English Edition
Dhivehi Edition

ޖޯދްޕޫރްގެ ކޯޓުން އިއްޔެ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ބޮލީވުޑްގެ ސުޕަރސްޓާ ސަލްމާން ޚާން ޖަލުގައި ރޭ ނިދާފައި ވަނީ އާދައިގެ ކުނަލެއްގެ މަތީގައި ކަމަށް އޭނާގެ ވަކީލު ބުނެފިއެވެ.

ސަލްމާން ރޭ ޖަލުގައި ހޭދަ ކުރި ގޮތް މީޑިޔާއާއި ހިއްސާކުރަމުން އޭނާގެ ވަކީލުވަނީ ވަރަށް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އޭނާއަށް ދީފައިވަނީ އުފުލާފައިވާ ތުޙުމަތާއި އެކަށީގެން ނުވާ އަދަބެއް ކަމަށް ވަކީލު ފާހަގަކުރިއެވެ . ބިންމަތީގައި އަޅާފައިވާ ކުނަލެއްގެ މަތީގައި ސަލްމާން ނިދި ވާހަކަ މީޑިޔާއާއި ހިއްސާ ކުރުމުން އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ދަނީ އެކަމާއި ދެރަވެ ހިތާމަ ކުރަމުންނެވެ. އެކަމާއި ހިތްހަމަނުޖެހުން ފާޅުކޮށް އޭނާ ދޫކޮށްލުމަށް ގިނަ ބަޔަކު ދަނީ މީސް މީޑިޔާގައި އަޑު އުފުލަމުންނެވެ.

ސަލްމާން ޖަލުގައި ހޭދަ ކުރާ ގޮތާއިބެހޭ ގޮތުން ޖޯދްޕޫރްގެ ޖަލުގެ ޑެޕިއުޓީ އިންސްޕެކްޓަރ ޖެނެރަލް ވިކްރަމް ސިންގ ބުނެފައިވަނީ އެހެން ގައިދީންނާއި ސަލްމާން ތަފާތު ކޮށް ވަކި ޚާއްސަ ޢިނާޔާތްތަކެއް ދެވެން ނެތް ކަމަށެވެ. އެހެން ގައިދީންނާއި އެއްގޮތަށް ސަލްމާން އަށް ޖަލުގެ ޔުނިފޯމްވެސް މިއަދު ދޭނެކަމަށް އޭނާވަނީ ބުނެފައެވެ. ވިކްރަމް ބުނެފައިވަނީ ޖަލުގައި އެއްވެސް މީހަކަށް ތަފާތު ކުރުމެއް ނުގެންގުޅޭ ކަމަށެވެ. އެހެން ކަމުން ސަލްމާން އާއިމެދުވެސް އަމަލު ކުރެވޭނީ އެހެން ގައިދީންނާއިމެދު އަމަލު ކުރެވޭ އުސޫލުން ކަމަށެވެ.

ސަލްމާން ޖަލަށް ގެންދިޔުމުން އޭނާގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ޖަލުގެ ކައިރިއަށް ގޮސް އޭނާ ދޫކޮށްލުމަށް ގޮވާލާ ހިތްހަމަނުޖެހުން ފާޅުކުރަމުން ގެންދެއެވެ. އެހެން ކަމުން ސަލްމާން އޮންނަ ގޮޅީގެ ސެކިއުރިޓީ ވަނީ އިތުރަށް ވަރުގަދަ ކޮށްފައެވެ.

ފިލްމެއްގެ ޝޫޓިންގ އަށް 1998 ވަނަ އަހަރު ރާޖަސްތާނަށް ގޮސް އުޅުމުގެ ތެރޭގައި ހިނގާފައި މިހާދިސާގެ ޝަރީއަތް ނިންމާ އިއްޔެ ސަލްމާނަށް ވަނީ 5 އަހަރަށް ޖަލަށް ލުމަށް ޙުކުމް ކޮށްފައެވެ. މީގެ އިތުރުން 10،000 ރުޕީސް އިން ވަނީ ޖޫރިމަނާ ވެސް ކޮށްފައެވެ

މި މައްސަލާގައި އިތުރު ތަރިންތަކަކަށް ދައުވާ އުފުލާ ޝަރީއަތް ކުރެވުނު ނަމަވެސް އިއްޔެ ކޯޓުން ވަނީ އެމީހުންގެ މައްޗަށް މައްސަލަ ސާބިތުނުވާ ކަމަށް ބުނެ އެމީހުން ދޫކޮށްލާފައެވެ.

ސަލްމާންގެ މައްޗަށް ކޮށްފައިވަނީ ހިމާޔަތް ކޮށްފައިވާ ކަޅު ފުއްލާއެއް މެރި ކަމުގެ ތުހުމަތެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ އިންޑިއާގެ ޖަނަވާރުން ހިމާޔަތް ކުރުމާއިބެހޭ ޤާނޫނުގެ ދަށުންނެވެ.