މޯލްޑިވިއަން އައިޑަލް ގައި ގިނަ ބައެއްގެ ސަޕޯޓު ހޯދަމުން އަންނަ ހުނަރުވެރި ލަވަކިޔުންތެރިޔާ ޝަހުދާނަށް ސަޕޯޓުކޮށް އޭނާގެ ސަޕޯޓަރުން އައްޑޫގެ މަގުތަކުގައި އިއްޔެ ވެހިކަލް ބުރެއް ޖަހައިފިއެވެ.
އައްޑޫސިޓީގެ ހިތަދޫ އަށް އުފަން ޝަހުދާނުގެ ސަޕޯޓަރުން އިއްޔެ ކުރިއަށް ގެންދިޔަ މި ވެހިކަލް ބުރު ކުރިއަށް ގެންގޮސްފައިވަނީ ހިތަދޫ ސްކޫލު ސަރަހައްދުން ފެށިގެން ގަމުގެ ފާލަމާ ހަމައަށެވެ. ގިނަ އަދަދެއްގެ ކާރާއި ސައިކަލު އަދި ޕިކަޕް ވެސް މި ބުރުން ވަނީ ފެނިފައެވެ.
ވެހިކަލް ބުރު ކުރިއަށް ގެންދިޔަ ވަގުތު ޝަހުދާނުގެ ސަޕޯޓަރުން ވަނީ އަޑުގަޑަކުރާއިން ޝަހުދާނަށް ވޯޓުދީ ސަޕޯޓުކުރުމަށް ގޮވާލާ އޭނާގެ ލަވަތައް ޖަހާފައެވެ.
މޯލްޑިވިއަން އައިޑޮލް ގައި ޝަހުދާނާއެކު އައްޑޫގެ 3 ބައިވެރިން ގަދަ 7 އިން ޖާގަ ހޯދާފައިވާއިރު އައްޑޫގެ ގިނަ ބަޔަކު ބުނަމުންދަނީ މިފަހަރުގެ މޯލްޑިވިއަން އައިޑޮލް އަކަށް ވެގެންދާނީ އައްޑޫ ކުއްޖެއް ކަމަށެވެ. އެހާވެސް ބޮޑަށް އައްޑޫގެ ބައިވެރިންގެ ހުނަރާއި ކުޅަދާނަކަން ހުރިކަމަށް ގިނަ ބަޔަކު ބުނެއެވެ.
ޝަހުދާން ގެ އިތުރުން އައްޑޫން ގަދަ 7 އާއި ހަމައަށް ދަތުރުކޮށްފައިވާ ބައިވެރިންނަކީ އަޒަލް އާއި ސައިނާ އެވެ. މި މުބާރާތުގައި އެންމެ ފުރަތަމަ ގޯލްޑް މައިކެއް ވެސް ލިބިފައިވަނީ ސައިނާއަށެވެ.