އައްޑޫ ސިޓީ މީދޫ ނަލަފެހި ޖަމިއްޔާއިން ހުޅުދޫ-މީދޫ “މެދެ ބަނދަރޮ” ސާފުކުރުމުގެ ޕްރޮގްރާމެއް ބާއްވައިފިއެވެ
ނަލަފެހި ޖަމިއްޔާއިން ކުރިއަށް ގެންދާ ރަށުގެ އެކި ސަރަޙައްދުތައް ސާފުކުރުމުގެ ޕްރޮގްރާމުގެ ތެރެއިން މިއަދު ހެނދުނު 6:30 ގައި މީދޫ މެނދު ބަނދަރު ސާފު ކޮށްފައިވަނީ ސީނު އަތޮޅު މަދަރުސާގެ އިސް ދަރިވަރުންނާއި، ސަދަން ޓްރާންސްޕޯރޓް ލިންކުގެ ހުޅުދޫ-މީދޫ މުވައްޒިފުން އަދި ހުޅުމީދޫ ޕޮލިސް ސްޓޭޝަނާ ގުޅިގެންނެވެ. މީގެ އިތުރުން މި ޙަރަކާތުގައި ރަށުގެ ޢާންމު ރައްޔިތުންނާއި ނަލަފެހި ޖަމިއްޔާގެ ވޮލިންޓިއަރުންވެސް ވަނީ ބައިވެރިވެފައެވ
މެނދު ބަނދަރު ސާފުކޮށް ނިންމާލުމަށްފަހު މިއަދުގެ ހަރަކާތާއި ބެހޭ ގޮތުން ވާހަކަދައްކަވަމުން މި ހަރަކާތުގެ މެޙުމާން، ޝަމްސުއްދީން ސްކޫލުގެ ކުރީގެ ޕްރިންސިޕަލް އިބްރާހިމް ވަޙީދުވަނީ ތިމާވެށްޓަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާމެދު ވާހަކަދައްކަވާފައެވެ.މީގެ އިތުރުން ޖަމިއްޔާގެ އިސް ބޭފުޅެއް ކަމަށްވާ މުޙައްމަދު ކާމިލް (ގާރީ) ވަނީ އެ ޖަމިއްޔާއަށް އެހީތެރިވި އެންމެހައި ބޭފުޅުންނަށް ޝުކުރު އަދާކޮށްފައެވެ
ނަލަފެހި ޖަމިއްޔާއިން މީދޫގެ ވަށައިގެންވާ ހޭޅިފަށާއި ގިނަ ސަރަހައްދުތަކެއް ސާފުކުރުމުގެ މަސައްކަތް ކޮންމެ ހަފްތާއަކު ކުރިއަށް ގެންދާއިރު ރަށުގެ ބައެއް ސަރަޙައްދުތަކުގައި ވަނީ ފިނި މައިޒާންތައްވެސް ހަދާފައެވެ. މި ޖަމިއްޔާއިން ވަނީ ވަރަށް ފަހުން ފަރު އިންދުމުގެ ޕްރޮގްރާމެއްވެސް ކުރިއަށް ގެންގޮސްފައެވެ