English Edition
Dhivehi Edition

ކަފާލާތުގެ ދަށުން ސަލްމާން ޚާން ސަލާމަތް ވެގެން ގެއަށް ދިޔުމުން އޭނާގެ ސަޕޯޓަރުން އުފާ ފާޅު ކުރަމުން އެބަދެއެވެ.

ޖޯދްޕޫރް ސެންޓްރަލް ޖަލުން ކަފާލާތުގެ ދަށުން ސަލާމަތް ވެގެން ސަލްމާން އޭނާގެ ބެންޑްރާ އެޕާޓްމަންޓްއަށް ގޮސް ބެލްކަންޏަށް ނިމުކެ އޭނާގެ ގޭ ދޮށަށް އެއްވެފައި ތިބި ގިނަ އަދަދެއްގެ ސަޕޯޓަރުންނަށް ހަނާ އަޅަމުން ދިޔަ ވަގުތު ހަވާ އަރުވަމުން ދިޔައެވެ. އަދި ބާއިޖާން ބާއިޖާން ގެ އަޑުން މުޅި ހިސާބު ގުގުމަމުން ދިޔައެވެ. ގާތުގައި މަންމަ ސަލްމާ އާއި ބައްޕަ ސަލީމް ހުއްޓި ތިއްބެވެ.

ޔޫޕީ، ހައިދްރައާބާދް، ގުޖްރާތް އަދި ކަލްކަތާއިން އެތަނަށް އައިސް އޭނާގެ އިންތިޒާރުގައި ތިބި މީހުންނަށް ސަލްމާން ފެނުމުން ބެރިކޭޑްތައް ވައްޓާލާފަ އެތެރެއަށް ވަދެގަންނަން މަސައްކަތް ކުރަމުން ދިޔައެވެ. ފުލުހުންގެ އެހީތެރި ކަމާއިއެކު ވަކި ހިސާބެއްގައި ސަޕޯޓަރުން ވަނީ ބައިތިއްބާފައެވެ.

ގިނަ އަދަދެއްގެ ކުދިން އެކުދިންގެ މައިންބަފައިންނާއިއެކު އެތަނުގައި ތިބެ ސަލްމާންގެ އެކި ފިލްމްތަކުގެ ނަން ކިޔަމުން އޭނާގެ ފިލްމްތަކުގެ ލަވަތައް ކިޔަމުން ދިޔައެވެ.

މުމްބާއީގެ އެއަރޕޯޓްގެ 8 ނަމްބަރު ދޮރޯށިން ސަލްމާން އޭނާގެ ބޭބެ އަރްބާޒް އާއި ކޮއްކޮމެން ކަމަށްވާ އަލްވީރާ އަދި އަރްޕިތާ އާއިއެކު ގެޔަށް ދިޔުމަށް ނިކުތް ހިސާބުން އޭނާގެ ސަޕޯޓަރުން އަދި މީޑިއާ ވަނީ އެމީހުންގެ ކާރުގެ ފަހަތުން ގެއާއި ހަމަޔަށް ދަތުރު ކޮށްފައެވެ.

ސަލްމާން ޚާން އިންޑިއާގައި ހިމާޔަތް ކޮށްފައިވާ ކަޅު ފުއްލާއެއް މަރާލި ކަމުގެ ތުޙުމަތުގައި ޝަރީއަތް ކޮށް އޭނާގެ މައްޗަށް ކުށް ސާބިތުވެގެން 5 އަހަރަށް ޖަލަށް ލުމަށް ވަނީ ޙުކުމް ކޮށްފައެވެ. 2 ދުވަސް ޖަލުގައި ހޭދަ ކުރުމަށްފަހު ކަފާލާތުގެ ދަށުން އޭނާ މިއަދު ވަނީ ދޫކޮށްލާފައެވެ.