English Edition
Dhivehi Edition

ލޯކަލް ގަވަރމަންޓް އޮތޯރިޓީއިން ޅ. އަތޮޅު ކައުންސިލްގެ ދެ މެމްބަރަކު ސަސްޕެންޑް ކޮށްފިއެވެ.

ސަސްޕެންޑް ކުރެވުނު 2 މެމްބަރުންނަކީ އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވެ ވަޑައިގަންނަވާ ދެ ކައުންސިލަރުންނެވެ. އެއީ ޅ.އަތޮޅު ކައުންސިލްގެ ރައީސް އިބްރާހީމް ސިމާއު އަދި މެމްބަރު މުޙައްމަދު ޙުސައިންއެވެ.

މުޙައްމަދު ޙުސައިން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުވެސް 3 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައިވާއިރު އެ ފަހަރު އޭނާ ސަސްޕެންޑް ކުރި ސަބަބެއް ސާފުވެފައެއް ނުވެއެވެ. އެހެންކަމުން މުޙައްމަދު ޙުސައިން ސަސްޕެންޑް ކުރެވުނު މިއީ ދެވަނަ ފަހަރެވެ.

ޅ އަތޮޅު ކައުންސިންގެ ދެ މެމްބަރަކު މިފަހަރު 6 މަސް ދުވަހަށް ސަސްޕެންޑް ކޮށްފައި މިވަނީ މި އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒް ކުރުމަށް ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރުނު މައްސަލާގައި ކަމަށް އެލްޖީއޭއިން ބުނެއެވެ.

މިދިޔަ މަހު އެލްޖީއޭއިން 9 ކައުންސިލެއްގެ 21 މެމްބަރަކު ސަސްޕެންޑް ކޮށްފައިވާ އިރު އެމަހުގައި އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރާއި ޑެޕިއުޓީ މޭޔަރު އަދި އިތުރު މެމްބަރަކު ވަނީ ހަމަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހު ސްޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ސަރުކާރަށް ގޮވާލައި ބަޔާނެއް ނެރުނު ކަމަށް ބުނެ 1 މަސް ދުވަހަށް މުސާރައާއި އިނާޔަތްތައް ނުލިބޭ ގޮތަށް ސަސްޕެންޑް ކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލް މެމްބަރުން ސަސްޕެންޑް ކުރި މައްސަލަ ދުސްތޫރީ މައްސަލައެއް ގޮތުގައި މިހާރު ވަނީ ހައި ކޯޓަށް ހުށަހަޅާފައެވެ.