރު ކުރީގެ އޭސީ މިލާންއާއި ޗެލްސީ އަދި ޑައިނަމޯ ކިއޭވްގެ ފޯވަޑް އަންދްރޭސް ސެވްޗެންކޯއެވެ.
ސެމީގައި ރެއާލް އާއި ބަޔާން ބައްދަލުކުރަން ޖެހުނުއިރު މި ދެ ޓީމު ސެމީގައި އެންމެފަހުން 2014 ވަނަ އަހަރު ސެމީގައި ބައްދަލު ކުރި މެޗު ދެ ލެގުން ރިއަލް މޮޅުވެފައިވާއިރު ރެއާލް އާއި ބަޔާން ވަނީ މިދިޔަ ސީޒަނުގެ މުބާރާތުގެ ކުއާޓާފައިނަލްގައި ވެސް ބައްދަލުކޮށްފައެވެ. އެ މެޗު ވެސް ލެގުން ކާމިޔާބުކޮށްފައިވަނީ ރެއާލްމެޑްރިޑްއެވެ.
ޗެމްޕިއަންސް ލީގުގައި ހަ އަހަރުގެ މެދު ކެނޑުމަކަށްފަހު މިއަހަރުގެ ޗެމްޕިއަންސް ލީގުގަށް ކޮލިފައިވި ލިވަޕޫލް ސެމީއަށް ދަތުރުކޮށްފައިވަނީ މިސީޒަންގައި އިނގިރޭސި ލީގުގެ އެއްވަނާގައި އޮތް މެންޗެސްޓަރ ސިޓީ ދެ ލެގުން ބަލިކޮށްގެންނެވެ. ލިވަޕޫލް އެންމެ ފަހުން ޗެމްޕިއަންސް ލީގުގެ ސެމީއަށް ދަތުރުކޮށްފައިވަނީ 2008 ވަނަ އަހަރުގައެވެ.
ރޯމާ ސެމީއަށް ދަތުރުކުރީ މިސީޒަންގައި އަދި އެއްވެސް މެޗަކުން ބަލި ނުވެ އޮތް ވަރުގަދަ ބާސެލޯނާ ކަޓުވާލުމަށް ފަހުގައެވެ. ފުރަތަމަ ލެގު ބާސާއިން 4-1ގެ ނަތީޖާއަކުން ކާމިޔާބު ކޮށްފައި އޮތް ނަމަވެސް ދެވަނަ ލެގުގައި ރޯމާއިން ވަނީ ފަހަތުން އަރައި ތިން ގޯލް ޖަހައި ބާސާ ކަޓުވާލައިފައެވެ.
ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގެ ފުރަތަމަ މެޗުގައި މި މަހުގެ 24 ރިއަލް އާއި ބަޔާން ބައްދަލު ކުރާއިރު ދެވަނަ ސެމީގައި މިމަހުގެ 25 ގައި ބައްދަލު ކުރާނީ ރޯމާ އާއި ލިވަޕޫލް އެވެ. ދެ ވަނަ ލެގު އޮންނާނީ މޭ 1 އަދި 2 ގަ އެވެ. ފައިނަލް މެޗު އޮންނާނީ ޔޫކްރޭނުގެ ކިއޭވްގައި މޭއިމަހުގެ 26 ގަ އެވެ.