އައްޑޫސިޓީގެ މަރަދޫގައި މިދިޔަ ހުކުރު ދުވަހު ހުޅުވި “އަމީވަން” ފިހާރައަކީ ދެ ޖިންސުގެ ޒުވާނުންނަށް ވަރަށް ކަމުދާނެ ތަނަކަށް ވެގެންދާނެއެވެ. ބިއުޓީ ހުރިހާ ވައްތަރެއްގެ ސާމާނަކާއެކު ހުޅުވި މި ފިހާރައަކީ މަރަދޫގެ ގިނަ ބަޔަކު ދަންނަ، އަމީޒާ ޚަލީލު (އަމީ) ގެ އަމިއްލަ ފިހާރައެކެވެ.
މަރަދޫގެ ބޮޑުމަގުގައި ހުޅުވި މި ފިހާރައަކީ ބިއުޓީ ޕްރޮޑަކްޓްސް ތަކާއި ބޮޑީ ކެއަރ ޕްރޮޑަކްޓްސް ތަކަށް ޚާއްޞަ ކޮށްގެން ހުޅުވި ތަނެކެވެ.
ޚާއްޞަ ރަސްމިއްޔާތަކާއެކު ތަފާތު ގޮތަކަށް ހުޅުވި މި ފިހާރައިން އެންމެ ފުރަތަމަ ދުވަހުވެސް ގިނަ އަދަދެއްގެ ބަޔަކު ވަނީ ވިޔަފާރި ކޮށްފައެވެ. ފެންވަރު ރަނގަޅު ބްރޭންޑް ތަކުގެ ސާމާނު، ޖީބައް ލުއި އަގެއްގައި ގަނެލެވޭނެ ފަދަ އަގުތަކަކާއެކު ހުޅުވި އަމީވަން އިން އެންމެ ފުރަތަމަ ދުވަހުވެސް ވަނީ 500 ރުފިޔާއިން މަތީގެ ވިޔަފާރިކުރި ކޮންމެ ފަރާތަކަށް ހަދިޔާއެއް ދީފައެވެ.
“ބޭނުންވަނީ ވީހާވެސް ތަފާތު ޕްރޮޑަކްސްތައް ހެޔޮ އަގުގައި މި ފިހާރައިން ލިބޭނެ ގޮތް ހެދުން. ވަރަށް އަވަހަށް އިތުރު ޝިޕްމަންޓެއް އަންނާނެ. ޒުވާނުންނަށް ކަމުދާ ސްޓައިލްގެ ތަކެތި ފިހާރައަށް ގެނެވޭތޯ ވަރަށް ބަލަން” އަމީ ބުންޏެވެ.
ފިހާރައިގެ ވެރިފަރާތް އަމީޒާ ބުނީ އާއިލާގެ މެމްބަރުންގެ ބޮޑު ތަރުހީބާއި އެހީތެރިކަމާއެކު ލިބިގެން ފެށި “އަމީ ވަން” އިން އެންމެ ފުރަތަމަ ދުވަހު ވެސް އުއްމީދު ކުރި ވަރަށް ވުރެ ރަނގަޅަށް ވިޔަފާރިވެފައިވާ ކަމަށެވެ.
“އެއީ ވަރަށް އުފާވި ދުވަހެއް. އަމީއަށް ވެސް އަމިއްލަ ރަށުގެ ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތެއް ރަށަށް ކޮށްދެވިފައިވާ ކަމުގެ އިޙްސާސްވެގެން ދިޔަ ދުވަހެއް އެއީ. އަމީގެ ފިހާރަ ހުޅުވި ދުވަހު ކުރިއަށް ގެންދިޔަ ހުރިހާ އިވެންޓަކީ ދަންނަ އެކުވެރިންނާއި ރހެޔޮ އެދޭ ފަރާތްތަކުން އިސްނަގައިގެން ކޮށްދިން ކަންތައްތަކެއް” ރަށުގެ އިޖުތިމާއީ ހުރިހާ ކަމެއްގައި ހެން އެންމެ އިސްކޮށް އުޅޭ އަމީ ކިޔައިދިނެވެ.
އަމީގެ އުއްމީދަކީ އަލަށް ހުޅުވި ފިހާރައާއެކު ވިޔަފާރީގައި ވެސް ހިތްވަރާއެކު ކުރިއަށް ދިއުމެވެ. އަދި ހުޅުވިގެން ދިޔަ އަމީވަން އިން މަރަދޫގެ ދެ ޖިންސުގެ އެންމެން ހިތްހަމަޖައްސައި ދިނުމެވެ..