ބޮލީވުޑްގެ މަޝްހޫރު ތަރި ސަލްމާން ޚާން އަށް މިއަދު 5 އަހަރުގެ ޖަލު ޙުކުމެއް އިއްވުމާއި ގުޅިގެން އޭނާގެ ވަކީލު އާނަންދު ޑެސާއީ ބަޔާނެއް ނެރެފިއެވެ.
ސަލްމާން ޚާންގެ މަޝްހޫރު ވެގެން ދިޔަ ފިލްމެއް ކަމަށްވާ “ހަމް ސާތް ސާތް ހޭ” ގެ ޝޫޓިން ނެގުމަށް ޖޯދުޕޫރު އަވަށުގައި އޮންނަ ކަންކަނީ އަށް 1998 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގައި ގޮސް އުޅުމުގެ ތެރޭގައި ހިމާޔަތް ކޮށްފައިވާ ކަޅު ފުއްލާތަކެއް މެރި ކަމުގެ ތުހުމަތުގައި ކުރެވުނު ތަޙުޤީޤްތަކަށް ފަހު މިއަދު އޭނާއަށް ވަނީ 5 އަހަރުގެ ޖަލު ޙުކުމެއް ކޮށްފައެވެ.
މި މައްސަލައިގައި އިތުރު ތަރިންތަކެއްގެ މައްޗަށް ތުޙުމަތު ކުރެވުނު ނަމަވެސް އެމީހުން ކޯޓުން ވަނީ ދޫކޮށްލާފައެވެ. މި އިއްވުނު ޙުކުމާއި ގުޅިގެން ސަލްމާންގެ ވަކީލު ނެރުނު ބަޔާނުގައި ކޯޓުގެ ނިންމުމަށް އެމީހުން އިޙްތިރާމް ކުރާ ކަމުގައި ލިޔެފައިވެއެވެ. މި ޙުކުމަކީ ސިހުން ގެނުވި ޙުކުމެއް ކަމަށާއި މިހާރު ހައި ކޯޓަށް އެޙުކުމް ބާޠިލް ކުރެވޭތޯ ނުވަތަ ކަފާލާތުގެ ދަށުން ދޫކޮށްދޭތޯ ހުށަހަޅާފައިވާ ކަމަށް އޭނާ ބުނެފައިވެއެވެ. މި ހުށަހެޅުމުގެ އަޑު އެހުން އޮންނާނީ މާދަމާގެ 10:30 ގައި ކަމަށް ވެސް ބުނެފައިވެއެވެ.
ޙުކުމަށްފަހު ސަލްމާން ވަނީ ޖޯދްޕޫރުގެ ސެންޓްރަލް ޖަލަށް ގެންދެވިފައެވެ. އޭނާ މިރޭގެ ވަގުތުތައް ހޭދާ ކުރާނީ ޖަލުގައި ކަމަށް ބެލެވެއެވެ. މި ޙުކުމާއި ގުޅިގެން ދެން ކަންތައް ވެގެން ދާނެ ގޮތަކާއިމެދު ސޯޝަލް މީޑިއާގައި ގނަ ބަޔަކު ދަނީ ވާހަކަ ދައްކަމުންނެވެ.