އައްޑޫ ސިޓީއާއި ފުވައްމުލަކު ސިޓީގައި ހިމާޔަތްކޮށްފައިވާ ސަރަހައްދުތަކުގައި ޓުއާ ގައިޑުންގެ ގޮތުގައި ހަރަކާތްތެރިވާނެ ފަރާތްތަކެއް ތަމްރީނުކުރުމުގެ ޕްރޮގްރާމުތަކުގައި ބައިވެރިވާން ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލައިފިއެވެ
މި ޕްރޮގްރާމްއަކީ މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ކުރިއަށް ގެންދާ ކްލައިމެޓް ޗޭންޖް އެޑަޕްޓޭޝަން ޕްރޮޖެކްޓް(ސީ.ސީ.އޭޕީ) ގެ ދަށުން އައްޑޫ ހިމާޔަތްކޮށްފައިވާ އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދުގައި ޓުއަރ ގައިޑުން ތަމްރީން ކުރުމަށްޓަކައި ހިންގޭ ޕްރޮގްރާމެކެވެ. މި މަޝްރޫޢުގެ ދަށުން އީދިގަލި ކިޅި އަދި ކޯއްޓޭ ސަރަހައްދު ހިމެނޭ ގޮތަށް އައްޑޫ ނޭޗަރ ޕާކެއް ގާއިމްކުރެވިގެންދާއިރު އެސަރަހައްދުގެ މާހައުލާއި އަދި އާސާރީ ތަންތަނާއި ގުޅޭ މަޢުލޫމާތު ތަނަށް ޒިޔާރަތްކުރާ ފަރާތްތަކަށް އަންގައި ދިނުމަށް ޓުއަރތައް ހިންގުމަށްވަނީ ހަމަޖެހިފައެވެ
3 ދުވަހުގެ މުއްދަތައް ބަހާލައިގެން 24 އެޕްރީލް 2018 ފެށުމަށް ހަމަޖެހިފައިވާ މި ކޯހުގައި 18 އަހަރު ފުރިފައިވާ އައްޑޫ އަދި ފުވައްމުލަކުގެ ދިރިއުޅޭ ކޮންމެ ރަށްވެއްސަކަށް ބައިވެރިވެވޭނެކަމަށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން ވަނީ ބުނެފައެވެ. މި ކޯހުގައި ބައިވެރިވުމަށް އެދި އައްޑޫ ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓް، މިނިސްޓްރީ އޮފް އެންވަޔަރަމަންޓް އެންޑް އެނާރޖީ އިން ފޯމް ލިބެން ހުންނާނެކަމަށާއި ފޯމްލުމުގެ ސުންގަޑިއަކީ 18 އެޕްރިލް 2018 ވަނަ ދުވަހު 14:00ގެ ކުރިންކަމަށް އެ މިނިސްޓްރީންވަނީ ބުނެފައެވެ
ފުވައްމުލަކުގެ ޓުއާ ގައިޑުންގެ ތަމްރީނު އޮންނާނީ 30 އޭޕްރިލްއިން ފެށިގެން މެއި ދެވަނަ ދުވަހުގެ ނިޔަލަށެވެ. އެޕްލިކޭޝަން ހުށަހެޅުމުގެ ސުންގަޑިއަކީ އޭޕްރިލް 23 ގެ މެންދުރު 14:00 ގެ ކުރިން ފުވައްމުލަކުގައި ހުންނަ، އެންވާރަމަންޓް މިނިސްޓްރީގެ ފުވައްމުލަކު ޕްރޮޓެކްޓެޑް އޭރިޔާ މެނޭޖްމަންޓް ޔުނިޓަށެވެ
މިފަދަ ޓްރެއިނިންގ ތަކުގައި ބައިވެރިވެ، ފުރިހަމަކުރާ ފަރާތްތަކަށް ކުރިޔަށްއޮތް ތަނުގައި އައްޑޫ ނޭޗަރ ޕާކަށް މުވައްޒަފުން ނެގުމުގައި އިސްކަންދެވޭނެކަމަށްވެސް މިނިސްޓްރީންވަނީ ބުނެފައެވެ
މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވުމަށް، ޝަރުތުހަމަވާ ފަރާތްތަކުގެ ތެރެއިން ފޯމު ހުށަހަޅާ ފުރަތަމަ 5 ފަރާތަށް އިސްކަންދެވޭނެއެވެ
ސީ.ސީ.އޭ.ޕީ އަކީ ޔޫރަޕިއަން ޔޫނިއަންއިން ފަންޑުކޮށް ވޯލްޑް ބޭންކުން އެޑްމިނިސްޓަރކޮށް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އިން އައްޑޫ އަދި ފުވައްމުލަކުގައި ހިންގާ މަޝްރޫޢުއެކެވެ