English Edition
Dhivehi Edition

އައްޑޫ ސިޓީ މީދޫގައި ނަލަފެހި ޖަމިއްޔާއިން “ވޭރާނޑިމައިޒާން” ނަމުގައި މައިޒާނެއް ހުޅުވައިފިއެވެ.

މި މައިޒާން ހުޅުވައި ދެއްވީ ހަފްލާގެ ޝަރަފުވެރި މެހެމާން، އައްޑޫ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޔަސްރިފްއެވެ. މި ހަފްލާގައި ވާހަކަދައްކަމުން ޔަސްރިފް ވިދާޅުވީ، ރަށްރަށުގައި އުފެދޭ ކުނި މެނޭޖްކުރުމުގެ މަޝްރޫއު ވަރަށް އަވަހަށް ފެށިގެންދާނެކަމަށާއި، އޭރުން އައްޑޫ ސިޓީ ހުޅުދޫ މީދޫގައި އުފެދޭ ކުނިވެސް ރައްކާތެރިކަމާއެކު ނައްތާލުމުގެ އިންތިޒާމުތައް ހަމަޖެހިގެންދާނެކަމަށެވެ.

ނަލަފެހި ޖަމިއްޔާއިން ހެދި މައިޒާން ފުރިހަމަކަމާއެކު ނިންމާލުމަށް ވާރާޑި ކަނބަލުންގެ ފަރާތުން ލިބުނު އެއްބާރުލުން ފާހަގަކޮށް ނަލަފެހި ޖަމްމިއްޔާއިން ޝުކުރު އަދާކޮށްފައިވާއިރު އެ ޖަމްމިއްޔާއިންވަނީ މިފަދަ މައިޒާންތައް ސާފުކޮށް ބެލެހެއްޓުމަށް އެންމެހާ ފަރާތްތަތަކަށް އިލްތިމާޒުކޮށްފައެވެ.

ނަލަފެހި ޖަމިއްޔާއަކި މީދޫ ސާފުކޮށް ބޭއްވުމަށް އިސްނަގައިގެން ރަށުގެ ސާފުތާހިރުކަން ދެމެހެއްޓުމަށް މަސައްކަތް ކުރަމުން އަންނަ ޖަމިއްޔާއެކެވެ. މިހާތަނަށް މި ޖަމިއްޔާއިން އިސްނަގައިގެން ރަށުގެ އެކި ސަރަހައްދު ތަކުގައި ވަނީ ފިނިމައިޒާން ތައް ހަދައިފައެވެ. ވޭރާނޑި މައިޒާނަކީ ނަލަފެހިން އިސްނަގައިގެން ހެދި ހަވަނަ މައިޒާނެވެ. މި މައިޒާން ތަކަކީ ރަށުގެ ޖަމްމިއްޔާ ޖަމާއަތްތަކާއި އަމިއްލަ ފަރުދުން އިސްނަގައިގެން އެކިސަރަހައްދު ތަކުގައި ބޮޑެތި ހަރަދުތައްކޮށްގެން ހަދާފައިވާ ފިނި މައިޒާންތަކެކެވެ.

މި ޖަމިއްޔާއިން މީދޫ ގައި ހިތްފަސޭހަ މައިޒާންތައް ހެދުމުގެ އިތުރުން މީދޫ ފެހި ތަނަކަށް ހެދުމަށް ނެތެމުންދާ ރުއްތަކާއި ގަސްތައް އިންދާ އާލާކުރުން ފަދަ މަސައްކަތް ކުރެއެވެ. މީގެ އިތުރުން ރަށުގެ ފަޅުތެރޭ ގައި މަރުވެފައިވާ މުރަކަތައް އާލާކުރުމަށް މި ޖަމިއްޔާއިން ކުރިއަށް ގެންދާ ޕްރޮގްރާމުގެ ދަށުން ވަނީ މުރަކަ އާލާކުރުމުގެ ޕްރޮގްރާމް ރަސްމީކޮށް ފަށައި ކުރިއަށް ގެންގޮސްފައެވެ.

ނަލަފެހި ޖަމްއިއްޔާ އަކީ މިހާތަނަށް ރަށުގައި އުފެދުނު އެންމެ ވަރުގަދަ އެއް ޖަމިއްޔާއެވެ. މިޖަމިއްޔާ ގައި ރަށް ސާފުކުރުމާއި، ގަސް އިންދުމުގެ އިތުރުން ރަށުގެ ތަރައްގީއަށް ގިނަގުނަ ކަންތައް ތައް ކުރަމުންދެއެވެ. ނަލަފެހިން ފާހަގަ ކުރާ ގޮތުގައި އެ ޖަމްމިއްޔާއިން ކުރަމުންދާ މިފަދަ މަސައްކަތަކަށް ރަށުގެ ގިނަ މީހުންގެ ފަރާތުން ބޮޑު އެއްބާރުލުމަކާއި އެހީތެރިކަމެއް ލިބިގެން ދެއެވެ،