English Edition
Dhivehi Edition

ފޯރިއާއެކު ކުރިއަށް ގެންދާ މޯލްޑިވިއަން އައިޑަލް ސީޒަންގައި އައްޑޫގެ ހުނަރުވެރި 3 ބައިވެރިން ގަދަ 7 ގައި ވެސް ހިމެނިއްޖެއެވެ.

އައްޑޫގެ ގިނަ ބައެއްގެ ތަރުހީބު މި 3 ބައިވެރިންނަށް ލިބެމުން ދާއިރު އައިޑަލް ސީޒަންގެ ގަދަ 7 އިއުލާން ކޮށްފައިވަނީ ރޭ ބޭއްވި ގާލާރައުންޑުގެ 4 ވަނަ އެލިމިނޭޝަން ނައިޓުގައެވެ.
ވާދަވެރި ހުށަހެޅުން ތަކާއެކު ގަދަ 7 އަށް ހޮވިގެން ދިޔަ ބައިވެރިންގެ ލަވަތައް ވަރަށް ފުރިހަމަ ކަމަށް ބެލުންތެރިން ދަނީ ބުނަމުންނެވެ.

އައިޑަލްގެ ގަދަ 7 އަށް ދަތުރުކުރި ބައިވެރިން ކަނޑައަޅާފައިވަނީ ޖަޖުންގެ 50 އިންސައްތަ މާކްސް އަދި ބެލުންތެރިންގެ 50 އިންސައްތަ ވޯޓު އެއްކޮށްލުމުން ބައިވެރިންނަށް ލިބުނު ޕޮއިންޓްތަކުގެ ތަރުތީބުންނެވެ.

ވާދަވެރި ހުށައެޅުންތަކަކަށްފަހު ގަދަ 7 އަކުން ޖާގަ ކަށަވަރުކުރި ބައިވެރިންނަކީ:
– ނައުޝާދު ޢަބްދުއްލަތީފް
– ޙަސަން ޝަހުދާން
– އައިޝަތު އަޒަލް ޢަލީ ޒާހިރު
– ރައިޙާން ޢާދަމް
– ތަސްލީމް ޢަބްދުލްކަރީމް
– އައިމިނަތު ސައިނާ މުޙައްމަދު ރަޝީދު
– މަރިޔަމް މައިޝާ

ރޭ ބައިވެރިން ކިޔާދީފައި ވަނީ ޖަޖުންގެ ޗޮއިސް އެވެ. ކޮންމެ ބައިވެރިއަކަށްވެސް ޖަޖުން ވަނީ ލަވައެއް ދީފައެވެ. ޖަޖުން ކޮންމެ ބައިވެރިއަކަށްވެސް ދީފައި ވަނީ އެ ބައިވެރިޔަކާއި ގުޅޭނެ ލަވައެކެވެ.

ކޮންމެ ޖަޖެއްވެސް ވަނީ ގަދަ 8 ބައިވެރިންގެ ތެރެއިން 2 ބައިވެރިއަކު ތަމްރީންކޮށްފައެވެ. އެގޮތުން ރައިހާން އަދި ޝަހުދާން ތަމްރީނުކޮށްދީފައިވަނީ އުނޫޝާ އެވެ. ނައުޝާދު އަދި ސައިނާ ތަމްރީންކޮށްފައިވަނީ އައްފާނެވެ. އައްމަޑޭ ތަމްރީންކޮށްފައިވަނީ އަޒަލް އަދި ތަސްލީމެވެ. އަދި މުނާޒާއި މައީޝާ ތަމްރީންކޮށްފައިވަނީ ޒާރާއެވެ

ރޭގެ ޝޯވގެ ތެރެއިން ކަޓައިގެން ދިޔައީ ޢަބްދުﷲ މުނާޒް އެވެ. މުނާޒްއަށް ލަވަ ހޯދައިދިނީ ޖަޖް ޒާރާ އެވެ..

މުނާޒް ކަޓައިން ދިޔައީ ރޭ ފެނިގެން ދިޔަ އޭނާގެ ހުށަހެޅުމަށް ބަލައި ބެލުންތެރިންނާއި އަދި ޖަޖުންގެ މާކްސް އަށް ބިނާކޮށެވެ.