އައްޑޫސިޓީގެ ފޭދޫގައި ހިންގާ އެއިމްސް ކުލިނިކުގެ ޑޮކްޓަރުންނަށް ދެއްކުން މިހާރު މާ ބޮޑަށް ވެސް ފަސޭހަވެއްޖެއެވެ. ކުރީގައި އާންމު ބަލިތަކުގެ ޑޮކްޓަރުންނަށް އާސަންދައިގެ ދަށުން ހިލޭ ދެއްކޭނެ ގޮތް ހަމަޖެހިފައި އޮތް ނަމަވެސް މިހާރު އެ ކުލިނިކްގައި މަސައްކަތް ކުރައްވާ ހުރިހާ ޑޮކްޓަރުންނަށް އާސަންދައިގެ ދަށުން މުޅިން ހިލޭ ދެއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް އެއިމްސް ކުލިނިކު ގެ މެނޭޖަރ ޙަސަން ޝަހުނީމު ވިދާޅުވިއެވެ.
“އޭއޯ ނިއުސް” އަށް މައުލޫމާތު ދެއްވަމުން ޙަސަން ވިދާޅުވީ ވިޒިޓިން ޑޮކްޓަރުން ފިޔަވައި އެ ކުލިނިކުގައި މަސައްކަތް ކުރައްވަވާ ސްޕެޝަލިސްޓުން އިން ފެށިގެން އާންމު ބަލީގެ ޑޮކްޓަރުންނާ ހަމައަށް ވެސް މުޅިން އާސަންދަ ކަވަރ ކުރާނެ ކަމަށާއި ކުލިނިކަށް އަންނަ ބަލިމީހުންގެ އަތުން ޑޮކްޓަރަށް ދެއްކުމަށް އެއްވެސް ފީއެއް ދައްކަން ނުޖެހޭނެ ކަމަށެވެ.
މީގެ ކުރިންވެސް އެއިމްސް ކުލިކުން އާސަންދައިގެ ދަށުން ބޮޑު ބައެއް ކަވަރ ކުރާއިރު ކުލިނިކުގައި މަސައްކަތް ކުރައްވަވާ ސްޕެޝަލިސްޓުންނަށް ދެއްކުމަށް 100ރުފިޔާ ދައްކަން ޖެހެއެވެ. އެއީ ޑޮކްޓަރަށް ދެއްކުމުގެ ފީއަކީ 200 ކަމަށް ވާއިރު ދެބައިކުޅަ އެއްބައި އާސަންދައިގެ ދަށުން ލިބޭތީއެވެ. އެހެންނަމަވެސް މިހާރު ސްޕެޝަލިސްޓުންނަށް ދެއްކުމުގެ ފީ އެ ކުލިނިކުން ވަނީ 100ރުފިޔާއަށް ކުޑަކޮށް އެބައި އާސައިންދައިން ކަވަރު ކުރާ ގޮތަށް ހަދާފައެވެ.
އެއިމްސް ކުލިނިކުން މިހާރު ދެމުންދާ ޚިދުމަތްތަކާ ބެހޭގޮތުން މައުލޫމާތު ދެއްވަމުން ޙަސަން ވިދާޅުވީ އެންމެ ފަހުން އެއިމްސް ކުލިނިކުން ހުޅުވި ފިޒިއޮތެރަޕީ ޑިޕާޓުމަންޓުންވެސް ދަނީ އޯތޯ ރީހެބިލިޓޭޝަނާއި ޕިޒިއޮތެރަޕީގެ ޚިދުމަތް ވަރަށް ފުރިހަމައަށް ދެމުން ކަމަށެވެ.
ސްޕެޝަލިސްޓުންނަށް ދައްކަން އަންނަ މަޝްހޫރު ގިނަ ޑޮކްޓަރުންނާއެކު ސިއްޚީ ޚިދުމަތް ދިނުމަށް އައްޑޫގައި ހުޅުވި މި ކްލިނިކުން ގިނަ ބަޔަކު ފަރުވާ ހޯދަމުން އަންނައިރު މިއީ އައްޑޫގެ ގިނަ ބައެއްގެ މެދުގައި އިތުބާރު ހިފޭ މަގުބޫލު ކުލިނިކަކަށް ވަނީ ވެފައެވެ.
އެއިމްސް ހެލްތު ކެއަރގެ ސީއީއޯ އަލީ އިޙްސާން ވިދާޅުވީ އަންނަ މަހުން ފެށިގެން އެއިމްސް ކުލިނިކުން އައްޑޫގެ އެކި ރަށްރަށުގައި މެޑިކަލް ކޭމްޕް ބާއްވަން ތައްޔާރުވަމުން އަންނަ ކަމަށެވެ. އަދި މި ކޭމްޕްގައި ކުޑަކުދިންނާއި ބޮޑެތި މީހުން މުޅިން ހިލޭ ޑޮކްޓަރަށް ދެއްކޭނެ ގޮތް ހަމަޖެހިފައިވާ ކަމަށް ވެސް އިހުސާން ވިދާޅުވިއެވެ.
“އެއިމްސް ކުލިނިކުން ވަރަށް އަވަހަށް އިތުރު ޚިދުމަތް ތަކެއްވެސް ދޭން ފެށުމަށް ތައްޔާރުވަމުން މިދަނީ” އިޙްސާނު ވިދާޅުވިއެވެ.
ފެންވަރު ރަނގަޅު ބޭސް ފިހާރައަކާއި ލެބޯޓްރީއަކާ ވެސް އެކުގައި ހުޅުވާފައިވާ މިތަނުގެ ލެބޯޓަރީއަކީ މިހާރު ރާއްޖޭގެ ގިނަ ހޮސްޕިޓަލުތަކާ އެއްފެންވަރަށް ޚިދުމަތް ދެވޭ ފުރިހަމަ ތަނެކެވެ.