އިނގިރޭސި ޕްރިމިއާ ލީގުގައި އާސެނަލްއިން ސައުތްހަމްޓަން ކުޅުނު މެޗު ފަހަތުން އަރާ އާސެނަލައިން ސައުތްހަމްޓަން ބަލި ކޮށްފިއެވެ
ލީގުގައި ރޭ މިދެޓީމު ކުޅުނު މެޗު އާސެނަލުން ކާމިޔާބު ކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
އާސެނަލްގެ އެމިރޭޓްސް ދަނޑުގައި ރޭ ކުޅުނު މިމެޗުގެ ފަހު ވަގުތުގައި ދެޓީމުގެ ކުޅުންތެރިންގެ މެދުގައި ހިނގި ހަމަ ނުޖެހުމުގެ ތެރެއިން ސައުތުހެމްޓަންގެ ޖެކް ސްޓިފަންސް އަދި އާސެނަލްގެ މުހައްމަދު އެލް ނިނީއަށްވެސް ރެފްރީ ވަނީ ސީދާ ރަތް ކާޑު ދައްކައިފައެވެ.
މެޗުގައި ފުރަތަމަ ލަނޑު ޖަހާ ލީޑު ނެގީ ސައުތްހަމްޓަނެވެ. މި ލަނޑު މެޗުގެ 17 ވަނަ މިނެޓުގައި ޖެހީ ޝޭން ލޯންގެވެ. ނަމަވެސް އޭގެ ދިހަ ވަރަކަށް މިނެޓު ފަހަރުން އައުބަމަޔަންގު ޖެހި ލަނޑާއެކު އާސެނަލުން ނަތީޖާއެއްވަރު ކުރިއިރު މެޗުގެ ލީޑު އާސެނަލަށް ފުރަތަމަ ފަހަރަށް ހޯދައިދިނީ ޑެނީ ވެލްބެކެވެ.
ރޭގެ މެޗުގެ ފުރަތަމަ ހާފް 2-1 ގެ ނަތީޖާއަކުން އާސެނަލް ކުރީގައި އޮވެގެން ނިމުނު ނަމަވެސް ދެވަނަ ހާފުގެ 73 ވަނަ މިނެޓުގައި ޗާލީ އޮސްޓިން ވަނީ ލަނޑެއް ޖަހާ ސައުތްހަމްޓަނަށް ނަތީޖާ އެއްވަރު ކޮށްދީފައެވެ. ނަމަވެސް އޭގެ 10 ވަރަކަށް މިނެޓުފަހުން ޑެނީ ވެލްބެކް ވަނީ އަނެއްކާ ވެސް ލަނޑެއް ޖަހާ އާސެނަލަށް ދެވަނަ ފަހަރަށް ލީޑު ހޯދައިދީފައެވެ.
ލީގުގައި ރޭ ކުޅުނު މެޗުން މޮޅުވެ ލިބުނު 54 ޕޮއިންޓާއެކު އާސެނަލް އޮތީ ހަ ވަނައިގައި އޮތް އިރު މެޗުން ބަލިވި ސައުތުހެމްޓަން އޮތީ 28 ޕޮއިންޓާއެކު ރެލިގޭޝަން ޒޯން ގައެވެ.