އަލްޖީރިއާގެ އަސްކަރިއްޔާގެ ބޯޓެއް ވެއްޓި 200 އަށްވުރެ ގިނަ ސިފައިން މަރުވެއްޖެ އެވެ.
އަލްޖީރިއާގެ ބޯފަރިކް އެއާޕޯޓުން ބޯޓު ނައްޓާލިތާ ކުޑައިރުކޮޅެއް ތެރޭގައި ބޯޓު ވެއްޓުމާއި ގުޅިގެން މަރުވި މީހުންގެ ސީދާ އަދަދެއް އަދި ކަށަވަރު ނުވެއެވެ. ނަމަވެސް ރިޕޯޓްތައް ބުނާ ގޮތުގައި ހާދިސާގައި ފްލައިޓުން ދަތުރުކުރި ހުރިހާ ސިފައިން ވަނީ މަރުވެފައި ކަމަށް ބެލެވޭ ކަމަށް ބޭރުގެ ނޫސްތައް ބުނެއެވެ.
ބޯޓު ވެއްޓެން ދިމާވި ވަކި ސަބަބެއް އަދި މިހާތަނަށް ހާމަވެފައިނުވެއެވެ. އަލްޖީރިއާގެ ކުއްލި އަވަސް ފަރުވާދޭ ފަރާތްތަކުން ދަނީ އެސަރަހައްދަށް ގޮސް ހާދިސާގައި ސަލާމަތްވި މީހަކު ހުރިތޯ ބެލުމަށް ބޯޓު ވެއްޓުނު ސަރަހައްދު ބަލާ ފާސްކުރަމުންނެވެ.
އަލްޖީރިއާގެ ނޫސްތަކުން ރިޕޯޓު ކުރާ ގޮތުގައި ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަ ސިފައިންނާއި ފުލުހުންނާއި ކުއްލި އަވަސް ފަރުވާދޭ ފަރާތްތައް ގުޅިގެން ވަނީ މިހާތަނަށް 100 އެއްހާ މީހުންގެ ހަށިގަނޑު އެސަރަހައްދުން ގެންގޮސްފައެވެ. މަރުވީ މީހުންގެ އަދަދު އެނގެން ވަގުތު ކޮޅެއް ނަގާނެ ކަމަށް ބެލެވެއެވެ.
ބޯޓު ވެއްޓުނު ހިސާބުގައި ކަމާބެހޭ ފަރާތްތަކުން ޙަރަކާތްތެރިވަމުން ދެއެވެ.