އެންވަޔަރަމަންޓް މިނިސްޓްރީން އިސްނަގައިގެން މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓަން ފަށައިފިއެވެ.

މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ދިމަދިމާލުގައި ކުނި އެއްކޮށް ޖަމާކޮށްފައި ހުރުން ހައްލުކުރުމަށް ބެހެއްޓި މި ޑަސްބިންތައް ބަހައްޓާފައިވަނީ ޗާނދަނީ މަގުގައެވެ.

ތިމާވެށީގެ ދުވަހާގުޅިގެން ޚާއްސަ ފަރުމާއަކަށް ބައްޓަންކޮށްފައިވާ ތިން ޑަސްބިން ޗާނދަނީ މަގުގައި ބަހައްޓާފައިވާއިރު އެވަޔަރަމަންޓު މިނިސްޓްރީން ވިދާޅުވީ މިއަދު ފެށި މި މަޝްރޫއަކީ މާލޭގެ މަގުތަކަށް ކުނި އެޅުމާއި، ގޯޅި ކަންމަތިތަކުގައްޔާއި މަގުތަކުގެ އެކި ސަރަހައްދުތަކުގައި ކުނި އެއްކޮށް ޖަމާކޮށްފައިހުރުމާއި، މިކަމުގެ ސަބަބުން އާންމު ރައްޔިތުންނަށް ވަމުންދާ އުނދަގޫތަކާއި ދިމާވަމުންދާ ސިއްހީ މައްސަލަތައް ހައްލުކުރުމަށް ތައާރަފްކުރި މަޝްރޫއެއްކަމަށެވެ.

އެ ޑަސްބިންތައް ބެހެއްޓުމަށް ހަމަޖެހިފައިވަނީ ދުވާރުގެ ބޭރު ކައިރީގައި ކާނުގަނޑަށް ނާރާގޮތަށް ހޮޅިދަނޑެއް ހަރުކުރެވި، އެ ހޮޅިދަނޑީގައި ޑަސްބިން ހަރުކުރެވިފައި ހުންނަ ގޮތަށެވެ. އޭރުން ޑަސްބިން ހަރުކުރެވޭ ހޮޅިދަނޑި ހުންނާނީ ދުވާރު ބޭނުންކުރާ ފަރާތްތަކަށާއި ސައިކަލު ޕާކުކުރާ ފަރާތްތަކަށް ދަތިނުވާނެހެން ބިމުން މައްޗަށް އުފުލާފައި ކަމަށް މިނިސްޓްރީން ބުނެއެވެ. އަލަށް ބަހައްޓާ ޑަސްބިންތަކުން ގަވާއިދުން ކުނި ހުސްކުރުމާއި އުކާލުމުގެ އެންމެހާ ޒިންމާތައް ވެމްކޯގެ ސީއެސްއާރުގެ ދަށުން ކޮށްދިނުމަށް އެ ކުންފުނިން ނިންމާފައިވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ..

އެންވަޔަރުމަންޓު މިނިސްޓްރީން މާލޭގައި ޑަސްބިންތަކެއް ހަރުކުރުމުގެ މަޝްރޫއެއް އަލުން ފެށިއިރު، މީގެ ކުރީން ކުނި އެޅުމަށް ހާއްސަކޮށްގެން މާލޭ ސިޓީ ކައުންސިލުން ވެސް ވަނީ ހާއްސަ ޑަސްބިންތަކެއް ބަހައްޓައިފައެވެ.

އެގޮތުން އަލުން ބޭނުންކުރެވޭނެ ކުންޏަށާއި އެހެނިހެން ޒާތުގެ ކުނި އެޅުމަށް ވަކިން ދެ ޑަސްބިން އޭރު ބެހެއްޓިއެވެ. އަދި އޭގެ ފަހުން ހައުސިން މިނިސްޓްރީގެ ފަރާތުން ވެސް މާލޭގެ މަގުތަކުގައި ޑަސްބިން ބަހައްޓާނެ ކަމަށް ބުންޏެވެ.