ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ދަރިކަނބަލުން ސަނާ ޤާސިމް ފުރަތަމަ ފަހަރަށް އިދިކޮޅު ފަރާތްތަކުން ކުރިޔަށް ގެންދާ އިޙްތިޖާޖްގައި ބައިވެރިވެ ވަޑައިގެންފިއެވެ.
ސަނާ ޤާސިމް ވަނީ އިދިކޮޅު ފަރާތްތަކުން މިއަދު ހަވީރު އެމްޑީޕީ ހަރުގެ ސަރަޙައްދުގައި ކުރިޔަށް ގެންދާ އިޙްތިޖާޖްގައި ޢަމަލީ ގޮތުން ބައިވެރިވެ ވަޑައިގެން ވާހަކަ ދައްކަވާފައެވެ. މިފަދަ ޙަރަކާތެއްގައި މިއީ ޤާސިމްގެ ބޭފުޅަކު ބައިވެރިވެވަޑައިގަންނެވި ފުރަތަމަ ފަހަރެވެ.
މިއަދު އެމްޑީޕީގެ ހަރުގޭގައި ސަނާ ޤާސިމް ދެއްކެވި ވާހަކަފުޅު ގައި އެކަމަނާގެ ކޮއްކޮ އިބްރާހިމް ސިޔާދު ޤާސިމް އަދި ބައްޕަ ޤާސިމް އިބްރާހިމް އަށް ސަރުކާރުން އަނިޔާ ދެމުން ގެންދަވާ ކަމަށާއި އެ ގޮތަށް ކަންތައް ކުރައްވަމުން ގެންދަވަނީ ސަރުކާރަށް ތާއީދު ނުކުރައްވާތީ ކަމަށް ވިދާޅުވިއެވެ. ދެބޭފުޅުންނަށް ކުރެވުނު ކުށަކީ އެއީ ކަމަށް ސަނާ ވިދާޅުވިއެވެ.
ސަރުކާރުން ކޮއްކޮއަށާއި ބައްޕައަށް ދެމުންދާ އަނިޔާގެ ސަބަބުން އާއިލާއަށް ފުން ހިތާމައެއް ލިބެމުންދާ ކަމަށާއި އަނިޔާ އާއި ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް ސަނާ ދެއްކެވި ވާހަކަފުޅުގައި ވިދާޅުވިއެވެ.
އަނިޔާވެރިކަމާއި ދެކޮޅަށް ބަސް ބުނަން ޖެހޭ ކަމަށާއި ބޭ އިންސާފަށް ނޫނެކޭ ބުނަންޖެހޭ ކަމަށްވެސް ސަނާ ވިދާޅުވިއެވެ. ސަނާ މިފަދައިން ވިދާޅުވާ އިރު ރާއްޖޭން ބޭރުގައި ހުންނަވައިގެން ސަނާގެ ބައްޕަ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމް ވެސް ސަރުކާރުން އެބޭފުޅާއަށާއި ދަރިކަލުންނަށް އަނިޔާ ދެއްވަމުން ގެންދަވާކަމަށް ގިނަ ފަހަރު މަތިން ވަނީ މީޑިޔާ މެދުވެރިކޮށް ވާހަކަ ދައްކަވާފައެވެ.