އައްޑޫ ސިޓީ މީދޫގައި ހަދަމުންދާ މަތިކިޅި ފެންފިލަ ކޯރު ބަގީޗާއަށް މީދޫ ޗޭނު ޖަމިއްޔާއިން ޕެޓްރޯލް ޕަންޕެއް ހަދިޔާކޮށްފިއެވެ
އިއްޔެ ހަވީރު ޗޭނު ޖަމިއްޔާގެ އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި މަތިކިޅީގައި ހަދަމުންދާ ފެންފިލަ ކޯރު ބަގީޗާ އަށް ޕަމްޕް ހަވާލުކޮށްދެއްވީ ޗޭނު ޖަމިއްޔާގެ ހިންގާ ކޮމެޓީގެ މެމްބަރުންނެވެ. މި ޕަންޕާ ހަވާލުވެފައިވަނީ މި ބަގީޗާ ހެދުމުގައި މަސައްކަތުގައި އަމަލީ ގޮތުން ހަރަކާތްތެރިވަމުންދާ މުހައްމަދު ސަލާހް އެވެ.
އޭއޯ ނިއުސްއަށް މައުލޫމާތު ދެމުން ސަލާހު ބުނެފައިވަނީ މި ޕަންޕަކީ ފެންގަނޑު ސާފުކޮށް، ފެންގަޑުގެ އެތެރޭގައިވާ މަޑުތައް ބޭރުކުރުމުގެ ގޮތުން ވަރަށް މުހިއްމު އެއްޗެއް ކަމުގައެވެ
“ސިޔާދު، ޒުހުރީ އަދި ސަލާހުގެ ވަރަށް ބުރަ މަސައްކަތާއެކު ކުރިއަށް ދާ މަސައްކަތެއް މީ. އެހެންކަމުން މި މަސައްކަތަށް އެހީތެރިވުމުގެ ގޮތުން ޗޭނު ޖަމިއްޔާއިން ޕަންޕެއް ހަދިޔާކޮށްފައިމިވަނީ” ޗޭނު ޖަމިއްޔާގެ ނައިބް ރައީސް ރަޝީދާ އިބްރާހިމް ވަނީ ބުނެފައެވެ. މީގެ އިތުރުން ރަޝީދާ ބުނެފައިވަނީ ރަށުގައި ކުރިއަށްދާ މިކަހަލަ އިޖްތިމާއީ ކޮންމެ ކަމަކަށްވެސް އެ ޖަމިއްޔާގެ ފުރިހަމަ އެއްބާރުލުމާއި ތާއިދު ލިބިގެންދާނެކަމުގައެވެ. މިހާރުވެސް ޗޭނު ޖަމިއްޔާއަކީ ރަށުގައި ގިނަ އިޖްތިމާއީ ކަންތައްތަކެއް ހިންގަމުންދާ އަދި އިޖްތިމާއީ ކަންތައްތަކަށް ވަރަށް ބޮޑު އެހީތެރިކަމެއް ދެމުންދާ ޖަމިއްޔާއެކެވެ
މަތިކިޅީގައި ހަދަމުންދާ ވޯޓާ ގާޑަންއަށް ގިނަ އަދަދެއްގެ ބަޔަކު ޒިޔާރަތްކުރަމުންދާއިރު މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރަށުގެ ރައްޔަތުންގެ އެހީތެރިކަން ލިބެމުންދާކަމަށް ސަލާހް ބުންޏެވެ. ” މި މަސައްކަތް ކުރަން ފެށީމަ ރަށުގެ ރައްޔަތުންގެ ފަރާތުން ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ދިޔަ. އެތަނަށް ކޮންމެ ދުވަހަކު ދާ މީހުންގެ އަދަދަށް ބަލާލުމުން އެގިގެންދިޔަ މީ ރަށުގެ ރައްޔަތުން ބޭނުންވެފަ ތިބި ކަމެއް ކަން.އަދި މި މަސައްކަތް ރައްޔަތުން ބަލައިގެންފިކަން” ސަލާހް ބުންޏެވެ.މީގެ އިތުރުން މިތަން ހެދުމުގައި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތަކުންވަނީ މިކަމަށް ލިބެމުންދާ އެހީތެރިކަމަށް ޝުކުރުއަދާކޮށްފައެވެ
މި ތިން ބޭފުޅުންގެ އިސްނެގުމާއެކު ކުރިއަށް ދާ މި މަސައްކަތުން ހާމަވެގެންދަނީ، މީދޫ ކިޅި ސަރަހައްދަކީ ހަމަ އެކަނި އަލިފާން ރޯކޮށް ހަލާކު ކޮށްލަން އޮށްތަނެއް ނޫންކަމާއި، މި ސަރަހައްދަކީވެސް ރައްޔަތުންނާއި ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ހެޔޮ ގޮތުގައި ބޭނުން ހިފިގެންދާނެ ތަނަކަށް ހެދިދާނެކަމެވެ
މި މަސައްކަތަކީ ވަރަށް ގިނަ ވަގުތާއެކު، ވަރަށް ގިނަ ބައެއްގެ ބުރަ މަސައްކަތުން ހަދަމުންދާ ތަނެއްކަމުން މިތަނަށް ޒިޔާރަތްކުރާ ފަރާތްތަކުންވެސް ތަނުގެ ރީތިކަން ނުގެއްލޭ ގޮތަށް އަމަލުތައް ބެހެއްޓުމަކީ ވަރަށް މުހިއްމު ކަމެކެވެ. މި ގޮތުން އެތަނަށް ޒިޔާރަތްކުރާ ފަރާތްތަކުން އެ ސަރަހައްދަށް ކުނި ނޭޅުމަކީ ތަނުގެ ރީތިކަމާއި ސާފުތާހިރުކަން ދެމެހެއްޓުމަށް ވަރަށް މުހިއްމުކަމެކެވެ