ޗެމްޕިއަންސް ލީގު ކުއާޓާ ފައިނަލްގެ ދެވަނަ ލެގުގައި އިނގިރޭސި ޕްރިމިއަ ލީގުގެ ދެކުލަބްގެ ދެމެދުގައި ކުޅުނު މެޗުން ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން މުބާރާތުގެ ސެމީގެ ޖާގައެއް ކަށަވަރު ކޮށްފިއެވެ.
ކުއާޓާގެ ފުރަތަމަ ލެގުގައި މިދިޔަ އަންގާރަ ދުވަހު ލިވަޕޫލް އިން އަމިއްލަ ދަނޑުގައި ސިޓީ 3-0 ލަނޑުގެ ނަތީޖާއަކުން ބަލިކޮށްފައިވާއިރު ލިވަޕޫލް ރޭގެ މެޗު ކާމިޔާބުކުރީ 2-1 ލަނޑުގެ ނަތީޖާ އަކުން ނެވެ.
މިނަތީޖާ އާއި އެކު ހަ އަހަރުގެ މެދު ކެނޑުމަކަށް ފަހު ޗެމްޕިއަންސް ލީގުގައި ކުޅޭ ލިވަޕޫލް ސެމީއަށް ދަތުރުކޮށްފައިވަނީ 5-1 ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުންނެވެ.
ރޭ ސިޓީގެ ދަނޑުގައި ކުޅުނު މިމެޗުގެ ފުރަތަމަ ލަނޑު މެޗުގެ ދެވަނަ މިނެޓްގައި ގެބްރިއަލް ޖީސުސް ލަނޑާއެކު ސިޓީން މެޗުގެ ލީޑު ނެގި ނަމަވެސް ދެވަނަ ހާފު 55 ވަނަ މިނެޓުގައި މުހައްމަދު ސަލާހު ވަނީ ލަނޑެއް ޖަހާ ލިވަޕޫލަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. މެޗުން ސިޓީ މޮޅު ކޮށްދިނީ ރޮބާޓޯ ފިރްމީނޯ އެވެ.