English Edition
Dhivehi Edition

ހިމާޔަތްކޮށްފައިވާ ޖަނަވާރެއް މެރުމުގެ ކުށުގައި ބުރާސްފަތި ދުވަހު ފަސް އަހަރަށް ޖަލަށް ލި ބޮލީވުޑްގެ ބަތަލު ސަލްމާން ޚާން ކަފާލާތުގެ ދަށުން މިއަދު މިނިވަންކޮށްފި އެވެ.

މީގެ ދެދުވަސް ކުރިން ހައްޔަރުކޮށްފައވާ ސަލްމާން މިނިިވަން ކޮށްފައިވަނީ، އޭނާގެ ބަންދާއި މެދު ގޮތެއް ނިންމުމަށް މިއަދު ޖޯދްޕޫރު ކޯޓުގައި ބޭއްވި އަޑުއެހުމުގައެވެ. ކަފާލާތުގެ ދަށުން މިނިވަން ވުމަށްޓަކައި ސަލްމާންގެ ފަރާތުން 50،000 އިންޑިއާ ރުޕީސްގެ ޖަދްޕޫރު ކޯޓަށް ދައްކަން ޖެހޭނެއެވެ.

ޖޯދްޕޫރުގެ ޑިސްޓްރިކްޓް ކޯޓާއި ސެޝަން ކޯޓުން މިއަދު ހެނދުނު ކަފާލާތުގެ އަޑުއެހުންތައް ނިންމާލުމަށް ފަހު، ސަލްމާނާ އެއްކޮޅަށް އަމުރު ނެރުމާއެކު ސަލްމާންގެ ސަޕޯޓަރުން އަންނަނީ އުފާ ފާޅުކުރަމުންނެވެ.

ސަލްމާނުގެ ވަކީލުން ވިދާޅުވި ގޮތުގައި ކަފާލާތު ހަމަޖެހުނު ނަމަވެސް ކޯޓުތަކުން ފުރިހަމަކުރަންޖެހޭ ކަންކަން ގިނަކަމުން ސަލްމާން މިއަދު ޖަލުން ނުނެރެވުމަކީ އެކަށީގެންވާ ކަމެކެވެ. ނަމަވެސް މިއަދު ސަލްމާން ޖަލުން ނެރެވޭތޯ ވަރަށް ބޮޑަށް މަސައްކަތްކުރަމުން އަންނަ ކަމަށް ވަކީލުން ވިދާޅުވި އެވެ.

ރާޖަސްތާން ހައި ކޯޓުގައި މިއަދު ބޭއްވި ކަފާލާތުގެ އަޑުއެހުމަށްފަހު، އެ މައްސަލަ ބަލާ ފަނޑިޔާރު ސަލްމާން މިނިވަން ކުރުމަށް ނިންމާފައި މިވަނީ، މައްސަލަ ބެލުމުގައި ބަލަންޖެހޭ އިތުރު ކަންތައްތަކެއް ހުރިކަން މީގެ ކުރިން ހާމަކޮށްފައި ވަނިކޮށެވެ.

ސަލްމާން ޖަލަށް ލީ 1999 ގައި ރިލީޒް ކުރި ޑައިރެކްޓަރު ސޫރަޖް ބަރްޖަތިއާގެ ފިލްމް “ހަމް ސާތު ސާތު ހޭ” ގެ ޝޫޓިންގެ ތެރޭ 1998 ގެ ތެރޭގައި އުޅެމުން، ހިމާޔަތްކޮށްފައިވާ ފުއްލާއެއް ޝިކާރަ ކުރި މައްސަލައިގަ އެވެ..