އިންޑިއާގެ ދެ އަސްކަރީ މަތިންދާ ބޯޓުގެ ފޮޓޯ ނެގި ދެ މީހަކު ހައްޔަރު ކުރި ކަމަށް ދެކެވޭ ވާހަކަތައް ފުލުހުން ދޮގުކޮށްފިއެވެ.
މި ބޯޓުތައް ފޮޓޯ ނެގި ދެމީހުން ހައްޔަރުކޮށްފައިވާކަމަށް ބުނެ ޕީޕީއެމްގެ ނައިބު ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ކުރެއްވި ޓުވިޓަކާއި ގުޅިގެން، މި ކަން ދޮގުކުރައްވައި ފުލުހުން ވިދާޅުވީ ހަނިމާދޫއަށް މިއަދު ޖެއްސި އިންޑިއާގެ އަސްކަރިއްޔާގެ ދެ މަތިންދާބޯޓުގެ ފޮޓޯ ހިއްސާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާނެކަމަށެވެ. އަދި އެއްވެސް މީހަކާއި މިކަމާއި ގުޅިގެން ސުވާލުވެސް ކޮށްފައި ނުވާނެކަމަށް ފުލުހުންވަނީ ވިދާޅުވެފައެވެ.
މިއަދު ހެނދުނު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓަށް ޖެއްސި އިންޑިއާ އަސްކަރިއްޔާގެ ޑޯނިއާ ބޯޓު ރާއްޖެއަށް އައިސްފައިވަނީ އިމިގްރޭޝަނަށްވެސް ނޭގިކަމަށް ސޯޝާލްމީޑީގައި ގިނަ ބަޔަކު އަންނަނީ ބުނަމުންނެވެ. އެކަމާއި ގުޅިގެން ނޫސްވެރިން ސުވާލު ކުރުމުން އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލު މޭޖާރ އިބްރާހިމް އާޒިމް ވިދާޅުވީ ހަނިމާދޫ އެއާޕޯޓްގައި ޖެއްސި ސަވައިލެންސް ޑޯނިއާ މި މަހުގެ 16 އާ ހަމައަށް ރާއްޖޭގައި އޮންނާނެ ކަމަށެވެ. އަދި އެ ބޯޓް ރާއްޖެ އައިސްފައިވަނީ ސިލްސިލާކޮށް ރާއްޖޭގެ އީއީޒެޑް ބެލުމަށް، އެމްއެންޑީއެފް ކޯސްޓް ގާޑްގެ ސިފައިންނާއި ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނަކަށް ކަމަށްވެސް އެމްއެންޑީއެފް އިންވަނީ ވިދާޅުވެފައެވެ.