ހިމާޔަތް ކޮށްފައިވާ ކަޅު ފުއްލާ މެރިކަމުގެ ތުހުމަތުގައި އިއްޔެ 5 އަހަރަށް ޖަލަށް ލާން ހުކުމް ކުރި ބޮލީވުޑްގެ ތަރި ސަލްމާން ޚާން ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އޭނާގެ ވަކީލު ކުރި މަސައްކަތް މިއަދު ވަނީ ނާކާމިޔާބު ވެފައެވެ.
އޭނާ މިނިވަންކޮށް ދިނުމަށް ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްދިނުމަށް އެދި އިއްޔެ ހައި ކޯޓަށް ހުށަހެޅުމުން މިއަދު ހެނދުނުގެ ވަގުތަކަށް އަޑުއެހުން ތާވަލް ކުރެވުނެވެ. އެހެން ކަމުން ރޭ ސަލްމާން ޚާން ހޭދަ ކުރަން ޖެހުނީ ޖޯދްޕޫރުގެ ސެންޓްރަލް ޖަލުގައެވެ. މިއަދުގެ އަޑު އެހުމަށްފަހު އޭނާ ސަލާމަތް ވާނެ ކަމަށް ގިނަ ބަޔަކު ޤަބޫލު ކުރި ނަމަވެސް އެހެން އެކަމެއް ނުވިއެވެ. މިއަދު އަޑުއެހުމަށް ފަހު އިތުރު އަޑުއެހުމެއް މާދަމާއަށް ވަނީ ތާވަލު ކޮށްފައެވެ. އެހެން ކަމުން އަނެއްކާވެސް އިތުރު ދުވަހެއް ބޮލީވުޑްގެ ބާއިޖާން އަށް ވަނީ ޖަލުގައި ހޭދަކުރަން ޖެހިފައެވެ.
މިމައްސަލާގައި އިތުރު ތަރިން ތަކަކަށް ތުޙުމަތު ކުރެވި ޝަރީޢަތް ހިންގުނު ނަމަވެސް އެމީހުންގެ ކުށެއް ނެތްކަމަށް ބުނެ ކޯޓުން ވަނީ އިއްޔެ އެމީހުން ދޫކޮށްލާފައެވެ. 1998 ވަނަ އަހަރު ފިލްމް “ހަމް ސާތް ސާތް ހޭ” ގެ ޝޫޓިން ނެގުމަށް ކުރެވުނު ދަތުރެއްގައި ހިނގާފައިވާ ކަމަށް ބުނެވޭ މި މައްސަލާއިގެ ޙުކުމް މި އިއްވުނީ އިއްޔެއެވެ. ސަލްމާން ޚާންގެ ގިނަ އަދަދެއްގެ ސަޕޯޓަރުންދަނީ އޭނާއާއެކު ވާ ކަމަށް ސޯޝަލް މީޑިއާގައި ބުނަމުންނެވެ. އޭނާ ދޫކޮށްލަން ޖެހޭކަމަށް ބުނަމުންނެވެ.
މިމައްސަލައިގައި ދެން ވާނީ ކިހިނެތްތޯ އެއީ އެންމެންވެސް ކުރާ ސުވާލެކެވެ. ރިޕޯޓްތައް ބުނާގޮތުން މާދަމާގެ އަޑުއެހުމުގައި ސަލްމާން ކަފާލާތުގެ ދަށުން ދޫކުރާނެތޯ ނުވަތަ ނޫންތޯ އެކަމަށް ފަނޑިޔާރު ގޮތެއް ނިންމަވާނެއެވެ. އެހެން ކަމުން މާދަމާއަކީ އަނެއްކާވެސް އިންތިޒާރުގައި ތިބި ފަރާތްތަކަށް މުހިއްމު ދުވަހަކަށް ވާނެއެވެ.
ސަލްމާންއަށް ޙުކުމް އިއްވާފައިވަނީ އިންޑިއާގެ ޖަނަވާރުން ޙިމާޔަތް ކުރުމުގެ ޤާނޫނުގެ ދަށުންނެވެ.