ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) އާއި ގުޅުވައިގެން އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ‘ޓިނު’ ގެ ވަހަކައަށް އަދުރޭ ފިނި ރައްދެއް ދެއްވައިފިއެވެ
ލ.އަތޮޅުގައި ބޭއްވި ޖަލްސާގައި ބައިވެރިވެ ވަޑައިގެން އުޅުއްވަނިކޮށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ފޭސްބުކް ލައިވްއެއްގައި ކޮށްލެއްވި ސުވާލެއްގެ ޖަވާބު ދެއްވަމުން އަދުރޭ ވިދާޅުވީ ޓިނުގެ ވާހަކަ ދައްކަނީ އިދިކޮޅުން ދައްކާނެ އިތުރު ވާހަކައެއް ނެތިގެން ކަމަށާއި އެކެއް ފެބްރުއަރީގެ އަމުރާއި ގުޅިގެން ސަރުކާރަށް ދިމާވި އުނދަގޫ ވަގުތުތަކުގައި އެންމެ ފާޅުކަން ބޮޑު ގޮތެއްގައި މީހުންގެ ކުރިމައްޗަށް ނިކުމެ ސަރުކާރު ދިފާއުކުރެއްވުމުގެ މަސައްކަތް ކުރެއްވުމުގައި އުޅުއްވިތަން ފެނި އެކަމާ ގަޔާނުވެގެން އެވާހަކަވެސް ދައްކަން ފެށީ ކަމަށެވެ
މީގެ އިތުރުން އަދުރޭ ވިދާޅުވީ މިހާރު އެކި ފަރާތްތަކަށް ޓިނުގެ ދަތިކަން ހައްލުކޮށްދެއްވާ ކަމަށާއި ވަރަށް ފަހުން ޕީޕީއެމްގެ ޖަގަހައެއްގެ މަސައްކަތް ކުރަމުން ދަނިކޮށް އެތަނަށް މަދުވި ޓިނުތަކެއްވެސް ފޯރުކޮށްދެއްވި ކަމަށެވެ. އަދި ބޭނުންޖެހިވަޑައިގެންފި ނަމަ އެމްޑީޕީގެ ޖަގަހަތަކުގެ ފުރާޅުތައް ވެސް އާކޮށްދެއްވަން ތައްޔާރަށް ހުންނެވި ކަމަށް އަދުރޭ ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުން އަދުރޭއަށް ނިސްބަތްކޮށް އަބަދުވެސް ޓިނުގެ ވާހަކަ ދައްކަމުންދާއިރު އެ ވާހަކަތަކަށް މީގެ ކުރިން ރައްދު ދެއްވާފައިނުވާ އިރު، އަދުރޭ ވިދާޅުވީ ޓިނު ހޯދަން ރަނގަޅު ޕްރޮޕޯސަލްތައް ހުށަހެޅުމުގެ ފުރުސަތު އިދިކޮޅު ފަރާތްތަކަށްވެސް އެބައޮށްކަމަށާއި، ޕްރޮޕޯސަލްތައް އިވެލުއޭޓްކުރަން ހާއްސަ ކޮމެޓީއެއްވެސް އޮންނާނެ ކަމަށެވެ