މިއަދުގެ ސަރުކާރު އޮތީ ފަނި ކައިފަ، ކޮބަޑި ޖަހާފަ ކަމަށް އިހަވަންދޫ ދާއިރާގެ ކުރީގެ މެމްބަރު މުޙައްމަދު ޢަބްދުﷲ (މުޙައްމާ) ވިދާޅުވެއްޖެއެވެ
ހއ. އިހަވަންދޫގައި ގުޅިފައިވާ ޕާޓީތަކުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިހަވަންދޫ ދާއިރާގެ ކުރީގެ މެންބަރު މުހަންމާ ވިދާޅުވީ ރައީސް ޔާމީންގެ އިތުބާރުނެތްކަމަށް މަޖިލީހަށް ހުށަހަޅައި އެކަން މަޖިލީހުގެ ތެރެއިން ނިންމާނެކަން ޔަގީންވި ހިސާބުން މިސަރުކާރު ނޭވާހޮޅިއަށް އެޅިގެންދިޔަ މަންޒަރު ފެނުނު ކަމަށެވެ
މެމްބަރުންގެ ގޮނޑި ގެއްލުވާލަން މިސަރުކާރުން ޤާނޫނާއި ޤަވާޢިދުތަކުން ބޭރުން ތާކުންތާކުނުޖެހޭ ނިންމުންތައްވެސް ނިންމަމުންދާކަމަށް މުޙައްމާ ވިދާޅުވިއެވެ. އެފާހަގަ ކުރައްވާ 12 މެންބަރުންގެ ގޮނޑި ގެއްލުވާލުމަށް މިސަރުކާރުން އެކިގޮތްގޮތަށް މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އެކަން ސަރުކާރަށް ކާމިޔާބު ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުޙައްމާ ވިދާޅުވީ މަޖިލީހުގެ ގުޅިފައިވާ ޕާޓީތަކުގެ މެމްބަރުންގެ ގޮނޑިތައް ގެއްލުވާލުމަށް ސަރުކާރުން ހަދާނެގޮތް ހުސްވެ، ދައުލަތުގެ 3 ބާރުވެސް ޖަލުގެ ކުޑަގޮޅިއަށްލާފައިވާ ކަމަށެވެ. ރިއްސަރިއްސާ އިން ދަތެއް، ބަތްޕެންކޮޅެއް ބޯލުމުންވެސް ވެއްޓިދާނެ ކަމަށާއި، މި ސަރުކާރުވެސް އޮތީ ހަމަ އެހާލުގައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ގޮނޑި ގެއްލިފައިވާ ކަމަށް ކަނޑައެޅުނު 12 މެމްބަރުންގެ ތެރޭގައި މުޙައްމާވެސް ހިމެނެއެވެ.