English Edition
Dhivehi Edition

މިއަދުން ފެށިގެން ރައްޔިތުންގެ މަޖިލީހުގެ މެންނަރުން އެމެންބަރަކު ނިސްބަތްވާ ޕާޓީ ދޫކޮށް އެހެން ޕާޓީއަކަށް ސޮއިކޮށްފި ކަމަށްވާނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށް ސްޕްރީމް ކޯޓުން ނިންމައި ހުކުމް އިއްވައިފިއެވެ. ސްޕްރޯމް ކޯޓުން މިގޮތަށް ހުކުމް ކުރެއްވީ އެއް މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ. ފަނޑިޔާރުންގެ ބެންޗުގައި ތިއްބެވީ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދާއި ފަނޑިޔާރު އާދަމް މުހައްމަދާއި ފަނޑިޔާރު އަބްދުﷲ ދީދީ އެވެ. ސްޕްރީމް ކޯޓުގެ މި ނިންމުމަށް މިއަދުން ފެށިގެން އަމަލު ކުރެވޭނެއެވެ. މި ހުކުމަށްފަހު އެމެންބަރަކު މަޖިލީހަށް ހޮވޭ ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވިޔަސް އަދި އެޕާޓީން އަމިއްލައަށް ވަކިވިޔަސް އަދި އެ ޕާޓީއަކުން އެ މެންބަރަކު ވަކިކުރިޔަސް ގޮނޑި ގެއްލޭނެއެވެ. މި ގޮތަށް ގޮނޑި ގެއްލިގެން ބާއްވާ ބައިއިލެކްޝަންގައި އެ މެންބަރުންނަށް ވާދަ ކުރެވޭނެ ކަމަށްވެސް ސްޕްރީމް ކޯޓުގެ ހުކުމުގައިވެއެވެ. ގޮނޑި ގެއްލޭ ގޮތަށް ނިންމެވީ އެ މެންބަރަކު ހޮވުނު ޕާޓީގެ ފިކުރާ ޚިލާފަށް ޕާޓީ ބަދަލު ކުރުމަކީ މަސްލަހަތުވެސް ގެއްލޭނެ ކަމެއްކަމަށް ހުކުމުގައިވެއެވެ. މި ހުކުމުގައި ސްޕްރީމް ކޯޓުންވަނީ “އެންޓި-ޑިފެކްޝަން ގާނޫނެއް” ގެނައުމަށް ކަމާގުޅޭ އެންމެހާ ފަރާތްތަކުގެ މައްޗަށް އަމު ކޮށްފައެވެ. ސްޕްރީމް ކޯޓުން މިގޮތަށް ހުކުމްކުރިއިރު އެ މައްސަލައިގެ ތެރެއަށް ވަނުމަށް މަޖިލީހުގެ ގިނަ މެންބަރުންނާއި ގާނޫނީ ވަކީލުންތަކެއްވަނީ އެދި ހުށަހަޅައިފައެވެ. އެހެންނަމަވެސް މައްސަލަ ނިންމެވީ އެފަރާތްތަކަށް އެފުރުސަތު ނުދެއްވައިއެވެ. ޕާޓީ ބަދަލު ކުރުމުން ގޮނޑި ގެއްލޭގޮތަށް ކަނޑައަޅައި ދެއްވުމަށްއެދި ސްޕްރީމްކޯޓަށް ހުށަހެޅުއްވީ ދައުލަތުގެ ބަންޑާރަ ނާއިބު މުހައްމަދު އަނީލް އެވެ. މި މައްސަލައާ ބެހޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ގާނޫނީ ވަކީލުން ވިދާޅުވެފައިވަނީ މިއީ ކުރެވޭނެ ކަމެއްނޫން ކަމަށެވެ. ގޮނޑި ގެއްލޭނެގޮތަށް ހެދޭނީ ގާނޫ އަސާސީއަށް ބަދަލު ގެނެސްގެން ކަމަށް އެބޭފުޅުންވަނީ ވިދާޅުވެފައެވެ.