އުދުހެމުންދިޔަ މަތިން ދާ ބޯޓެއްގެ ކޮކްޕިޓުން ވިހަ ގަދަ ހަރުފައެއް ފެނުންވެގެންދާނީ ހަމަ ޔަގީނުންވެސް ބަޔަކަށް ލިބޭނެ އެންމެ ނުރައްކާތެރި އިންޒާރަކަށެވެ.
ސައުތު އެފްރިކާގެ ޕައިލެޓް ރުޑޮލްފް އެރަސްމަސް މިވަނީ މިފަދަ ނުރައްކަލެއް ތަޖުރިބާ ކޮށްފައެވެ. މީޑިއާތަކާއި ވާހަކަ ދައްކަމުން އޭނާ ބުނީ ” އަހަރެންގެ ގަމީހުގެ ތިރިން އުނަގަނޑާ ހިސާބުން ފިނި އިހުސާސެއް ކުރެވެން ފެށުމުން ހީކުރެވުނީ އެވަގުތު ފެންބޯން ގެންގުޅުނު ފެންފުޅި ރަނގަޅަށް މަތި ނުޖެހި ހުރުމުން ފެންފޭބީކަމަށް. މާބޮޑު ސަމާލުކަމެއް ނުދީހުރެގެން ވާތްފަރާތަށް އެނބުރި ތިރިއަށް ބަލާލިއިރު ކަމަކުދާކަށްނެތް. ގޮނޑިދަށަށް އެހެރަ ދެމިގަތީ ވިހަގަދަ ކޭޕް ކޯބްރާއެއް . ”
އެރަސްމަސް ބުނީ އޭނާ މަސައްކަތް ކުރީ ފުރަތަމަވެސް އަމިއްލަ ނަފްސު ކޮންޓްރޯލް ކުރުމަށް ކަމަށާއި ހަމަހިމޭންކަމުގެ ވަގުތުކޮޅަކަށްފަހު އޭނާވަނީ މަތިންދާބޯޓު އަނބުރާލައި، ވެލްކޮމްގެ އެންމެ ކައިރީގައި އޮންނަ އެއާޕޯޓަށް އިމަޖެންސީގައި ޖެއްސުމަށް މިސްރާބު ޖަހާފައެވެ.
އިރަސްމަސް ވަނީ ބޯޓުން ދަތުރު ކުރަމުން ދިޔަ 4 ޕަސިންޖަރުންނަށް އެ މެސެޖް ސާފުކޮށް ދީފައެވެ. އެޚަބަރާއެކު އެންމެންވެސް ތިބީ ބަސްހުއްޓި ހަމަހިމޭން ވެފައިކަމަށް އިރަސްމަސް އޭއެފްޕީއަށް ކިޔައިދިނެވެ.
އިންސާނެއްގެ ގަޔަށް ކޭޕްކޯބްރާއެއް ވިހަލައިފިނަމަ ކުޑަ އިރު ކޮޅެއްގެ ތެރޭ އެމީހަކު މަރުވާނެއެވެ. ފްލައިޓުން ފެނުނީ އެހާވެސް ވިހަގަދަ ހަރުފައެކެވެ.
ދެކުނު އެފްރިކާގެ ވެސްޓަން ކޭޕުން އުތުރުއިރުމަތީގެ އަވަށެއް ކަމަށްވާ ނެލްސްޕްރޫޓަށް ދަތުރު ކުރި ޕްރައިވެޓް އެ މަތިންދާބޯޓު އެމަޖެންސީގައި ލޭންޑް ކުރުމާއެކު ދެކުނު އެފްރިކާގެ ސިވިލް އޭވިއޭޝަން ކޮމިޝަނަރު ޕޮޕީ ޚޯސާ ވަނީ އިރަސްމަސްއަށް ތައުރީފު ކުރައްވައި އޭނާ އަކީ ބޯޓުގައި ތިބި އެންމެންގެ ފުރާނަ ސަލާމަތް ކޮށްދިން “ހީރޯއެއް” ކަމަށް ސިފަކުރައްވާފައެވެ.ބޯޓު ޖެއްސުމަށްފަހު ހަރުފަ ހޯދަން މަސައްކަތް ކުރި ނަމަވެސް އޭތި ވަނީ ނުފެނިއެވެ. ލަފާ ކުރެވޭގޮތުގައި އޭގެ ޒާތުގައި އަމިއްލައަށް ނިކުތީކަމަށް ބެލެވެއެވެ.